ފުވައްމުލަކު ދަނޑިމަގު ކުޅި ސަރަހައްދުގައި އަނެއްކާވެސް ރޯކޮށްލައިފި

ދަނޑިމަގު ކުޅި ސަރަހައްދުގައި އަލިފާން ރޯކޮށްލާފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ފުވައްމުލަކު ދަނޑިމަގު ކުޅި ސަރަހައްދުގައި އަނެއްކާ ވެސް އަލިފާން ރޯކޮށްލައިފި އެވެ.

ފުވައްމުލަކު ކައުންސިލްގެ ޒިންމާދާރު ވެރިޔާ، މުނީރު "ސަން"އަށް މިރޭ ވިދާޅުވީ، އެ ސަރަހައްދުގައި އަލިފާން ރޯކޮށްލާފައި ވަނީ މިއަދު އިރުއޮއްސުނުފަހުން ކަމަށެވެ. އެކަން ކުރި ބަޔަކު ނޭނގޭ ކަމަށް މުނީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅި ސަރަހައްދުގައި އަލިފާން ރޯކުރުމުގެ ސަބަބުން ދަނޑުވެރިކަން ކުރާ ބައެއް ދަނޑުތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އެގޮތުން މުނީރު ވިދާޅުވީ އެ ސަރަހައްދުގައި މީހުން އަލަ ހައްދާ ކަމަށާއި އަލިފާނުގެ ސަބަބުން ގަސްތަކަށް ހޫނުވެ ގަސްތައް ހަލާކުވާނެ ކަމަށެވެ.

މީގެ ތިން ދުވަސް ކުރިން ވެސް އެ ސަރަހައްދުގައި ވަނީ ރޯކޮށްލައިފަ އެވެ. މިއަދު ރޯކޮށްލި އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ ރެސްކިއު އާއި ފުލުހުން ގުޅިގެން މިހާރު ވަނީ ނިއްވާލައިފަ އެވެ.

ދަނޑިމަގު ކުޅި ސަރަހައްދުގައި އަލިފާން ރޯކޮށްލާފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ތިންދުވަސް ކުރިން އެތަނުގައި އަލިފާން ރޯކޮށްލުމާ ގުޅިގެން، ފުވައްމުލަކު ދަނޑިމަގު ކައުންސިލްގެ ރައީސް ހުސައިން ފަހުމީ ސަން އަށް ވިދާޅުވީ އެއީ އެ ސަރަހައްދު ހިކޭ ދުވަސްވަރު މީހުން ކުރާކަމެއް ކަމަށެވެ.

"އާއްމުކޮށް އިރުވައި މޫސުމުގައި އެތަން އޮންނާނީ ވަރަށް ބޮޑަށް ހިކިފައި. ދެން އެތަނުގައި ކުދިންތަކެއް ރޯކޮށްލީ ކަމަށް ބެލެވެނީ. އުޅޭނެ ތަންކޮޅެއް 'ވިޔާނުދާ' ކުދިން،" ކައުންސިލަރު ފަހުމީ ވިދާޅުވއެވެ.

ފުވައްމުލަކަކީ ހުސްކޮށް ބިމުގެ ބޮޑު ސަރަހައްދެއް އޮތް ރަށެކެވެ.

comment ކޮމެންޓް