ޓީސީއާ އެއް ގްރޫޕެއްގައި ބަންގާޅު ޗެމްޕިއަނުންނާއި ދެކުނު ކޮރެއާ އަދި ކިރްގިސްތާން ޓީމެއް

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައ އީގަލްސްއާ ދެކޮޅަށް ނުކުތުމަށް ޓީސީގެ ކުޅުންތެރިން ދަނޑުމަތީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އެކި ގައުމުތަކުގެ ކްލަބުތަކަށް ދައުވަތުދީގެން ބަނގްލަދޭޝްގައި ބާއްވާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުގައި ވާދަކުރާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ އެއް ގްރޫޕެއްގައި ބަންގާޅު ޗެމްޕިއަނުންނާއި ދެކުނު ކޮރެއާ އަދި ކިރްގިސްތާންގެ ޓީމެއް ހިމެނިއްޖެއެވެ.

މިމަހުގެ 18 އިން ފެށިގެން އަންނަމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޓީސީ ލައްވާލީ 'ގްރޫޕް އޭ'ގައެވެ.

ޓީސީއާއެކު 'ގްރޫޕް އޭ'ގައި ދެން ހިމެނެނީ ބަނގްލަދޭޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ދާކާ އަބަހާނީއާއި، ދެކުނު ކޮރެއާގެ ހަތަރު ޑިވިޝަންގެ ލީގު ޗެމްޕިއަން އެފްސީ ޕޮޗިއޮން އަދި ކިރްގިސްތާން ލީގުގެ ތިންވަނަ އެފްސީ އަލްގާ ބިޝްކެކްއެވެ.

އެ މުބާރާތުގެ 'ގްރޫޕް ބީ'ގައި ހިމެނެނީ ބަނގްލަދޭޝް ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑާއި އެ ލީގުގެ ދިހަވަނަ ދާކާ މޮހައްމެދަންއާއި ހަތް ފަހަރު ނޭޕާލް ލީގު ކާމިޔާބުކޮށްފައިވާ މަނަންގް މަރްޝިޔަންގްޑި ކްލަބު އަދި އަފްޣާނިސްތާން ޕްރިމިއާ ލީގު ޗެމްޕިއަން ޝަހީން އަސްމަޔީ އެފްސީއެވެ.

އެ މުބާރާތުގައި ވާދަކުރާ ޓީސީއަކީ މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ ވެސް ރަނަރަޕް ޓީމެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އެ މުބާރާތުން ޓީސީއަށް ފުރުސަތުދޭން ނިންމީ އޭއެފްސީ ކަޕްގައި ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އެފްއޭ ކަޕްގެ ޗެމްޕިއަން ކްލަބު ވެލެންސިއާ ވާދަކުރާތީ، ލީގުގެ ރަނަރަޕް ޓީމަށް ޖާގަ ދިނުމުގެ ގޮތުންނެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުގެ ޗެމްޕިއަނުންނަށް ފައިސާގެ އިނާމެއްގެ ގޮތުގައި 30،000 ޑޮލަރު ހުށަހަޅާފައިވާއިރު، ރަނަރަޕަށް ހުށަހަޅާފައިވަނީ 15،000 ޑޮލަރުގެ ފައިސާގެ އިނާމެކެވެ.

comment ކޮމެންޓް