އެސްޓީއޯއިން ހުޅުމާލޭގައި ރެޑީ މިކްސް ކޮންކްރީޓް ސަޕްލައި ކުރަން ފަށަނީ

ކޮންސްޓްރަކްޝަން މަސައްކަތް ހުއްޓިފައިވާ ސަރަހައްދެއް-- ސަން ފައިލް ފޮޓޯ

މާލޭގައި ރެޑީ މިކްސް ކޮންކްރީޓް ސަޕްލައިކުރާ އެސްޓީއޯއިން ހުޅުމާލޭގައި އެ ޚިދުމަތް ދޭން ނިންމައިފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު "ސަން" އަށް ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ "ފިއުޗާ" އޮތީ ހުޅުމާލޭގައި ކަމަށާއި އެގޮތުން އެ ރަށުގައި ރެޑީ މިކްސް ކޮންކްރީޓް ސަޕްލައި ކުރުމުގެ ޚިދުމަތް މި އަހަރުގެ ތެރޭގައި ފަށަން ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ކުރުމަށް ހުޅުމާލެއިން ބިމެއްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭގައި އެޚިދުމަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އެގޮތުން ޑިމާންޑާ ނުބައްލަދު ވަރަށް އޯޑާސް ލިބޭ ކަމަށާއި ހުޅުމާލޭގައި އެ ޚިދުމަތް ފަށަން ހަމަޖައްސާފައި އޮތީ އެމަސައްކަތުގެ ދެވަނަ ފިހަވަހީގެ ގޮތުގައި ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.

"ހުޅުމާލެއަކީ ކޮންސްޓްރަކްޝަން ދާއިރާގެ ފިއުޗާ ކަންނޭގެ. އެހެންވެ ހުޅުމާލޭގަ އަޅުގަނޑުމެން މިއަހަރު ތެރޭގަ އިރާދަކުރެއްވިއްޔާ ރެޑީ މިކްސް ސަޕްލައި ކުރަން ފެއްޓޭނެ،" ޝަހީރު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހަދަމުންދާތީ ދަތުރުފަތުރުކުރަން އުނދަގޫވެ ރެޑީ މިކްސް ކޮންކްރީޓް ސަޕްލައި ކުރުމުގެ ޚިދުމަތަށް ބުރޫ އަރާކަން ފާހަގަކުރައްވަމުން ޝަހީރު ވިދާޅުވީ ހުޅުމާލެ އަކި މަގުތައް ޑިޒައިން ކުރެވި، ދަތުރުފަތުރު ކުރުމަށް ފަސޭހަ ޖާގަ އޮތް ތަނެއް ކަމުން އެތަނުގައި އެޚިދުމަތް ދޭން ވަރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

އަތޮޅު ތެރެއަށް އެ ޚިދުމަތް ފުޅާ ކުރުމުގެ ވިސްނުމެއް ގެންގުޅޭތޯ ސުވާލު ދެންނެވުމުން ޝަހީރު ވިދާޅުވީ އެކުންފުނިންވެސް އެޚިދުމަތް ފަށައިގަތީ އަލަށް ކަމަށެވެ. އަދި އެ ދާއިރާގައި ތަޖުރިބާތަކެއް ބޭނުންވާ ކަމަށާއި އެހެން ކަމުން އެޚިދުމަތް އަތޮޅު ތެރެއަށް ފުޅާ ކުރަން އަދި ވިސްނާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯއިން ރެޑީ މިކްސް ކޮންކްރީޓްގެ ޚިދުމަތް ދޭން ފެށީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު މާލޭގައި އަޅާ އިމާރާތްތަކަށް ގިނައިން ބޭނުން ކުރަނީ އެސްޓީއޯއިން ސަޕްލައި ކުރާ ރެޑީ މިކްސް ކޮންކްރީޓެވެ.

comment ކޮމެންޓް