ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ރާނީ އެނބުރި އަންނަނީ

ރާނީ މުކަރްޖީ

ތިން އަހަރެއްހާ ދުވަހަށް ކެމެރާގެ ކުރިމަތިން ގެއްލުމަށް ފަހު، ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ފިލްމަކާ އެކު އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ.

ރާނީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'މަރްދާނީ' އިންނެވެ. އެ ފިލްމަށް ފަހު ރާނީގެ އިތުރު ފިލްމެއް މިހާތަނަށް ނުކުމެފައި ނުވާއިރު، ރާނީ ކެމެރާގެ ކުރިމަތިން ގެއްލުނީ ކައިވެނިކުރުމަށް ފަހު، އަމިއްލަ ދިރިއުޅުމާއި ފުރަތަމަ ދަރިފުޅުގެ ކަންތައް ތަކުގައި ބިޒީވުމުންނެވެ.

ނަމަވެސް ރާނީ މިހާރު މިވަނީ އަނެއްކާ ވެސް ފިލްމެއްގެ މަސައްކަތަށް ތައްޔާރުވާން ފަށައިފައެވެ. ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން އެ ޕްރޮޖެކްޓުގެ މަސައްކަތް ފަށާނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށް، ސިދާރްތު ޕ.މަލޯތުރާ ޑައިރެކްޓް ކުރާ އެ ފިލްމުގައި ރާނީ އާއެކު ފެނިގެން ދާނީ ކޮން ފިރިހެން އެކްޓަރެއް ކަން އަދި ޔަގީން ނުވެ އެވެ.

ސްކްރިޕްޓު ކިޔުމަށް ފަހު ރާނީ ފިލްމަށް އެއްބަސްވެފައި ވާއިރު، އެ ރޯލަށް ފުރިހަމައަށް ތައްޔާރުވުމަށް ރާނީއަށް ލިބިފައި ވަނީ ދޮޅު މަހެއްހާ ދުވަހެވެ.

comment ކޮމެންޓް