އޭރު މަސްތުވި، މިއަދު އެކަމުން ސަލާމަތް ކޮށްދޭ ޖަޑިބު!

މަސްތުވުމުން ސަލާމަތްވެފައިވާ ނިޒާމް-- އޭނާ މިއަދުގެ މަސައްކަތަކީ އެފަދަ ފަރާތްތައް ސަލާމަތް ކުރުން-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކ.ހިންމަފުށިން: އަހުމަދު ސާއިލް އަލީ

މީގެ 10 ވަރަކަށް އަހަރު ކުރިން ނ.ވެލިދޫ، 33 އަހަރުގެ އަހުމަދު ނިޒާމްގެ ނަން ބުނެފި ނަމަ އެއީ މީހުން ފޫހިކުރުވާ ނަމެކެވެ. މައިންބަފައިން ވަކިވުމާ އެކު ޅަދުވަހުން ފެށިގެން މަސްތުވުމާއި ކުށްކުރުމަކީ އޭރު އޭނާގެ އާދަ އެވެ. އެކަން ފެށުނީ ބައްޕަގެ ރަހުމަތްތެރިންތަކަކާ އެކު ޖަރުމަނުގައި ކިޔަވަން ހުރި ދުވަސްވަރެވެ. އޭރު މަސްތުވުމަށް ދިޔާތަކެތި ބޭނުން ކުރި ނަމަވެސް މާލެ އައިސް ހިކިތަކެތި ބޭނުންކުރަން ފެށި އެވެ.

އެއާޕޯޓް ރެޕެއްގެ ވަޒީފާގައި އުޅެމުން ވެސް މަސްތުވުމުގެ ނުބައި އާދަ ދޫނުކޮށްލުމުގެ ނަތީޖާއަކަށްވީ ވަޒީފާ ގެއްލި މަގުމަތިވުމެވެ. ރަނގަޅު އެކުވެރިންނާއި އާއިލާ އަދި ލޯބިވެރިން ވެސް އޭނާއާ ދުރުވުމެވެ. މަސްތުވުމުން ސަލާމަތްވުމަށް އަމިއްލައަށް ނިޒާމް 2003 ވަނަ އަހަރު ކ. ހިންމަފުށީގައި ހުންނަ ރިހެބަށް ދިޔަ އެވެ. އޭގެ އެއް އަހަރުފަހުން ފަރުވާ ލިބިގެން މާލެ އައިސް އަނެއްކާ ވެސް ވަޒީފާއަކަށް ގުޅުނެވެ. މާކަ ގިނަ ދުވަހެއްނުވި އެވެ. އަނެއްކާ ވެސް މަސްތުގެ ދުނިޔެއަށް ދިޔައީ އެވެ.

ނިޒާމް އޭނާގެ ބަދަލުވި ހަޔާތް ސަން އާއި ހިއްސާ ކުރަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެދިރިއުޅުމުގައި އުޅެމުންގޮސް މަސްތުވުމަށް ގޭގައި ހުއްޓާ ނިޒާމްގެ މާމަ، 2005 ވަނަ އަހަރު އޭނާ ފުލުހުންނާ ހަވާލުކުރި އެވެ. ދެ މަސް ދުވަހު ޖަލުގައި ބޭއްވުމަށް ފަހު އަނެއްކާ ވެސް ނިޒާމް ރިހެބަށް ބަދަލުކުރި އެވެ. އެފަހަރު ފަރުވާއަށް ފަހު އޭނާ ރިހެބުގެ މުވައްޒަފަކަށް ބަދަލުވި އެވެ. އަދި ރިހެބުގައި މަސައްކަތްކުރާ ކައުންސިލަރަކާ ލޯބީގެ ގޮތުން ގުޅުނެވެ. އެއާ އެކު ހިންމަފުއްޓަށް ދިރިއުޅުން ބަދަލުކުރި އެވެ.

މިއަދު އެންމެންގެ ނިޒާމްބެ

އޭގެ ފަހުން މިއަދަށް ބާރަ އަހަރެވެ. މީހުން އެދުވަހު ބަލައި ނުގަތް އަދި ފުރަތަމަ ކޮޅު ވަޒީފާއެއް ނުލިބި ބާކީވި ނިޒާމަކީ މިއަދު ސީޕްރިއާގެ މެރިން ފުޑްސްގެ ޖެނެރަލް މެނޭޖަރެވެ. އޭނާ ހިއްސާވާ ދެ ގެސްޓުހައުސް އާއި ވޯޓާ ސްފޯޓްސް ހިންގަ އެވެ. ހިންމަފުށީ ގެސްޓް ބީޒުގެ މޭސްތިރިއަކީ ވެސް އޭނާ އެވެ.

ހިިންމަ ފުށީ އަތިރިމަތީގައި ފަތުރުވެރިން ތަކެއް ވަގުތު ހޭދަކުރަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއީ ހިންމަފުށީ ޒުވާނުންގެ ޖަޑިބެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އެކަމުން ދުރުހެލިވުމަށް އެހީތެރިވެ، ރަނގަޅު ބައެއްގެ ގޮތުގައި އަލުން މުޖުތަމައުއަށް ނެރުމަށް އޭނާ ކުރާ މަސައްކަތް ފާހަގަކޮށްލެވެ އެވެ. ނިޒާމުގެ އަމިއްލަ ވިޔަފާރީގައި މަސައްކަތް ކުރާ ހަތް މުވައްޒަފުންގެ ތެރެއިން ފަސް ޒުވާނުންނަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޒުވާނުންނެވެ.

"ނިޒާމްބެ މިއީ އެއްވަނައިގެ މީހެއް، ކަމެއް ވީމައެއްނު މި ރަށު އެންމެން ނިޒާމްބެ ކިޔަނީ ވެސް، އެއި ހަމަ މިސާލެއް،" ނިޒާމްގެ ސްޓާފެއްކަމަށްވާ މުހައްމަދު ޝައުބާން،21، ބުންޏެވެ.

މަސްތުވުމުގެ އެންމެ ނުރައްކާ ހާލަތުގައި ހުރެފައި މިއަދު ނިޒާމް ވެފައިވާ ބަދަލަކީ އެއާއިލާއަށް ވެސް ލިބިފައިބާ ބޮޑު އުފަލެކެވެ. އޭނާގެ ކޮއްކޮ އަލީ ޝިރާން ބުނީ ކުރިން ފެނުނު ނިޒާމް ބަދަލުވާނެ ކަމަށް ހީވެސް ނުކުރާ ކަމަށާއި މިހާރު ވަރަށް އުފާ ކުރާ ކަމަށެވެ.

"އެންމެ ގަދަޔަށް އެޑިކްޓްވާ ސުޓޭޖްގައި ހުރި މީހެއް ދޮންބެއަކީ، އެކަމަކު މިހާރު އެހެރީ އެއްކޮށް ކްލީންކޮށް، ކޮންމެ މީހަކަށް ވެސް ހުއްޓާލެވޭނެ، އެ މީހެއްގެ ހިތް ހުރިހާ ވެސް އެއްޗަކީ،" އޭނާގެ ކޮއްކޮ ބުންޏެވެ.

ފުރަތަމަ ކައިވެނި ރޫޅުނު ނަމަވެސް މިއަދު ނިޒާމަކީ ހިންމަފުށީ ކުއްޖަކާ ދެ ވަނަ ކައިވެންޏެއްކޮށް ތިން އަހަރުގެ ދަރިއެއްގެ ބައްޕައެކެވެ. އޭނާގެ ދިރިއުޅުން ވަރަށް ވެސް އުފާވެރި އެވެ.

"ވަރަށް ރަނގަޅު، މިހާރު އެކަހަލަ [މަސްތުވުމުގެ] އެއްވެސް ކަމެއް ނެތް، އަސްލު ނިޒާމްމެން ފަދަ މީހުންނަށް ލޯބި ދިނުމުން އިސްލާހްވާނެ،" ނިޒާމްގެ އަންހެނުން ނަހްލާ ހުސެއިން ބުންޏެވެ.

ނިޒާމް އަންހެނުންނާއި ދަރިފުޅާއެކު-- މިއަދު އޭނާ އުޅެމުންދަނީ އުފާވެރި ދުރިއުޅުމެއް-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ހިންމަފުށީ ޒުވާނުން ބަދަލުކުރާ މޭސްތިރި

ހިންމަފުއްޓަކީ މަސްތުވާތަކެތީގެ މައްސަލަ ބޮޑު ރަށެކެވެ. ނަމަވެސް ގެސްޓްހައުސްގެ ވިޔަފާރިއާ އެކު ވަޒީފާތައް އުފެދުމުގެ ސަބަބުން ޒުވާނުން އެބަވާއިން ދުރަށް ދާން ވަނީ ފަށައިފަ އެވެ. އެ ޒުވާނުންނަށް މަގު ދައްކައިދޭ އެންމެ އިސް އެކަކީ ނިޒާމެވެ.

"މިރަށު ކަންތަކުގައި ޒުވާނުން ކަންތަކުގައި އެންމެ ފުރަތަމަ އިސްނަގާ މީހަކީ ނިޒާމް، މިހާރު ރަށުގައި ޒުވާނުން ކަމެއް ވިޔަސް ރަށުގެ އިޖުތިމާއީ ކަމެއްވިޔަސް އެކަންކަން ކުރަން އިސްނަގައިގެން އުޅޭ މީހުންގެ ތެރޭގައި ނިޒާމް ހިމެނޭ، އޭނަގެ ސަބަބުން މިރަށަށް ހާއްސަކޮށް ޔޫތަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދަނީ،" ހިންމަފުށީ ކައުންސިލް މެމްބަރު ހަސަން ފާއިޒް ވިދާޅުވި އެވެ.

މަސްތުވުމުން ސަލާމަތްވެވޭނެ، ދެން ނުބޯނަން!

މަސްތުވުމަކީ މިއަދު ރާއްޖެއަށް ޖެހިފައިވާ ބޮޑު ވަބާއެކެވެ. އެވަބާއިން ސަލާމަތް ވާން ބޭނުންވާ ފަރާތްތަކަށް ނިޒާމް ދޭން ބޭނުންވާ ހިތްވަރަކީ މާޒީގައި ކޮންމެ މީހަކަށް ވެސް ހެދިފައިވާ ގޯސްތަކުން ނުކުމެވޭނެ ކަމަށެވެ. އެންމެ ފުރަތަމަ ކަމަކީ ސަލާމަވްވެވޭނެކަން ގަބޫލު ކުރުމެވެ.

"އެލަފަކީ ލޮޓްއޮފް ސުޓްރަގުލް. ސަލާމަތްވާން ގިނަ ކަންތައްތަކެއްކޮށްގެން، ވަރަށް ގިނަ ކަންތައްތަކެއް ގިވަޕްކުރަން ޖެހޭ، އެކަމަށް މަގުފަހިވާ ގާތް ރައްޓެހިންވެސް، ނުވަތަ އަނބިމީހާ ވެސް ދޫކުރަންޖެހިއްޖިއްޔާ ދޫކުރަން ވާނެ. އެންމެ މުހިންމުކަމަކީ ދީނާއި ގާތްކޮށް އުޅުން، ދެން ރަނގަޅު ރައްޓެހިންނާއި ލޯބިވާ މީހުންނާއި ރަނގަޅު އަންބެއް އިހުތިޔާރު ކުރުން،" ނިޒާމް ވިދާޅުވިއެވެ.

މިއަދު މުޅި ހިންމަފުށި ފަހުރުވެރިވާ ނިޒާމްބެ މަސްތުވާއެއްޗެއް ބޭނުންނުކުރާތާ މިހާރު 10 އަހަރުވެއްޖެ އެވެ. އޭރު އޭނާ ބަލައިނުގަތް މީހުން މިއަދު އޭނާއާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ބުނެ އެވެ. ނިޒާމް ވިދާޅުވިގޮތުގައި މަސްތުވާތަކެއްޗާއި ދުރުވެވޭނެ އެވެ. އެއީ ވޭންދެނިވި ދިރިއުޅުމެކެވެ. މިހާރުގެ ދިރިއުޅުން މާ އުފާވެރި އެވެ.

comment ކޮމެންޓް