ދައުލަތުގެ މީޑިއާއިން އެނާޖީ ޑްރިންކް އިސްތިހާރު ކުރާތީ މެމްބަރުން ކަންބޮޑުވެއްޖެ

މޯލްޑިވިއަން އައިޑޮލްގެ ޖަޖުން އިށީދެ ތިބިއިރު މޭޒު މާތީގައި އެކްސެލް އެނާޖީ ޑްރިންކް ދަޅެއް ---

އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކްސް ދައުލަތުގެ މީޑިއާއިން އިސްތިހާރު ކުރާތީ ބައެއް މަޖިލިސް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިހާރު 15 ޕަސެންޓް ޑިއުޓީ ނަގާ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ލިޓަރަކަށް ހަތަރު ރުފިޔާ 60 ލާރި ނަގަން މަޖިލީހަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

އެ އިސްލާހަށް ބަހުސްކުރައްވަމުން ގަމު ދާއިރާގެ މަޖިލިސް މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަނީ ދިވެހި ރައްޔިތުންގެ ސިއްހަތަށް ގެއްލުންވާތީ ކަމަށް ވާނަމަ ސަރުކާރުން 80 ޕަސެންޓް ހަރަދުކޮށްގެން ހިންގާ ޕީއެސްއެމްއިން އެނާޖީ ޑްރިންކް އިޝްތިހާރު ނުކުރާނެ ކަމަށެވެ.

ގަމު ދާއިރާގެ މަޖިލިސް މެމްބަރު ފައްޔާޒު އިސްމާއިލް --- ފޮޓޯ// މަޖިލިސް

" ރައްޔިތުންގެ ސިއްހަތަށް ވިސްނާ ނަމަ ޕަބްލިކް ސާވިސް މީޑިއާ ކުންފުނީގެ މޯލްޑިވިއަން އައިޑަލް މުޅި ދިވެހިރާއްޖޭގެ އެންމެ ކުޑަކުދިންނުން ފެށިގެން މުސްކުޅިންނަށް ބަލަމުން އެދާ ޕްރޮގްރާމެއް އެކްސެލް ޑްރިންކަކުން ސްޕޮންސްކުރިއަކަ ނުދޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

ބޮޑު ޓެކުހެއް ނަގާފައި މުޅި ރާއްޖޭގެ ހުރިހާ ގެތަކަށް ޕީއެސްއެމްއިން އެނާޖީ ޑްރިންކް އިސްތިހާރު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްވެސް ވިދާޅުވީ ދައުލަތުގެ މީޑިއައިން އެނާޖީ ޑްރިންކް އިސްތިހާރު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް -- ފޮޓޯ/ މަޖިލިސް

" ހަމައެކަނި އެއްބައިކަންތައް ކޮށްފައި އަނެއްބައި ކަންތަކުން ދުރުހެލިވުމެއް ނޫން ރަނގަޅު ގޮތަކަށް ވާނީ. އެނާޖީ ޑްރިންކްފަދަ އެއްޗިހި ދައުލަތުގެ މީޑިއާއިން އިސްތިހާރު ކުރުން ހުއްޓާލަން ޖެހޭ،" އަނާރާ ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާއިން އެނާޖީ ޑްރިންކް އިސްތިހާރު ކުރާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވުމާއި ގުޅިގެން ޕީޕީއެމްގެ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ " މެމްބަރުން ފާހަގަކުރެއްވީ ރަނގަޅު ވާހަކައެއް" ކަމަށެވެ. ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ނަމަ އެނާޖީ ޑްރިންކްވެސް އިސްތިހާރު ކުރެވިގެން ނުވާނެ ކަމަށެވެ.

ގިނަ ބަޔަކު ބަލާ މޯލްޑިވިއަން އައިޑޮލް ޝޯގެ ބެވްރެޖް ޕާޓްނާއަކީ އެކްސެލް އެނާޖީ ޑްރިންކެވެ. ވޭތުވެދިޔަ އަހަރުވެސް އެކްސެލް އެނާޖީ ޑްރިންކް މޯލްޑިވިއަން އައިޑޮލްގެ ބެވްރެޖް ޕާޓްނާއަކަށް ހަދާފައި ވާއިރު މިދިޔަ އަހަރުގެ އައިޑޮލްއަކަށް ހޮވުނު ލައިޝާ ޖުނައިދުގެ ފޮޓޯވެސް ވަނީ އެކްސެލް ދަޅުގެ ބޭރުގައި ޖަހައިފައެވެ.

comment ކޮމެންޓް