ފަސް އެވޯޑާއެކު އަޑެލް ގްރެމީ އެވޯޑްސްގެ ތާރީހުގެ ތެރެއަށް

އެޑެލް ވަނީ އެންމެ މޮޅު އަލްބަމް އެވޯޑު ހައްގުވަނީ ބިޔޯންސޭގެ އަލްބަމަށް ކަމަށް ބުނެފަ -- ފޮޓޯ: ގެޓީ

މިއުޒިކީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ފަންނާނުންގެ އަގުވަޒަންކުރާ ގްރެމީ އެވޯޑްސްގެ ހަފްލާއިން މިއަހަރު އަގުބޮޑު ހެދުންތަކުގެ އިތުރުން، ސިޔާސީ ހިޔާލު ފާޅުކުރުމާއި މިދިޔަ އަހަރު ދުނިޔެ ދޫކޮށް ދިޔަ ފަންނާނުންގެ ހަނދާންއާ ކުރި މަންޒަރު ފެނިގެންދިޔައެވެ.

ނަމަވެސް އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަޑެލްއަށް ލިބުނު ފަސް އެވޯޑެވެ.

މީގެ ކުރިން 10 ގްރެމީ އެވޯޑް ކާމިޔާބުކޮށްފައިވާ އަޑެލް ވަނީ މިފަހަރު އެންމެ މޮޅު ރެކޯޑް، ލަވަ، އަލްބަމް، ޕޮޕް ސޯލޯ ޕާފޯމަންސް، އަދި ޕޮޕް ވޯކަލް އަލްބަމް އެވޯޑް ކާމިޔާބުކޮށްފައެވެ.

އެހެންކަމުން އަޑެލް އަކީ ގްރެމީސްގެ އެންމެ ފާހަގަކޮށްލެވޭ ތިން އެވޯޑް ކަމަށްވާ އެންމެ މޮޅު ލަވަ، ރެކޯޑް އަދި އަލްބަމް އެވޯޑް ދެ ފަހަރު ކާމިޔާބު ކުރި ފުރަތަމަ ލަވަކިޔުންތެރިޔާއެވެ. އަދި އަޑެލް އަކީ ގްރެމީސްގެ ތާރީހުގައި އެވޯޑެއް ގަބޫލުކުރަން ދެކޮޅު ހެދި ދެވަނަ ފަންނާނަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަޑެލްގެ '25' އަލްބަމަށް އެންމެ މޮޅު އަލްބަމްގެ އެވޯޑު ލިބުމުން އޭނާ ވަނީ ބިޔޯންސޭގެ 'ލެމަނޭޑް' އަލްބަމަށް ތައުރީފުކޮށް، އެ އެވޯޑު ހައްގުވަނީ އެ އަލްބަމަށް ކަމަށް ބުނެފައެވެ.

އަދި އޭގެ ފަހުން އަޑެލްގެ އެވޯޑް ހަލާކުވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުވުމާ ގުޅިގެން ބައެއް ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އެއެވޯޑް ބިޔޯންސޭއާ ހިއްސާ ކުރުމުގެ ގޮތުން އަޑެލް އެވޯޑް ހަލާކުކޮށްލީ ގަސްތުގައެވެ. ނަމަވެސް އެހެން ފަރާތްތަކުން ބުނާ ގޮތުގައި އެއެވޯޑު ހަލާކުވީއެވެ.

އަޑެލް އާއި އަޑެލްގެ ޓީމުން އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

ގިނަ ބަޔެއްގެ ތައުރީފު ލިބުނު ހުށަހެޅުމަކަށް ފަހު ބިޔޯންސޭއަށް ދެ އެވޯޑެެއް ލިބުނު -- ފޮޓޯ: ރޮއިޓާސް

ގްރެމީސް އެވޯޑެއް ގަބޫލު ކުރަން ފުރަތަމަ ދެކޮޅު ހެދީ 1990 ވަނަ އަހަރު ޝިނޭޑް އޯކޮނާ އެވެ.

ކެންސަރު ބަލީގައި މިދިޔަ އަހަރު މަރުވި ޑޭވިޑް ބޯވީގެ ބްލެކްސްޓާ އަލްބަމަށްވެސް ފަސް އެވޯޑެއް ދީފައިވެ އެވެ. ދެން އެންމެ ގިނަ އެވޯޑު ލިބުނީ ޗާންސް ދަ ރެޕާއަށެވެ. އޭނާއަށް އެންމެ މޮޅު ރެޕް އަލްބަމް، އާ އާޓިސްޓު އަދި ރެޕް ޕާފޯމެންސްގެ އެވޯޑު ލިބުނެވެ.

އަދި ގިނަ ބަޔެއްގެ ތައުރީފު ލިބުނު ހުށަހެޅުމަކަށް ފަހު ބިޔޯންސޭވެސް ގެޔަށް ދިޔައީ ހުސްއަތާއެއް ނޫނެވެ. ބިޔޯންސޭއަށް އެންމެ މޮޅު އާބަން ކޮންޓެމްޕަރަރީ އަލްބަމް އަދި މިއުޒިކް ވީޑިއޯ އެވޯޑު ލިބުނެވެ. ނަަމަވެސް އަށް އެވޯޑަށް ނޮމިނޭޓުވި ރިހާނާ އާއި ފަސް އެވޯޑަށް ނޮމިނޭޓުވި ކާންޔޭ ވެސްޓަށް އެއްވެސް އެވޯޑެއް ކާމިޔާބު ނުވެ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު