މެސީ ހުއްޓުވޭނީ "ބަނދެގެން" އެނޫން ގޮތެއް ނެތް: ލޫކަސް

ޕީއެސްޖީ އާއި ބާސެލޯނާ މީގެ ކުރިން ކުޅުނު މެޗެއްގައި މެސީ ހުއްޓުވުމަށް އެޓީމްގެ ޑިފެންޑަރުން މަސަތްކަތް ކުރަނީ ---

ޗެމްޕިއަންސް ލީގްގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނިކުންނަ އިރު އެޓީމްގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ ހުއްޓުވޭނެ ހަމަ އެކަނި ގޮތަކީ ރަނގަޅަަށް ބަނދެލުން ކަމަށް ބުނެ ޕީއެސްޖީގެ ފޯވާޑް ލޫކަސް މޯރާ ވާހަކަދައްކައިފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ މެސީ މިވަގުތު ހުރީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ލީގްގައި މެސީ ދައްކަމުންދާ މޮޅު ކުޅުމާ އެކު އޭނާ މިވަގުތު އިނީ ޖުމްލަ 17 ގޯލު ކާމިޔާބްކޮށް ލަނޑު ލިސްޓްގެ ވެސް ދެވަނައިގަ އެވެ.

ޗެމްޕިއަންސް ލީގްގެ ގަދަ 16ގެ ޕްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ބާސެލޯނާ މިރޭ ނިކުންނަ އިރު ޕީއެސްޖީގެ ލޫކަސް ބުނީ މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމަކީ ބާސެލޯނާ ކަމަށާއި ނަމަވެސް އެއްވެސް ޓީމަކީ ނުހުއްޓުވޭނެ ޓީމެއް ނޫން ކަމަށެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ މެސީ ހުއްޓުވޭނެ ގޮތެއް ނެތުން. އޭނާ ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ބަނދެލައިގެން މައިތިރިކުރުން. މެޗުގައި އަހަރެމެން ޓީމުން ވަރަށް ބޮޑަށް ފޯކަސް ކުރާނެ މެސީ އަށް ސަޕްލައި ކުރާ ބޯޅަ ހުއްޓުވަން،" އެޕީއަށް ދިން އިންޓަވިއުއެއްގައި ލޫކަސް ބުންޏެވެ.

ލޫކަސް ބުނީ މެސީގެ އިތުރުން ބާސާގެ ފޯވާޑް ލައިނަކީ ވަރަށް ނުރައްކާތެރި ޑިޕާޓްމަންޓެއް ކަމަށާއި އޭގެ ތެރޭގައި މިސީޒަނުގައި 10 ގޯލު ކާމިޔާބުކޮށް 15 އެސިސްޓް ކޮށްފައިވާ ނޭމާ ހުއްޓުވުމަށް ވެސް ސަމާލުކަން ދޭނެ ކަމަށެވެ.

"މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމަކީ ބާސެލޯނާ. އެކަމާ ދެބަހެއް ނުވެވޭނެ. އެކަން ގަބޫލުކޮށް ފުރިހަމައަށް އެމީހުނަށް އިހްތިރާމް ކުރާނަން،" ލޫކަސް ބުންޏެވެ.

ބާސާއަށާއި އެޓީމްގެ ފޯވާޑްލައިނަށް ތައުރީފްކޮށް ލޫކަސް ވާހަކަ ދައްކާފައިވާ އިރު މިވަގުތު ޕީއެސްޖީގައި އެންމެ ރަނގަޅު ފޯމެއްގައި ހުރީ އޭނާ އެވެ. ލޫކަސް ވަނީ މިސީޒަނުގައި ބާސާއަށް 34 މެޗު ކުޅެދީ 14 ގޯލު ކާމިޔާބްކޮށްދީފަ އެވެ.

އަނެއްކޮޅުން ޕީއެސްޖީއަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑު ވުމަކީ އެޓީމްގެ އިތުބާރު ޑިފެންޑަރު އަދި ކެޕްޓަން ތިއާގޯ ސިލްވާއަށް އަނިޔާވެ މިރޭގެ މެޗުގައި ނުކުޅުވުމެވެ. ސިލްވާގެ ވާއަތު ފައިގެ ކުޑަކަޅުވާއަށް އަނިޔާވެފައިވާ އިރު އިއްޔެ ބޭއްވި ޕީއެސްޖީގެ ފައިނަލް ޕްރެކްޓިސްގައި ވެސް އޭނާ ބައިވެރިވެފައެއް ނުވެ އެވެ.

ޕީއެސްޖީއާ ބާސެލޯނާ ބައްދަލުކުރާ ފުރަތަމަ ލެގްގެ މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑިން 00:45 ގައި ޕީއެސްޖީގެ ދަނޑުގަ އެވެ.

comment ކޮމެންޓް