ބަނގުލަދޭޝް މަސައްކަތުމީހުން ގެނައުމުގެ ހުއްދަ އަންނަ މަހު ދެނީ

ގައުމީ ފުޓްބޯޅަ ދަނޑުގައި ބަންގްލަދޭޝް ސަޕޯޓަރުން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަށް ބަނގުލަދޭޝުން މަސައްކަތު މީހުން ގެނައުމުގެ ހުއްދަ އަންނަ މަހު ދޫކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ބަނގުލަދޭޝް މަސައްކަތު މީހުން ރާއްޖެ ގެނައުމަށް ވިސާ ދުލެއް ނުކުރެއެވެ. އެކަމުގެ ސަބަބުން ޕްރޮޖެކްޓްތައް ހުއްޓި އެތައް އެޖެންސީއަކުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިމިގްރޭޝަންގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އަންނަ މަހު އެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު ސަން އަށް ވިދާޅުވީ، ދެން ބަނގްލަދޭޝުން މަސައްކަތު މީހުން ގެނައުމުގެ ހުއްދަ ދޫކުރަން ނިންމާފައިވަނީ ރިވައިސް ކުރަންޖެހޭ ކަންކަން ރިވައިސް ކުރުމަށްފަހު ކަމަށެވެ.

"އެކިއެކި ފަރާތްތައް ހިމެނޭގޮތަށް އެމަސައްކަތް ކުރަނީ، އެމަސައްކަތް އަވަސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" ހަލީލް ވިދާޅުވިއެވެ.

ނަމަވެސް އައިޖީއެމްއެޗާއި ބްރިޖު ފަދަ ބޮޑެތި ޕުރޮޖެކްޓްތަކަށް ވަކި ލިމިޓެއްގެ ދަށުން ބިދޭސީން ގެނައުމުގެ ހުއްދަ ދޫކުރާކަމަށް ވިދާޅުވިއެވެ.

ބަނގުލަދޭޝް ފިޔަވައި އެހެން ގައުމުތަކުން މަސައްކަތު މީހުން ގެނެވެ އެވެ. ނަމަވެސް ރާއްޖޭގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގާ އިރު އެތަންތަނުގައި ލޭބަރުންގެ ގޮތުގައި މުޅިންހެން މަސައްކަތް ކުރަނީ ބަނގުލަދޭޝް މީހުންނެވެ. ސަބަބަކީ ބަނގުލަދޭޝް މީހުން މަސައްކަތްކުރާ އަގު ހެޔޮވުމެވެ. ބަނގުލަދޭޝް މީހުން ގެނައުން ހުއްޓުވީ ކުރިން އިއުލާން ކުރުމެއްނެތިއެވެ.

ބިދޭސީން ގެންނަ ދިވެހި އެޖެންޓުންގެ ފަރާތުން ވެސް އެތައް ފަހަރަކު ބިދޭސީންނަށް ލަނޑުދެމުންދާތީ އެކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. ޚަލީލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން އެ ގައުމެއްގައި ހުންނަ ހައި ކޮމިޝަނެއްގައި ރަޖިސްޓްރީ ވާންޖެހޭނެ ކަމަށާއި އެ ބިދޭސީއެއް ރާއްޖެ އައުމަށް ހުއްދަދޭނީ އޭނާގެ ވަނަ ވަރު ބެލުމަށް ފަހު ކަމަށެވެ.

comment ކޮމެންޓް