ދަނޑިމަގު ކުޅީގައި ތިންވަނަ ފަހަރަށް ރޯކޮށްލައިފި

ފުވައްމުލަކު ސިޓީގެ ދަނޑިމަގު އަވަށު ކުޅި ކައިރީގައި މިރޭ އަލިފާން ރޯވެފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ފުވައްމުލަކު ސިޓީގެ ދަނޑިމަގު އަވަށުގެ ކުޅި ސަރަހައްދުގައި މިރޭވެސް ބަޔަކު ރޯކޮށްލައިފިއެވެ. މިއީ މިއަހަރުގެ ތެރޭގައި ދަނޑިމަގުގެ ކުޅި ސަރަހައްދުގައި އަލިފާން ރޯވި ތިންވަނަ ފަހަރެވެ.

ފުވައްމުލަކު ސިޓީގެ ދަނޑިމަގު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުނީރު ހަސަން "ސަން"އަށް މިރޭ ވިދާޅުވި ގޮތުގައި، ގަބޫލުކުރެވެނީ އެއީ ބަޔަކު ގަސްދުގައި ކުރާ ކަމެއް ކަމަށެވެ.

މުނީރު ވިދާޅުވީ ދަނޑިމަގު ކުޅި ސަރަހައްދުގެ ގަސްތަކުގައި ރޯކޮށްލާފައިވާ އިރު، މިއީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ ދިމާކޮށް ބަޔަކު ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިރޭވެސް ރޯވެފައިވަނީ ކުޅި ސަރަހައްދުގައި "ފުދޭވަރަކަށް ބޮޑު ސަރަހައްދެއްގަ"އެވެ.

ރޭވެސް ދަނޑިމަގު ކުޅި ސަރަހައްދުގައި ރޯވެފައިވާ އިރު، މިހަފްތާގެ ކުރީކޮޅުވެސް މިފަހަ ހާދިސާއެއް ހިނގާފައިވެއެވެ.

މިފަދަ ހާދިސާއެއް ބަޔަކު ގަސްދުގައި ކުރާ އިރު، އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުޅި ސަރަހައްދު ބަލަމުން ގެންދޭތޯ ސުވާލު ކުރުމުން، މުނީރު ވިދާޅުވީ ކައުންސިލުން އެފަދަ މަސައްކަތް ނުކުރާ ކަމަށެވެ.

ކުޅި ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތާ ބެހޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް "ސަން" އަށް ވިދާޅުވީ، ދަނޑިމަގު ކުޅި ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް