ހެއްކާ ބެހޭ ބިލަށް ގިނަ މެމްބަރުން ތާއީދުކޮށް ވާހަކަފުޅު ދައްކަވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ/ މަޖިލިސް

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލަށް ގިނަ މެމްބަރުންތަކެއް ތާއީދުކޮށް ވާހަކަފުޅު ދައްކަވައިފި އެވެ.

ެމަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން މެމްބަރުން ވިދާޅުވީ ކޮމިޓީ މަރުހަލާގައި މަދު ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް ޖުމްލަކޮށް އެ ބިލު ރަނގަޅު ކަމަށެވެ.

ބިލް ހުށަހަޅުއްވަމުން މެމްބަރު ޝާހު ވިދާޅުވީ ހެކި ވަޒަން ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބިލުގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ހެކިތައް ނަގަން ޖެހޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ގޮތްވެސް ބިލުގައި ބަޔާންކޮށްފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ.

ބިލުގައި ރަނގަޅުކުރަން ކަންކަން ހުރިނަމަ ކޮމިޓީ މަރުހަލާގައި އެކަން ފުރިހަމަ ވެގެން ދިއުމަކީ އުންމީދުކުރާ ގޮތް ކަމަށް ޝާހު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވީ ހެއްކާ ބެހޭ ބިލަކީ މުހިންމު ބިލެއް ކަމަށެވެ. އެހެންކަމުން ހުރިހާ މެމްބަރުންވެސް ފުންކޮށް ވިސަނައި ކޮމިޓީ މަރުހަލާގައި ބިލު ރަނގަަޅަށް ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ ހެއްކާ ބެހޭ ބިލަކީ މިހާރު ފަނޑިޔާރުންނަށް ކުރަމުންދާ ތުހުމަތުތައް ނިމުމަކަށް ގެންނާނެ ބިލެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: މަޖިލިސް

"ފަނޑިޔާރުންނަށް އަމާޒުކޮށް ވަރަށް ގިނަ ވާހަކަތައް ދެކެވޭ. އެހެންވީމަ މިފަދަ ބިލެއްގައި ފަނޑިޔާރުން އަމަލުކުރަންވީ ގޮތާއި ހުރިހާ ވާހަކަތަކެއް ބަޔާން ކުރެވިގެން އައުމަކީ އެފަދަ ފާޑު ކިޔުންތައް ހުއްޓޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން" ޖައުފަރު ދާއޫދު

އެމްޑީޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ހެއްކާ ބެހޭ ބިލު މުހިންމު ކަމަށެވެ. އެހެންނަމަވެސް ބިލުގެ ބޭނުން ހިފޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި "ހެއްކާއި ޑޮލަރު ބޮނޑިއެއް ބެހެއްޓުމުން" ޑޮލަރު ބޮނޑިއަކީ ހެކި ކަމަށް ނުބަލާ ހިސާބަށް ދިއުމުން ކަމަށް އިންތި ވިދާޅުވި އެވެ.

މަޖިލީހަށް އެންމެ ފުރަތަމަ ހެއްކާ ބެހޭ ބިލެއް ހުށަހެޅުއްވި މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުވެސް ވަނީ ހެއްކާ ބެހޭ ބިލަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.

ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އަދި ހެއްކާ ބެހޭ ގާނޫނަށް އެއްކޮށް އަމަލުކުރަން ފަށައިފިނަމަ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"މި ތިން ގާނޫނު އެކުގައި މަސައްކަތްކުރާ ކަމަށް ވާނަމަ ޖިނާއީ އަދުލުގެ ނިޒާމައް އަންނާނީ ހަމައެކަނި ރަނގަޅު ބަދަލެއް ނޫން. ހެޔޮ ބަދަލެއް ނޫން. އަންނާނީ ރަނގަޅު އިންގިލާބީ ބަދަލެއް" ނަޝީދުމިއަދު މަޖިލީހުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ގިނަފަހަރު ތަހުގީގު މަރުހަލާގައި އެއްބަސްވި ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ދެކޮޅު ހަދާ ކަމަށެވެ. އަދި އެހާލަތުގައި ތަހުގީގު މަރުހަލާގައ ދިން ހެކިބަސް ހެއްކެއްގެ ގޮތުގައި ބެލެން ނެތުމުން އެކަމުގެ ގެއްލުން ކުރިމަތިވާ ކަމަށް އާމިރު ވިދާޅުވި އެވެ.

އެހެންކަމުން ގާނޫނުއަސާސީގެ 52 ވަނަ މާއްދާ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ އާމިރު ވަނީ އެކަން ވީހާވެސް އަވަހަށް މަޖިލީހަށް ހުށަހަޅަން ގޮވާލާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް