ދެމަހަށްވުރެ ގިނަ ދުވަހު އަނިޔާގައި ހުރުމަށްފަހު ބޭލް ރެއާލްގެ ފަރިތަކުރުންތަކަށް

އިއްޔެ ބޭއްވި ރެއާލްހެ ފަރިތަކުރުންތަކުގައި ބޭލް ބޯޅަ ހިފައިގެން -- ފޮޓޯ: ޓްވިޓާ

މިދިޔަ އަހަރުގެ ނޮވެމްބަރު ފަހު ކޮޅުގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުނު ރެއާލް މެޑްރިޑްގެ ވޭލްސް ފޯވާޑް އަނިޔާއިން ސަލާމަތްވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ބޭލްގެ ފައިގެ ކުޑަހުޅަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ނޮވެމްބަރު 26ގައި ރެއާލްގެ ދަނޑުގައި ކުޅެ 2-1ގެ ނަތީޖާއަކުން ސްޕޯޓިން އަތުން މޮޅުވި މެޗުގައެވެ.

ރެއާލުން އިއްޔެ ބޭއްވި ފަރިތަކުރުންތަކެއްގައި ބޭލް ބައިވެރިވެފައިވާއިރު ޓުވިޓާގައި އޭނާ ބުނެފައިވަނީ އަލުން ދަނޑަށް އައުމަށް ކެތް މަދުވެފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި ރެއާލްހެ ފަރިތަކުރުންތަކުގައި ބޭލް(ކ-3) -- ފޮޓޯ: ރެއާލް މެޑްރިޑް

ބޭލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މިދިޔަ ހަފްތާގައި ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އޭނާ ކުޅުމުގެ ތެރެއަށް އައުމަށް އަދި މަހެއްހާ ދުވަސް ނަގާނެ ކަމަށާއި އުންމީދު ކުރަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ޗެމްޕިއަންސް ލީގްގެ ދެވަނަ ލެގްގައި ނަޕޯލީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ފިޓް ވާނެ ކަމަށެވެ.

ބޭލް ފަރިތަކުރުންތަކަށް ނިކުމެފައިވާއިރު އޭނާ ނިސްބަތްވާ ވޭލްސްއިން އަންނަ މަހުގެ 25 ވަނަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި އެ ގްރޫޕްގެ އެއްވަނާގައި އޮތް ރިޕަބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް ނިކުންނާނެއެވެ. އެމެޗަށް ނިކުންނައިރު ބޭލް ފިޓް ވެފައި ވުމަކީ ވޭލްސްގެ ކޯޗު ކްރިސް ކޮލަމެންއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ. ވޭލްސް އޮތީ އަޔަލެންޑަށް ވުރެން ހަތަރު ޕޮއިންޓް މަދުން ލިބި ގްރޫޕްގެ ތިން ވަނައިގައެވެ.

ބޭލްއާ ނުލައި ގިނަ މެޗުތަކެއް ރެއާލުން ކުޅެފައިވާއިރު އެޓީމް އަދިވެސް އޮތީ ސްޕެނިޝް ލީގް ތާވަލުގެ އެއްވަނައިގައެވެ.

comment ކޮމެންޓް