ފެން ހިފައިގެން ދަނިކޮށް އަޑިއަށް ދިޔަ ދޯނި ނަގައިފި

އަޑިއަށް ދިޔަ ދޯނި ކަފުޖަހައިގެން މަޑުއްވަރީ ފަޅުތެރެއަށް ގެންނަނީ --- ފޮޓޯ/ މުހައްމަދު ޝިހާމް

ފެން ހިފައިގެން ރ. މަޑުއްވަރީން އެ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ އާރަށަށް ދަތުރު ކުރަމުން ދަނިކޮށް ބަންޑުން ޖަހާލައިގެން އަޑިއަށް ދިޔަ ދޯނި ފެންމަތިކޮށް، މަޑުއްވަރީއަށް ގެންގޮސްފިއެވެ.

މަޑުއްވަރީން ވާހަކަ ދެއްކި މީހަކު 'ސަން' އަށް ބުނީ، އެ ދޯނި ނަގާފައިވަނީ، ދޯނީގައި ކަފު ޖަހައިގެން ބާރަށް ދުއްވައިގެން ކަމަށެވެ.

އޭނާ ބުނީ، އެ ދޯނި ނެގުމަށް، ހަތަރު ދޯންޏެއް ހަރަކާތްތެރިވެފައިވާ ކަމަށާއި، މަޑުއްވަރީން 100 އެއްހާ މީހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އާއްމުންގެ އިތުރުން ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެ އެވެ.

އޭނާ ބުނީ އެ ދޯނި ކުޑަ އިރުކޮޅެއްގެ ތެރޭގައި އެހެލާނެ ކަމަށެވެ.

ފުލުހުން ބުނީ، އެ ދޯނި އަޑިއަށް ގޮސްފައިވަނީ މަޑުއްވަރީ އާއި އާރަށާ ދެމެދު އޮންނަ ފަޅުރަށެއް ކަމުގައިވާ އުފުލަންދޫ ކައިރިއަށް ކަމަށެވެ. އަދި އެ ދޯނި ބަންޑުން ޖަހާލީ، ކަނޑުގަދަ ވުމުގެ ސަބަބުން ކަމަށެވެ.

ބަންޑުން ޖަހާލައިގެން އަޑިއަށް ދިޔަ އިރު އެ ދޯނީގައި ހަތަރު ދިވެހިން ތިއްބެވެ. އެ މީހުން ސަލާމަތް ކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ ދޯންޏަކުން ކަމަަށް ފުލުހުން ބުނެ އެވެ. އެ މީހުންނަށް އެއްވެސް ގެއްލުމެެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް