ޝިއުނާގެ މަރާ ގުޅިގެން ދައުވާ ލިބޭ ކާރު ޑްރައިވަރަށް ޖަވާބުދާރީވާން އިތުރު ފުރުސަތުދީފި

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ، 28 މަރުވި މައްސަލާގައި ދައުވާ ލިބޭ ކާރު ދުއްވަން އިން ގ. ސީވޭވް، އަހުމަދު މަލްދާން އަލީ --- ސަން ފައިލް ފޮޓޯ

މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ، 28 މަރުވި މައްސަލާގައި ދައުވާ ލިބޭ، ކާރު ދުއްވަން އިން ގ. ސީވޭވް، އަހުމަދު މަލްދާން އަލީ އަށް ދައުވާ އަށް ޖަވާބުދާރީވާން އިތުރު ފުރުސަތު ދީފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މަލްދާންގެ ވަކީލު ވަނީ ދައުވާގައި ހުރި ބައެއް ކަންކަން ސާފުކުރަން އެދިވަޑައިގެންފައެވެ. އެގޮތުން ބަލަންވީ ވަރަށް ނުބަލައި މަލްދާން ކާރު ދުއްވި ކަމަށްް ދައުވާގައި ބުނާ ބަހުގެ މާނައަކީ ކޮބައިތޯ ވަކީލު ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެފަދައިން ދައުވާގައި ބުނެފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފަށް މަލްދާން ކާރު ދުއްވުމުން ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ މަލްދާނާ ސުވާލުތަކެއް ކުރައްވައިފައެވެ. އެގޮތުން ކާރު ދުއްވުމުގެ ލައިސަންސް އޮވޭތޯ އާއި އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތައް ރަނގަޅަށް އެނގޭތޯ ގާޒީ ސުވާލުކުރެއްވިއެވެ.

މަލްދާން ބުނީ ކާރު ދުއްވުމުގެ ލައިސަންސް އޭނާގެ އަތުގައި އޮންނަ ކަމަށާއި އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތައް ވެސް އޭނާ އަށް ރަނގަޅަށް އެނގޭ ކަމަށެވެ.

އެކަންކަމަށްފަހު ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން މަލްދާންގެ ވަކީލު ވަނީ އެކަމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފައެވެ.

މަލްދާން މިހާރު ހުރީ ބަންދުންގައެވެ. އެހެންކަމުން މަލްދާންގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ވަނީ ބަންދު މުރާޖާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ބަންދާ ގުޅޭގޮތުން ދެ ދުވަސްތެރޭ އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރެއްވުމަށްފަހުއެވެ.

comment ކޮމެންޓް