ކުނި އުކާލުމަށް ހާއްސަ އުޅަނދުތަކެއް ވެމްކޯއަށް ގެނެސްފި

މާލޭގެ ކުނި އުފުލުމަށް ގެނައި ވެހިކަލެއް މީހަކު ދުއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކުނި އުކާލުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ވެހިކަލްތަކެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ގެނެސްފި އެވެ.

ވެމްކޯއަށް ގެނެސްފައި ވަނީ 2.5 މެޓްރިކް ތަނުގެ 10 ކޮމްޕެކްޓް ޓްރަކާއި 250 ކިލޯގްރާމްގެ ކުނި އުފުލުމުގެ ގާބިލުކަން ލިބިފައިވާ 20 ޓްރައިސައިކަލެވެ.

ކުނި އުކާލުމުގައި ބޭނުން ކުރުމަށް ވެމްކޯއަށް އަލަށް ގެނައި ވެހިކަލްއެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ވެހިކަލްތައް ބޭނުންކުރާނީ މާލެއިން ކުނި އުކާލުމަށެވެ. އެގޮތުން ކުދި މަގުތަކުގައި ހުރި ގެތަކުން ކުނިނެރެ އުކާލުމަށް ޓްރައިސައިކަލްތައް ބޭނުންކުރާނެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޗެއާމަން އަލީ ހާލިދު ވިދާޅުވީ، ވެމްކޯ ވުޖޫދަށް ގެނެސް ވޭތުވެދިޔަ 18 މަސްދުވަސް ތެރޭގައި ދިވެހި ކުންފުނިތަކަކީ ވެސް ކަންކަން ކުރެވޭ ކުންފުނިތަކެއްކަން ވެމްކޯއިން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މިއަދު ގެނެސްފައިވާ ވެހިކަލްތަކުގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި 10 ޑަމްބްޓްރަކް ގެންނާނެ ކަމަށް ހާލިދު ވިދާޅުވި އެވެ.

ކުނި އުކާލުމުގައި ބޭނުން ކުރުމަށް ވެމްކޯއަށް އަލަށް ގެނައި ވެހިކަލްއެއްގައި މީހަކު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހާލިދު ވިދާޅުވީ އެކި ޒޯންތަކަށް ބަހާލައިގެން މާލޭގެ އެކި ސަރަހައްދުތަކުން ކުނި އުފާލުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިގު އިބްރާހިމް ވިދާޅުވީ، ވެމްކޯއަށް ގެނައި ވެހިކަލްތަކުގެ ސަބަބުން މާލެއަކީ ސާފުތަނަކަށް ހެދޭނެ ކަމަށާއި ކުނި އުކާލުމަށް ފަސޭހަ ގޮތްތަކެއް ތަނަވަސްވެގެން ހިނގައްޖެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުނީގެ ވަސް ބޭރު ނުވާ ގޮތަށް އަދި މަގުމައްޗަށް ކުނި ނޭޅޭގޮތަށް ކުނި އުފުލުމަށް މަޖުބޫރުވާނެ ގޮތަށް ގަވާއިދެއް ހަދައި، އަންނަ ޖޫންމަހުގެ ތެރޭގައި އެ ގަވާއިދަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ރަސްމިއްޔާތުގައި ވެމްކޯގެ އިސްވެރިންނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ ވަޒީރުންނާއި ބައެއް މަޖިލިސް މެންބަރުން ބައިވެރިވި އެވެ.

comment ކޮމެންޓް