މޯލްޑިވްސް ކޮންޒިއުމާ ފެއާގެ މީޑިއާ ޕާޓްނަރުކަމަށް ސަން އަދި އަވަސް

މޯލްޑިވްސް ކޮންސިއުމާ ފެއާގެ މީޑިއާ ޕާޓްނަރުކަމަށް ސަން އޮންލައިން ހަމަޖެއްސުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަހަރު ބާއްވާ މޯލްޑިވްސް ކޮންސިއުމާ ފެއާގެ ޕާޓްނަރުން ހަމަޖައްސައި، އެފަރާތްތަކާއެކު ސޮއިކޮށްފި އެވެ.

މޯލްޑިވްސް ކޮންސިއުމާ ފެއާއަކީ އެކި ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކާއި، މުދާ ގަންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެވޭނެ ގޮތެއް ހަމަޖައްސައިދޭ ޕްލެޓްފޯމެކެވެ. މި މައުރަޒު އިންތިޒާމުކުރަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ބްލަކް އިންނެވެ. މިއަހަރަކީ އެ ފެއާ ބާއްވާތާ ފަސް ވަނަ އަހަރެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު އޮތް ހަފްލާއެއްގައި ބްލަކްއިން ވަނީ މޯލްޑިވްސް ކޮންސިއުމާ ފެއާއަށް ތިން މީޑިއާ ޕާޓްނަރަކާއި، ބައެއް އެހެނިހެން ދާއިރާތަކުގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފައެވެ.

ކޮންސިއުމާ ފެއާ 2017ގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސަން އޮންލައިން ހަމަޖެއްސި އިރު، މިއަދު އޮތް ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ބްލަކްގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ހުޝާމް އަދި ސަން މީޑިއާ ގްރޫޕުގެ މާކެޓިންގް މެނޭޖަރު އަލީ އަމީރެވެ.

އެ ފެއާގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ދެން ހަމަޖައްސާފައިވަނީ އަވަސް އޮންލައިން އަދި ވިޔަފާރި ޚަބަރުތައް އިނގިރޭސި ބަހުން ގެނެސްދޭ މަޖައްލާ ކޯޕަރޭޓް މޯލްޑިވްސްއެވެ.

މޯލްޑިވްސް ކޮންސިއުމާ ފެއާގެ އެކްސްކްލޫސިވް ސްޕޮންސަރަކަށް ހަމަޖެއްސީ ބީއެޗްއެމް ޓްރޭޑާސްއެވެ.

ކޮންސިއުމާ ފެއާގެ ޕާޓްނަރުން:

  • އެކްސްކްލޫސިވް ސްޕޮންސާ: ބީއެޗްއެމް
  • ސެޓްއަޕް ޕާޓްނަރ: ޝޭޑީ ކެބިން
  • ޕްރިންޓް ޕާޓްނަރ: އެމް7 ޕްރިންޓްސް
  • ޓެލެކޮމް ޕާޓްނަރ: ދިރާގު
  • މީޑިއާ ޕާޓްނަރުން: ސަން އޮންލައިން، އަވަސް އޮންލައިން އަދި ކޯޕަރޭޓް މޯލްޑިވްސް
  • ސެކިއުރިޓީ ޕާޓްނަރ: އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސްޑް ޕްރޮޓެކްޝަން (އެސެޕް)

މޯލްޑިވްސް ކޮންސިއުމާ ފެއާ ބޭއްވުމަށް ބްލަކްއިން ނިންމާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ބްލަކްއިން ބުނީ، ކޮންސިއުމާ ފެއާގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު، މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ބްލަކަކީ ރާއްޖޭގައި ބާއްވާ އެކިއެކި މައުރަޒުތަކާއި އެހެނިހެން އިވެންޓުތައް ވެސް މެނޭޖްކުރަމުން އަންނަ ކުންފުންޏެކެވެ. ލިވްއަބޯޑް އެސޯއިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ މައުރަޒު، މޯލްޑިވްސް މެރިން އެކްސްޕޯވެސް މިހާތަނަށް ބާއްވަމުން އައީ ބްލަކްއިންނެވެ.

comment ކޮމެންޓް