ބޯންމައުތު ބަލިކޮށް ސިޓީން ޗެލްސީއާ އަށް ޕޮއިންޓް ގާތަށް

ސިޓީގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު އެޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ބޯންމައުތު 0-2ގެ ނަތީޖާއަކުން ބަލިކޮށް، ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއާ އަށް ޕޮއިންޓް ގާތަށް މެންޗަސްޓާ ސިޓީ ޖެހިލައިފިއެވެ.

ތާވަލުގެ އެއްވަނައިގައި ޗެލްސީ 60 ޕޮއިންޓާ އެކު އޮތް އިރު ރޭގެ މޮޅާ އެކު ސިޓީ ވަނީ 52 ޕޮއިންޓާ އެކު ދެވަނައަށް ޖެހިލައިފައެވެ. ކުރިން ދެވަނައިގައި، 50 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމް ވަނީ ތިން ވަނައަށް ވެއްޓިފައެވެ.

ރަށުން ބޭރުގައި ސިޓީން ރޭ ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. ސިޓީގެ ދެވަނަ ގޯލަކީ ބޯންމައުތު ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެގޯލު 69 ވަނަ މިނެޓްގައި ވަނީ ބޯންމައުތުގެ ޓައިރޯން މިންގްސް އަތުން ބައިކޮޅަށެވެ.

ރޭގެ މެޗުގެ ކުރީ ކޮޅުގައި، ބްރެޒިލްގެ އުމުރުން 19 އަހަރުގެ ފޯވާޑް ގެބްރިއަލް ޖީސަސް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ސާޖިއޯ އަގުއެރޯއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ގެބްރިއަލްގެ ފައިގެ ކުޑަހުޅަށް ލިބުނީ އެހާ ސީރިއަސް އަނީޔާއެއް ނޫން ކަމަށާއި އަނިޔާގެ ތަފްސީލް ލިބޭނީ މިއަދު ކަމަށެވެ.

"ރިސްކެއް ނުނަގަން ވެގެން ގެބްރިއަލް ބަދަލުކުރީ. އުންމީދު ކުރަނީ ވީހާވެސް އަވަހަކަށް އޭނާ ޓީމާއި ގުޅޭނެ ކަމަށް،" ގާޑިއޯލާ ބުންޏެވެ.

comment ކޮމެންޓް