2018ގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަކީ ގައުމީ ވާޖިބެއް: އަބްދުއްރަހީމް

ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ދިނުމަކީ ގައުމުދެކެ ލޯބިވާ ކޮންމެ ފަރުދެއްގެ ވެސް ގައުމީ ވާޖިބެއް ކަމަށް ޕީޕީއެމްގެ ނައީބު ރައީސް އަބްދުއް ރަހީމު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކ. ހިންމަފުށީ ބިންހިއްކުމުގެ މަޝްރޫޢު ނިންމުނުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން އަބްދުއްރަހީމް މިއަދު ވިދާޅުވީ، މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށާއި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ދިނުމަކީ ޕީޕީއެމަށް ހެޔޮއެދޭ ފަރާތްތަކަށް ލާޒިމު ކަމެއް ކަމަށެވެ.

"މިއަހަރުގައި ވެސް ޕީޕީއެމާ ގުޅިވަޑައިގެން ނުކުމެ ތަނަވަސް އަގުލަބިއްޔަތަކުން ސަރުކާރު ހިންގާ ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވާފަ ދެން އޭގެ ފަހުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ވޯޓު ހޯދަން މަސައްކަތް ކުރެއްވިމަކީ އަޅުގަނޑުމެންނަށް ހެޔޮއެދޭ ފަރާތްތަކުގެ ލާޒިމެއް،" އަބްދުއްރަހީމު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނަވާ އިރުވެސް ސަރުކާރާ ގުޅިވަޑައިގެންް ނުކުތުމަށާއި، އިންތިހާބުވާ މެންބަރަކު ވެސް ވާންވާނީ ރައީސް ޔާމީނަށާއި ޕީޕީއެމަށް ވަފާތެރިވާ މެންބަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން އަބްދުއް ރަހީމް ވިދާޅުވީ ކުރިން ވެސް އިންތިހާބުތަކުގައި ވާދަކުރައްވައިގެން ވެސް ކާމިޔާބު ނުވިކަމަށާއި އެބޭފުޅުންގެ ފުރުސަތު ގެއްލިއްޖެ ކަމަށެވެ. އަދި 2018 ގައި ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށް ޕީޕީއެމާ ގުޅިވަޑައިގަތުމަށް ވެސް އަބްދުލް ރަހީމް ގޮވައިލެއްވިއެވެ.

comment ކޮމެންޓް