ހެއްކާ ބެހޭ ބިލަށް މަޖިލީހުގައި ތިބި ވަކީލުންގެ ހިޔާލު

މަޖިލީހުގައި ތިއްބަވާ ބައެއް ގާނޫނީ ވަކީލުން ---

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލަށް މަޖިލިސް މެމްބަރުންގެ ގޮތުގައި ތިބި ވަކީލުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ.

ހެއްކާ ބެހޭ ބިލަށް ބަހުސް ކުރުމަށް މިއަދު ކުރިއަށް ގެންދިޔަ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ "ރީތިކޮށް ގާނޫނެއް ފަރުމާކުރިކަން ރައްޔިތުންނަށް ދައްކައިގެން ބޮޑު ދަންތުރައެއް ޖަހަން" ކަމަށެވެ.

އެކަން ސާބިތުވަނީ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގެ 144 ވަނަ މާއްދާގައި ގާނޫނުގެ ދަށުން ދަށުކޯޓުތަކަށް ހަދަން ޖެހޭ ގަވާއިދުތައް ހަދަން ޖެހޭނީ ޕީޖީ އަދި އޭޖީގެ ލަފަޔާ އެއްކޮށް ސުޕްރީމް ކޯޓުންނޭ ބުނެފައިވާ ބުނުމުން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަ ގޮތަކީ ކޮންމެ ކޯޓަކީ މުސްތަގިއްލު ކޯޓެއް ކަމަށް. އަދި ކޮންމެ ފަނޑިޔާރަކީ މިނިވަން ފަނޑިޔާރެއް ކަމަށް. އަދި އެހެން ބުނެފައި އެބަ ބުނޭ ގަވާއިދު ހަދާއިރު ޕީޖީ އަދި އޭޖީގެ ލަފާ ހޯދަން ވާނޭ. އަޅުގަނޑު ހަމަ އަޖައިބުވެ އަންތަރީސްވޭ." އަލީ ހުސައިން ވިދާޅުވި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އަދި އެޓާނީ ޖެނެރަލް އަކީ ހަސްމުން ކަމަށާއި އެމީހުންނަށް ގަވާއިދު ހެދުމުގެ ލަފާ ދެވޭ ނަމަ ކުށްކުރާ މީހާގެ ލަފާ ވެސް ގަވާއިދު ހެދުމަށް ބޭނުން ވާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ ހެއްކާ ބެހޭ ގާނޫނެއް އަންނަން ޖެހޭ ކަމަށާއި އެހެންނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލަށް ކޮމެޓީ މަރުހަލާގައި ބޮޑެތި ބަދަލުތަކެއް ގެނެވިގެން ނޫން ގޮތަކަށް ބިލަށް ތާއީދު ކުރެވެން ނެތް ކަމަށެވެ.

ވަކީލު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ ހެއްކާ ބެހޭ ބިލަށް ތާއީދުކުރައްވައިފަ އެވެ. މީގެ ކުރިން ވެސް މަޖިލީހަށް ހެއްކާ ބެހޭ ބިލެއް ހުށަހެޅުއްވި ނަޝީދު ވިދާޅުވީ ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އަދި ހެއްކާ ބެހޭ ގާނޫނަށް އެއްކޮށް އަމަލުކުރަން ފަށައިފި ނަމަ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

"މި ތިން ގާނޫނު އެކުގައި މަސައްކަތްކުރާ ކަމަށްވާ ނަމަ ޖިނާއީ އަދުލުގެ ނިޒާމަށް އަންނާނީ ހަމައެކަނި ރަނގަޅު ބަދަލެއް ނޫން. ހެޔޮ ބަދަލެއް ނޫން. އަންނާނީ ރަނގަޅު އިންގިލާބީ ބަދަލެއް،" މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ބިލާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގާނޫނީ ވަކީލު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވިދާޅުވީ އޭނާ އަށް އެ ބިލު ފާޅުވެގެންދިޔައީ ކުށެއް ނެތް މީހުން އިތުރަށް ފްރޭމްކޮށްފައި މީހުންނަށް އަދަބު ދިނުމުގެ ދަންތުރައެއްގެ ގޮތުގައި ކަަމަށެވެ.

ގާނޫނީ ވަކީލު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ހެއްކާ ބެހޭ ބިލުގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައިފަ އެވެ. މާރިޔާ ވިދާޅުވީ ސިއްރުން ހެކިބަސް ދިނުމުގައި ކަންކަން ގެންދާނެ ގޮތުގެ ވާހަކަ ތަފްސީލުކޮށް ބިލުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.

"ގާޒީންނަށް ވަރަށް ބޮޑެތި ބާރުތަކެއް ދެވޭ ގޮތަށް ބިލު ފަރުމާކޮށް، ހެއްކާ ބެހޭބިލެއް ތިމަންނަމެން ފާސްކުރީމޭ ބުންނަން ވެގެން ހުށަހަޅައިފައި ހުންނަ ކަންތައްތައް މީގައި ފެނިގެންދަނީ،" މާރިޔާ ދީދީ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް