ދާން ބޭނުންވަނީ އަނެއް ދިވެހިރާއްޖެއަކަށް ނޫން، ސަޅި ރާއްޖެއަށް: ރައީސް

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ

ވަޑައިގަންނަވަން ބޭނުންފުޅު ވަނީ އަނެއް ދިވެހިރާއްޖެއަށް ނޫން ކަމަށާއި ބޭނުންފުޅު ވަނީ ސަޅި ދިވެހި ރާއްޖެއަށް ވަޑައިގަންނަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކ. ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ތަރައްގީ ގެނައުމުގައި ކޮންމެވެސް އެކަކު އިސްވާންޖެހޭ ކަމަށާއި އެންމެންނަށް އެއްފަހަރާ ތަރައްގީ ގެންނާނެ ގޮތް ކިޔައިދޭން ނޭނގޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ގެންނަން އުޅޭ ތަރައްގީއަކީ ކަމު ނުދާ އެއްޗެއް ކަމުގައި ވިސްނުވައިދީފިނަމަ އެކަން ގަބޫލުކުރައްވާނެ ކަމަށާއި އެގޮތަށް ވިސްނުވައިނުދެވޭނަމަ ރައްޔިތުންނާމެދު އެމަނިކުފާނު ދެކޭ ތަސައްވަރު ހާސިލުކުރުމުގެ ފުރުސަތު ލިބެންވާނެ ކަމަށެވެ.

"އަޅުގަނޑުމެން ދާން ބޭނުންވަނީ އަނެއް ދިވެހިރާއްޖެއަކަށް ނޫން ދެއްތޯ. އަޅުގަނޑުމެން ދާން ބޭނުންވަނީ ސަޅި ދިވެހިރާއްޖެއަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ބޭނުންވަނީ ހިންމަފުށި ގޮތަށް ހިއްކޭ ބިންތަކުގައި ދުނިޔޭގެ އެހެން ތަންތަނުގައި ޒުވާނުން އުޅޭ ގޮތަށް މަލްޓީ ސްޓޯރީ އިމާރާތްތަކުގައި އުޅެވޭނެ ގޮތް ފަހިކޮށްދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއިރަށް އަޅުގަނޑުމެންނަށް ބިން ފުރުމުގެ ބިރުވެރިކަން ނެތިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުންނަށް ކަމެއް ކޮށްދިނުމަކީ ބޮޑު އާއިލާއަކަށް ކަމެއް ކޮށްދިނުން ކަމަށާއި ރާއްޖެ ހިނގާނީ ޒުވާން ލެޔާއެކު ކަމަށެވެ.

"އަޅުގަނޑުމެން މި ހާސިލުކުރާ ތައުލީމާއެކީ ދުނިޔޭގައި ވެސް އަޅުގަނޑުމެން ގަބޫލުކުރާ ވިސްނުން ތަމްސީލުކޮށްދޭނެ ޒުވާން ތައުލީމީ މީހުންތަކެއް ވެސް އެބަ އުފައްދަންޖެހޭ. އޭރަށް ދިވެހިރާއްޖެ ވެގެންދާނީ ހަމަ މި ސަރަހައްދުގައި ވެސް އަޅުގަނޑުމެން ފަޚުރުވެރިވާ އަދި ދުނިޔޭގެ ފެންވަރުގައި ވެސް ދިވެހިރާއްޖެއަކީ ކަންތައްތައް އަމިއްލަ ގާބިލުކަމާއެކީ ކުރެވުމުގެ ގާބިލްކަން ހުރި ރައްޔިތަކަށް، ގައުމަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް