ޗެލްސީއަކީ ޑިފެންސިވް ޓީމެކޭ ބުނުމުން ކޮންޓޭ ރަތަށް

މޮރީނިއޯ(ވ) ބުނީ ކޮންޓޭގެ ޗެލްސީ ކުޅޭނީ ޑިފެންސިވް ފުޓްބޯޅައެއް ކަމަށް ---

ދިހަ ޕޮއިންޓުގެ ލީޑަކާ އެކު ޕްރިމިއާ ލީގްގެ އެއްވަނައިގައި އޮތް ޗެލްސީ އަކީ ޑިފެންސިވް ޓީމެއް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނުމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކައިފިއެވެ.

ލީގުގައި ކޮންމެ ޓީމެއް 25 މެޗު ކުޅެފައިވާއިރު ޗެލްސީ އެއްވަނައިގައި އޮތީ 60 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ޓޮޓެންހަމަށް އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވެސް ލިބެނީ 50 ޕޮއިންޓެވެ. މެންޗަސްޓާ ޔުނައިޓެޑް އޮތީ 48 ޕޮއިންޓާއި އެކު ހަ ވަނައިގައެވެ.

އެއްވަނައިގައި ބޮޑު ލީޑަކާ އެކު ޗެލްސީ އޮތް ނަމަވެސް އެޓީމްގެ ފަހަތުން ގަދަ ހަތަރަކަށް ވާދަކުރާ ޓީމްތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އެބައޮތެވެ. ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޗެލްސީ އަތުލުމަކީ އުނދަގޫ ކަމެއް ކަމަށާއި ސަބަބަކީ އެޓީމަކީ ވަރަށް ބޮޑަށް ޑިފެންސްކޮށް ކައުންޓަރ އެޓޭކްގައި ގޯލުޖަހާ މެޗުތަކުން މޮޅުވާ ޓީމެއް ކަމަށް ވުމުންކަމަށެވެ.

ލީގްގައި ޗެލްސީއާ ޔުނައިޓެޑް ކުޅުނު މެޗެއް ފެށުމުގެ ކުރިން މޮރީނިއޯ(ވ) އާއި ކޮންޓޭ ސަލާމްކޮށް ވާހަކަ ދައްކާލަނީ ---

ލީގްގައި ރޭ ބާންލީ އަތުން 1-1ގެ ނަތީޖާ އަކުން އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ މޮރީނިއޯގެ ވާހަކަތަކުން އޭނާ ހައިރާން ނުވާ ކަމަށާއި އޭނާއަކީ އަބަދުވެސް އެކަހަލަ ކޫސަނި ވާހަދައްކައި އުޅޭ މީހެއް ކަމަށެވެ.

"އަހަރެންގެ ތަޖުރިބާގެ އަލީގައި އޭނާ [މޮރީނިއޯ] ގެ ވާހަކަތަށް ވަރަށް ރަނގަޅަށް ނަގައިގަނެވޭ،" ކޮންޓޭ ބުންޏެވެ.

"އަހަރެމެންގެ ޓީމަކީ މޮޅު ފުޓްބޯޅައެއް ކުޅޭ ކުޅުންތެރިންތަކެއް ތިބި ޓީމެއް. ދިގު ބޯޅަތަކެއް ކުޅެ ސެކަންޑް ބޯލްއަށް ވެސް ވަރަށް ގަދައަށް ފައިޓްކޮށް ވިން ކުރާ ބައެއް،" ކޮންޓޭ ބުންޏެވެ.

މޮރީނިއޯގެ ވާހަކަތަކަށް މާބޮޑު ރައްދެއް ކޮންޓޭއެއް ނުދެއެވެ. އަނެއްކޮޅުން މޮރީނިއޯ އަބަދުވެސް މަޝްހޫރުވެފައި ވަނީ އޭނާގެ ވާދަވެރި ކޯޗުންނަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް ރައްދުކުރާ ކޯޗެއްގެ ގޮތުގައެވެ.

comment ކޮމެންޓް