ކާށިދޫ ކަނޑަށް ދޯންޏެއް ބަންޑުން ޖަހައިލައިފި

ދެ މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ކާށިދޫ ބޮޑު ކަނޑަށް ބަންޑުން ޖަހައިލައިފި އެވެ.

ދިގު މިނުގައި 35 ފޫޓް ހުންނަ އެ ދޯނި ބަންޑުން ޖަހާލައިފައި ވަނީ ޅ. ކުރެންދޫން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރަމުން ދަނިކޮށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު "ސަން" އަށް ވިދާޅުވީ، އެ ހާދިސާގައި އެއްވެސް މީހަކަށް ހާނިކައެއް ވެފައި ނުވާކަމަށެވެ. އަދި މިހާރު އެ ދޯނީގައި ތިބި ދެމީހުން ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ.

އަދުނާނު ވިދާޅުވީ، އެ ހާދިސާ ހިނގާފައިވާ ކަމަށް އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށެވެ.

އެޚަބަރު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާ އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ދަނީ ހަރަކާތްތެރިވަމުން ކަމަށް އަދުނާނު ވިދާޅުވި އެވެ.

އެގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓާ ކްރާފްޓް، ހަކުރާ ލޯންޗު މާލެއިން އެ ސަރަޙައްދަށް ދިޔުމަށް ދަތުރުކުރަމުން ދާއިރު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޅ. މާފިލާފުށިން ފުރައިގެން އެ ސަރަޙައްދަށް ދިޔުމަށް ފުރާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.

comment ކޮމެންޓް