ސިނގިރެޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބޮޑުކުރަން ޖެހޭ: ނިހާން

މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ// މަޖިލިސް

ސިނގިރެޓް ސިޓިކަކަށް ނަގާ ޓެކްސް ދެ ރުފިޔާ އަށް ބޮޑުކުރަން މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އިތުރަށް ބަދަލުކޮށް، އެ އަދަދު ހަތަރު ރުފިޔާއަށް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ ސިނގިރެޓް ފޮއްޓެއްގެ އަގު 90 ރުފިޔާއަށް ވުރެ ބޮޑުވާނެ އެވެ. އަދި އެނާޖީ ޑްރިންކުގެ އަގު ވެސް އުފުލިގެން ދާނެ އެވެ.

ދިމާވި ބޮޑު ސިއްހީ މައްސަލައަކާ ގުޅިގެން ސިނގިރެޓް ބުއިން މިހާރު ހުއްޓާލާފައިވާ ނިހާން މިއަދު މަޖިލީހުގައި ބަހުސްކުރައްވަމުން ވިދާޅުވީ ސިނގިރެޓުންނާއި އެނާޖީ ޑްރީންކުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމީ "ދިވެހި ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށް" ޓަކައި ކަމަށެވެ.

ނިހާން ވިދާޅުވީ ރާއްޖެ ނޫން އެހެން ގައުމުތަކުގައި ސިނގިރެޓް ފޮއްޓެއް މިހާރު ވެސް އުޅެނީ 10 ޑޮލަރަށް ވުރެ މަތީގައި ކަމަށެވެ. ރާއްޖޭގައި ސިނގިރެޓަކަށް ނަގާ ޑިއުޓީ ދެރުފިޔާ އަށް ބޮޑުކުރިޔަސް ސިނގިރެޓް ފޮއްޓެއްގެ އަގު އެ ޖެހެނީ ހަ ޑޮލަރަށް ކަމަށާއި އެހެންވީމާ އަދި ވެސް ޑީއުޓީ ބޮޑުކުރަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިނގިރެޓަކަށް ހަތަރު ރުފިޔާ ޖަހަން ޖެހޭ. މިވަރުން ގޮސްގެން ނޫނީ އަޅުގަނޑުމެންގެ ގައުމުގައި މިކަން ހުއްޓޭނެ ގޮތެއް ނެތް،" ނިހާން ވިދާޅުވި އެވެ.

އަމިއްލަ ތަޖުރިބާގެ އަލީގައި ސިނގިރެޓަކީ އިންސާނާގެ ހަށިގަނޑަށް ކިހާގެއްލުމެއް ހުރި އެއްޗެއްކަން ބުނެދޭން އެނގޭކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ. އެހެންވީމާ 100 ނުވަތަ 200 ރުފިޔާ އަށް ސިނގިރެޓް ފޮއްޓެއްގެ އަގު ބޮޑުކުރަން ވޯޓުދޭން "ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ތައްޔާރު" ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުން ކަމަށެވެ. އެއީ ކޮންމެހެން ފައިސާތަކެއް ބަޖެޓަށް ހޯދަން ކުރާކަމެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.

ސިނގިރޭޓުން ނަގާ އިމްޕޯޓްޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާ އިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިހާރު ސިނގިރޭޓް ސިޓިކަކުން ނަގަނީ 1.25 ރުފިޔާ އެވެ.

comment ކޮމެންޓް