ޖެނުއަރީ މަހުގެ އާމްދަނީ 27.2 ޕަސެންޓު މައްޗަށް

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

މިއަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީގެ މިންވަރު 2016 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު 27.2 ޕަސެންޓު އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ން ނެރެފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީގެ ޖުމްލަ އަދަދަކީ 2.2 ބިލިއަން ރުފިޔާއެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 1.7 ބިލިއަން ރުފިޔާއެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހުގެ އާމްދަނީ އިތުރުވެފައިވަނީ ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އަދަދު އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީ އެވެ. ބީޕީޓީން ޖުމްލަ އާމްދަނީގެ 43.2 ޕަސެންޓް ހިއްސާ ކުރާއިރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު 943.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީން ދައުލަތަށް 742.64 މިލިއަން ރުފިޔާ ލިބިފައިވާއިރު ޖީއެސްޓީން މުޅި އާމްދަނީގެ 34 ޕަސެންޓު ހިއްސާ ކުރެއެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ މިންވަރު 27.2 ޕަސެންޓު އިތުރުވެ 2.2 ބިލިއަން ރުފިޔާއަށް އެރި އިރު އޭގެ ތެރޭގައި، ބޭރު ފައިސާގެ ގޮތުގައި (ޑޮލަރުގެ ގޮތުގައި) ދައުލަތަށް 66.5 މިލިއަން ޑޮލަރު ވަދެފައިވެއެވެ.

comment ކޮމެންޓް