"ވިޝްކާ"ގެ ޓިކެޓް ޝްވެކް ސިނަމާއިން ވިއްކަން ފަށައިފި

އަންނަ މަހުގެ އަށް ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ނިންމާފައިވާ ޔާރާ ޕްރޮޑަކްޝަންގެ ފިލްމު "ވިޝްކާ"ގެ ޓިކެޓް ޝްވެކް ސިނަމާގައި ވިއްކަން ފަށައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަދި ބަޠަލާ ރިޝްމީ ރަމީޒު "ސަން"އާ ވާހަކަދައްކަމުން މިއަދު ބުނީ އަންނަ މާޗު މަހުގެ އަށް ވަނަ ދުވަހުގެ ރޭ ފިލްމުގެ ދެ ޝޯ ދައްކަން ހަމަޖެހިފައިވާ ކަމަށާއި 'ޕްރިމިއާ ނައިޓު'ގެ ދެ ޝޯގެ ޓިކެޓް ވެސް ވިއްކަނީ 200 ރުފިޔާއަށް ކަމަށެވެ. ޕްރިމިއާ ނައިޓު ފިޔަވައި އެހެން ޝޯތަކުގެ ޓިކެތް ވިއްކާނީ 100 ރުފިޔާއަށް ކަމަށް ރިޝްމީ ބުންޏެވެ.

"މި ފިލްމުގެ ޝޯތައް ދައްކާނެ އަދަދެއް ބުނާކަށް ނޭނގެ. ނަމަވެސް ފިލްމަށް ތަރުހީބު ލިބޭ ވަރަކުން ޝްވެކް ސިނަމާގައި ފިލްމު ދައްކާ ގޮތަށް ހަމަޖެހިފަ މި އޮތީ،" ރިޝްމީ ބުންޏެވެ.

'ވިޝްކާ'ގެ ޓިކެޓް ޝުވެކް ސިނަމާގައި ވިއްކަން ފަށާފައި ވަނީ އިއްޔެ އެވެ. ސިނަމާ ހުޅުވިފައި ހުންނަ ގަޑިތަކުގައި ޓިކެޓް ލިބެން ހުންނާނެ އެވެ.

"ވިޝްކާ"އަކީ ޝްވެކް ސިނަމާގައި ޕްރިމިއާ ކުރާ ފުރަތަމަ ދިވެހި ފިލްމެވެ.

އަތޮޅުތެރޭގައި ވެސް 'ވިޝްކާ' ދައްކަން ނިންމާފައިވާ ކަމަށާއި ރަށް ރަށުގައި ފިލްމު އަޅުން ބޭނުންވާ ފަރާތްތަކުން ފިލްމުގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމަށް ރިޝްމީ ވަނީ އެދިފަ އެވެ.

"ވިޝްކާ"އަކީ ރަވީ ފާރޫގް ޑައިރެކްޓް ކޮށްފައިވާ އަދި އޭނާގެ ކުޅަދާނަ ހުނަރު ފެނިގެންދާނެ ފިލްމެކެވެ. ރަވީއާއެކު ފިލްމުގައި ފެނިގެންދާނެ ތަރިންނަކީ ރިޝްމީ އާއި އަހުމަދު ސައީދެވެ.

"ރިޝްމީމެން ހުރިހާ ފިލްމެއް ވެސް އުފައްދަނީ މީހުން އެ ބަލައިގަންނާނެެ ގޮތަށް ވިސްނައިގެން. މިފަހަރު ވެސް އުއްމީދު ކުރަނީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް 'ވިޝްކާ' ވާނެ ކަމަށް،" ރިޝްމީ ބުންޏެވެ.

comment ކޮމެންޓް