Sun Online
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޔާމީނާ ވާދަ ކުރެއްވުމަށް ނަޝީދު ނޫން ކެންޑިޑޭޓެއް ނެރުމަށް ނިހާން ގޮވާލައްވައިފި

މުޙައްމަދު މުސްޠަފާ
ލިޔުނީމުޙައްމަދު މުސްޠަފާ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ވާދަކުރެއްވުމަށް އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫން އެހެން ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ގޮވާލައްވައިފި އެވެ.

'ޗެނެލް 13'ގައި ވާހަކަފުޅު ދައްކަވަމުން ނިހާން މިރޭ ވިދާޅުވީ ރައީސް ޔާމީނާ ވާދަ ކުރެއްވުމަށް ނަޝީދު ނޫން އެހެން ކެންޑިޑޭޓެއް އެމްޑީޕީން ނެރެން ޖެހެނީ އެ ޕާޓީ އަލުން ހަރުދަނާ ކުރުމަށް ކަމަށެވެ.

"ފުރަތަމަ ކަމަކީ ޑިމޮކްރެޓިކް ވެއްޓެއްގައި އަލުން އެމްޑީޕީ ހަރުދަނާކޮށް ބާރަށް އަލުން އެނބުރި އައުމަށްޓަކައި އޮތް ގާނޫނީ ޝަހުސެއް ކަމުގަ އެމްޑީޕީ ހައްދަވަން ބޭނުންފުޅުވާނަމަ މުހައްމަދު ނަޝީދު އެކަހެރިވެ ވަޑައިގަންނަވާ. މިވަގުތު އެހެރީ 13 އަހަރުގެ ޖަލު ހުކުމެއްގަ. މިހާރު ކެނޑިޑޭޓެއް ނެރުއްވާފަ ޕީޕީއެމާ ވާދަކުރޭ،" ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ނިހާން ވިދާޅުވީ، ހަތެއް ފެބްރުއަރީ 2012ގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި އެމަނިކުފާނުގެ ޕާޓީއާއެކު މަގުމައްޗަށް ނުކުންނެވި ރައީސް ނަޝީދަކީ ދިވެހި ގައުމަށް ހެޔޮއެދޭ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އެމްޑީޕީގެ މެންބަރުންނަކީ އެ މަނިކުފާނު ވަށައިގެން އެނބުރެން ޖެހޭ ބައެއް ކަމަށާއި އެއީ މީގެ ކުރިން އެމަނިކުފާނު ދައްކަވާފައިވާ ވާހަކަފުޅުތަކާ ތައާރަޒުވާ ވާހަކަފުޅުތަކެއް ކަމަށް ނިހާން ވިދާޅުވިއެވެ.

"ޑިމޮކުރެޓިކް ވެއްޓެއްގައި އޮންނަ އެންމެ އަތްމަތީ ބަހަކީ ޕުލޫރަލިސްޓް. އެކަކަށް ވުރެއް ގިނަވުން. އެކިއެކި ލީޑަރުން އުފެއްދުން. އުފެއްދޭނެ މަގުވުން. އެއް ޕާޓީ އަށް ވުރެ ގިނަ ޕާޓީ އޮތުން. މިވާހަކައަށް އޭނަ ވަކާލާތު ކުރެއްވި. އޭނަ ނޫން މީހަކު ހުރެގެން ނުވޭ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވިއެވެ.

ޕީޕީއެމަކީ މެންބަރުން އެދޭ ގޮތަށް ޕާޓީގެ ލީޑާޝިޕް ބަދަލު ކުރާ ޕާޓީއެއްކަން ދައްކައިދީފައިވާ ޕާޓީއެއް ކަމަށާއި އެމްޑީޕީން އެގޮތަށް ކަންތައް ނުކުރާނަމަ އެ ޕާޓީ ދެން ނޯންނާނެ ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އެމްޑީޕީ ދެން ވާނީ ރައީސް ނަޝީދުގެ އާއިލާ އާއި އެމަނިކުފާނުގެ ކައިރީގައި އުޅުއްވާ ބައެއް ރަހުމަރްތެރިން ހިމެނޭ ކުޑަވަރެއްގެ ކުންފުންޏަކަށް ކަމަށާއި މިހާރު ޕާޓީގެ ތެރޭގައި ތިއްބެވި ހަރުދަނާ ބޭފުޅުން ގުޅިގެން އިތުރު ޕަޓީއެއް އުފައްދަވާނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުގައި ހެއްދެވި މަކަރާއި އުޅުއްވި ގޮތް ދިވެހި ރައްޔިތުން މިހާރު ދަސްކޮށްފި ކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި އިރު ދިވެހި ދައުލަތް ވަނީ ސިވިލް ސާވިންޓުންނަށް މުސާރަ ނުދެވޭ ވަރަށް ދަރާފައި ކަމަށެވެ.

infinity loading...
×
DB released 01.