ޕީއެސްޖީން ބާސާއާ ކުރިމަތިލާއިރު ތިއާގޯ ސިލްވާއަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގައި ޕީއެސްޖީއާ ބާސެލޯނާ ބައްދަލުކުރާ މެޗުގައި ތިއާގޯ ސިލްވާއަށް ނުކުޅެވޭނެ -- ފޮޓޯ: ގޯލް

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި އެޓީމުގެ ބްރެޒިލް ޑިފެންޑަރު އަދި ކެޕްޓަން ތިއާގޯ ސިލްވާ ނުފެންނާނޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވާތުފައިގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ހުކުރު ދުވަހު ފްރާންސް ލީގުގައި ޕީއެސްޖީން ބޯޑޯއާ ދެކޮޅަށް ކުޅެ 3-0 އިން މޮޅުވި މެޗުގައިވެސް ތިއާގޯ ނުކުޅެއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބާސާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުތުމަށް، ހޯމަ ދުވަހު ޕީއެސްޖީން ބޭއްވި ފަރިތަކުރުންތަކުގައި ވެސް ތިއާގޯއަށް ބައިވެރިއެއް ނުވެވުނެވެ. އެހެންކަމުން، އެ މެޗަށް ނެގި 18 ކުޅުންތެރީންގެ ސްކޮޑްގައި ތިއާގޯ ހިމަނާފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ މުހިއްމު ޑިފެންޑަރު ނެތި، ޕީއެސްޖީން މި ސީޒަނުގައި ކުޅޭ އެންމެ ވަރުގަދަ އެއް އިމްތިހާނަށް ކުރިމަތިލާއިރު، ސަސްޕެންޝަންގެ ސަބަބުން އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ތިއާގޯ މޮޓާއަށް ވެސް އެ މެޗުގައި ނުކުޅެވޭނެއެވެ.

ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަމަ، ނަތީޖާ ނެރުމަށް މާޗު 8ގައި ބާސާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ޕީއެސްޖީއަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީން ޕީއެސްޖީއާ ހަވާލުވިފަހުން، 2014-15 ސީޒަންގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ޕީއެސްޖީން ވަނީ ބާސާ ބަލިކޮށްފައެވެ. އެ މެޗުގައި ސިލްވާ ވެސް އަދި އޭރު އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޒްލަޓާން އިބްރަހިމޮވިޗްވެސް ނެތެވެ. އެހެންކަމުން މިއީ އެޓީމަށް ލިބޭނޭ ކޮންމެވެސް ވަރެއްގެ ހިތްވަރަކަށް ވާނެއެވެ.

ގަދަ 16ގައި ޕީއެސްޖީއާ ބާސެލޯނާ ކުޅޭ މެޗު އޮންނާނީ މިރޭ މެންދަމު 12:45ގައެވެ.

comment ކޮމެންޓް