މިއަދު ފާޑުކިޔާ މީހުންވެސް ވޯޓު ދޭނީ ރައީސް ޔާމީނަށް: މުއާޒު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މީހުން ވައްދަނީ މަޖުބޫރުން ކަމަށްބުނެ ފާޑު ކިޔާ މީހުންވެސް ރިޔާސީ އިންތިހާބުގައި ވޯޓު ދޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކަމަށް މެޑަމް ފާތިމަތު އިބްރާހިމްގެ އޮފީހުން ބުނެފި އެވެ.

މެޑަމް ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ، ޕީޕީއެމްއަށް ގަދަކަމުން މަޖުބޫރު ކުރުވައިގެން މީހުން ނުވައްދާ ކަމަށެވެ.

"މަޖުބޫރު ކޮށްގެން ކަމަށް އެ ވިދާޅުވާ ފަރާތްތަކަށް ދަންނަވާލަން އޮތީ، އިހުލާސްތެރިކަމާއެކީގައި، އަޅުގަނޑުމެންގެ ޓީމް ތަކަށް ގުޅުއްވައިގެން އަންނާނީ ކޮން އިރަކުންތޯ، މިހިސާބަށް އާދެވޭނީ ކޮން އިރަކުންތޯ، މި މަސައްކަތްޕުޅު އަމިއްލަ ފުޅަށް ދިވެހި ރައްޔިތުންގެ ތެރެއިން ޕީޕީއެމްގެ މެމްބަރުންނަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ލިބިވަޑައިގެންނެވި ފުރުސަތުގަ، އަޅުގަނޑަށް ހަމަ ގައިމުވެސް ތިބޭފުޅުންނަށް ދަންނަވަން ކެރޭނެ، އެއީ އަޅުގަނޑުމެންނަށް އެ ފަރާތްތަކުން އެދިވަޑައިގެން އެދިވަޑައިގެންނެވުމެކޭ،" މުއާޒް ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ، މިއަދު އެންމެ ބޮޑަށް ފާޑު ކިޔާ މީހުންވެސް، ރިޔާސީ އިންތިހާބަކީ ސިއްރު ވޯޓެއްލާ އިންތިހާބަކަށް ވުމުން ރައީސް ޔާމީނަށް ވޯޓު ދޭނެ ކަމަށެވެ.

މުއާޒު ވިދާޅުވީ، ޕާޓީއަށް މެމްބަރުން އިތުުރު ކުރުމަށް 250 ވޮލަންޓިއާ ލީޑަރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާ ކަމަށެވެ. އަދި ޕާޓީއަށް މީހުން އިތުރުކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ.

މުއާޒު ވިދާޅުވީ، ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތަކަކީ އެ ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް ބައިވެރިވެވޭނެ ހަރަކާތެއް ކަމަށާއި، އާއްމުކޮށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެއް ދުވަހުން 11000 ފޯމު ފުރުމަކީ، ފަސްޓް ލޭޑީ، މެޑަމް ފާތިމަތު އިބްރާހީމަށް އޮންނަ ތާއީދު ފެންނަ ކަމެއް ކަމަށެވެ. އަދި އެ އޮފީހުން ކުރާ މަސައްކަތަކީ ރައީސް ޔާމީނަށް 2018 ކާމިޔާބުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުން އެ ޕާޓީއަށް 11000 މެމްބަރުންގެ ފޯމް ވަނީ ފުރާފައެވެ.

comment ކޮމެންޓް