މަގުމަތީގައި މަހާނަ ހެދުމުން އުކުޅަހުން ހައްޔަރުކުރި ފަސްމީހުން ދޫކޮށްލައިފި

އއ. އުކުޅަސް

އއ. އުކުޅަހު ދެ ގެއެއްގެ ދެމެދަށް ވާގޮތަށް މަގުމަތީގައި މަހާނައެއް ހެދި މައްސަލައެއްގައި އެރަށުން ހައްޔަރު ކުރި މީހުން މިއަދު ދޫކޮށްލައިފި އެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. އަތޮޅު ކައުންސިލްގެ މެންބަރަކު ވެސް ހިމެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ތަހުގީގަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު އެމީހުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުން ފުލުހުންގެ ބަންދުގައި 15 ދުވަހު ބޭތިއްބުމަށް ކުރި އަމުރުގެ މުއްދަތު ހަމަނުވަނީސް އެމީހުން ދޫކޮށްލި ނަމަވެސް ތަހުގީގު ކުރިއަށްގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމީހުން ހައްޔަރުކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު މީގެ ކުރިން ސަން އަށް ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށު ނޫވިލާގެ އާއި މާޖެހި ގެއާ ދެމެދު މަހާނައެއް ހެދި މައްސަލާގައި ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އެކަމާ އެއްވެސް ގޮތަކަށް ގުޅުމެއް ނެތް މީހުން ހިމެނޭ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުގައި މަހާނައެއް ހެދި ހެދުމަކީ ބަޔަކު މަޖަލަކަށް ކުރި ކަމެއް ކަމަށާއި އެކަން ކުރީ އެތައް ބައެއްގެ ކުރިމަތީގައި ކަމަށެވެ. އަދި އެރޭ އާދައިގެ ހެދުމުގައި ފުލުހަކު އެތަނަށް ގޮސް މަހާނަ ހަދާފައިވާ ވެލިގަނޑު ފަތުރާލާފައިވާ ކަމަށް ވެސް އުކުޅަހު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

"މަހާނަ ހެދި މީހުން ވެސް އެ ފުލުސް މީހާ އަށް އެއްބާރުލުން ދިން. އެންމެންގެ ހާޒިރުގައި އެ ފުލުސް މީހާ ވަނީ މަހާނަ ހަދާފައިވާ ވެލިގަނޑު ބިންމައްޗަށް ފަތުރާލާފައި. އެ ފުލުސް މީހާ ބުނަން ވެސް ބުނި މިއީ އެންމެ ފުލުހަކު އައިސް ސިޔާސީ ހަރަކާތެއް ހުއްޓުވި ފުރަތަމަ ފަހަރޭ،" ފިރާގު ވިދާޅުވި އެވެ.

comment ކޮމެންޓް