ގިރިފުށީގެ ސަބަބުން ހިންމަފުށި ބިރެއްގެ ތެރޭގައި!(ވީޑިއޯ)

ހިންމަފުށީ ބަނދަރު ސަރަހައްދުގައި ދިވެހި ދިދަތަކެއް ހިފައިގެން މީހަކު ދަނީ-- އެރަށް ވަނީ ބިރުވެރިކަމެއްގެ ތެރޭގަ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކ.ހިންމަފުށިން: އަހުމަދު ސާއިލް އަލީ

ދެހާހެއްހާ މީހުން ދިރިއުޅޭ ކ. ހިނމަފުއްޓަކީ މާލެއާއި ކައިރި ރަށަކަށްވުމާ އެކު އުފާވެރިކަމާ އެކު އެތައް ބަޔަކު ދިރި އުޅެމުންދާ ރަށެކެވެ. ނަމަވެސް ފަހަކަށް އައިސް އެ ރަށު ގޭގޭ ދޮރަށް އަމާޒުވަމުންދާ ވަޒަންތަކާ އެކު މުޅި ރަށް ވަނީ ބިރެއްގެ ތެރޭގަ އެވެ.

ސަންގެ ނޫސްވެރިން ހިންމަފުއްޓަށް ގޮސް ބެލިބެލުމުން އެނގުނުގޮތުގައި އެ ހާދާދިސާތަކުގެ ނުރައްކާ ވަރަށް ވެސް ބޮޑެވެ. މީގެ ދެ އަހަރު ކުރިން މިރަށު މެދެއްހާ ހިސާބުގައި ހުންނަ އަޅިވިލާގޭ ދޮރަށް އަރާފައިވާ ވަޒަން މީހަކަށް އަމާޒު ނުވީ ހަމަކިރިޔާ އެވެ.

ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަދޮރަށް ވަޒަނެއް އަރާފައި ---

"މިގޭގައި އުޅޭ ޕިލިޕީންސް ބަޔަކު އެތެރެއަށް ވަންތަނާހެން ވަޒަން އެރީ، ވަޒަން އަރާފައި އިނީ ގިރިފުއްޓާއި ދިމާލުން. ވަޒަން އިނީ ކަށްޗަކަށް، މަތިން އައިސް އިން ކަހަލަ ގޮތަކަށް އައިސް އިނީ،" އެގޭ އަހުމަދު ޝިޔާމް ބުންޏެވެ.

އެކަން ހިނގުމުން އެގޭގައި ދިރިއުޅެމުން ދިޔަ ޓޫރިސްޓުން ބިރުން ވަނީ އެގެ ދޫކޮށް ގޮސްފަ އެވެ. އެވަޒަން އެރިތާ ދެ އަހަރު ތެރޭގައި މިދިޔަ މަހު ފަހު ކޮޅު އަނެއްކާ ވެސް މިވަނީ މިރަށު ގެއެއްގެ ދޮރަށް ވަޒަނެއް އަރައިފަ އެވެ. މިފަހަރު ވަޒަން އެރީ ގިރިފުއްޓާ ދިމާލު އަތިރީގައި ހުންނަ ގެއަކަށެވެ. ލިލީނައިޓްގޭގައި ހަދަމުންދާ އެގެސްޓްހައުސްއަށް ވަޒަން އަރާފައި ވަނީ ބުރެޒިލް މީހަކު އެގޭގައި އުޅެނިކޮށެވެ. އެކަންވީ އޭނާއަށް ވެސް ބިރަކަށެވެ.

"ބެލިއިރު މިއިނީ ވަޒަނެއް، އަޅުގަނޑުމެން ވަގުތުން ޕޮލިހުންނަށް ގުޅާހެދިން، ގުޅާހެދުމުން ޕޮލިހުން އައިސް އެއްވެސް މީހަކު ނުވަންނަން އެންގި، އަޅުގަނޑުއެހިން ތިއީ ކޮން ކަހަލަ ކަމެއްހޭ، އެހީމާ ބުނި ތިއައިސް ހުންނާނީ ގިރިފުށިންނޭ، އެކަމަކު އެމްއެންޑީއެފް ބޭފުޅުން އައިސް ވިދާޅުވީ ތިއީ ގިރިފުށިން އައި އެއްޗަކަށް ނުވާނޭ،" އެގެސްޓް ހައުސްގެ ވެރިޔާ ހަސަން ސަމީހް ވިދާޅުވި އެވެ.

މިރަށު ކައުންސިލް އިން މައުލޫމާތުދޭ ގޮތުގައި އެދެގޭ ދޮރަށް އެރި ވަޒަންތަކުގެ އިތުރުން ވެސް އެރަށުން ގިރުފުށިފުށީގައި ބޭނުންކުރާ ވަޒަން ފެނިފައި އެބަހުއްޓެވެ. މިއީ ގިރިފުށިން އެ ރަށަށް ވަޒަން އަންނަ ކަމުގެ ހެއްކެއްކަމަށް ކައުންސިލްއިން ބުނެ އެވެ.

"ޓުރެއިނިން ހަދާއިރު ބައެއް މީހުންނަށް ވެސް ފެނިފައި އެބަހުރި ގިރިފުށިން ވެއްޓޭ ވަޒަން. އެމައުލޫމާތު ވެސް އަޅުގަނޑުމެން އޮންނާނެ އެމްއެންޑީއެފް އާއި ހިއްސާކޮށްފައި. ތަންކޮޅެއް ކުރިން މިތާ އޮޑި ހަރުގެއެއްގައި މަސައްކަތް ކުރަނިކޮށް ވެސް ވަޒަނެއް އައިސް ވެއްޓުނު ވާހަކަ ބުނި، އަދި ގެސްޓް ހައުސްއެއްގެ ދިޔަދޮވީގައި ޖެހުނު ވަޒަނެއް ވެސް ހޮވައިގެން ނެގި އިރު ހޫނު ކަމަށް ވެސް ވަނީ، އެވެސް ފުލުހުންނާ ވެސް ހަވާލުކުރިން،" ކައުންސިލް ރައީސް ޝާން އިބްރާހިމް ވިދާޅުވި އެވެ.

ގިރިފުށީގައި ސިފައިން ތަމްރީނުތައް ހަދާތާ އެތައް އަހަރެއްވެއްޖެ އެވެ. މިރަށުގެ ދުވަސްވީ މީހުން މައުލޫމާތުދޭ ގޮތުގައި މިފަހަކުން ނޫނީ މީގެ ކުރިން ބަޑީގެ އަޑު އިވުން ނޫނީ ބަޑީގެ އެއްވެސް ބިރެއް އެ ރަށަށް ނުފޯރަ އެވެ.

"ދުވަހަކު ނުވެސް އަހަން، ވަޒަނެއް ނުވެސް ފެނޭ، ފަހުން އައިސް ގިރިފުށިން ބަޑި ޖަހާ އަޑު އިވޭ،" ހަރީރާ މޫސާ ބުންޏެވެ.

މުޅި ރަށް ބިރުން!

ކޮންމެ އަކަސް މިކަމުގެ ސަބަބުން މުޅި ހިންމަފުށި ވަނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ގިރިފުއްޓާ ދިމާލު ގޮނޑުދޮށަކީ އެ ރަށު އެތައް ބަޔަކު ޒަމާނުންސުރެ ހިތް އުފާކުރަން ނުކުމެ އުޅޭ ސަރަހައްދަކަށްވާ އިރު މިއަދު އެކަން ވެސް ވެފައި ވަނީ ބިރަކަށެވެ. މީހެއްގެ ފުރާނަ ގެއްލޭ ފަދަ ހަމަލާއެއް ކުރިމަތިވެދާނެތީ އެވެ.

"އެއްގޮތަކަށް ވެސް ނުނިކުމެވޭތޯ ބަލަނީ. ކޮންމެ ގެއަކުން ވެސް ކުދިވެރިންގާތު ވެސް ބުނެފައި ހުންނަނީ މިސަރަހައްދަށް ނުނިކުންނަން،" ގިރިފުއްޓާ ދިމާލު އަތިރިމައްޗަށް އިޝާރާތްކޮށް ރިހިއަލި، އަބްދުﷲ ޝުއައިބް ބުންޏެވެ.

މިހާރު ވެސް 10 ގެސްޓް ހައުސް ހިންގާ ހިންމަފުށީގައި ޓޫރިޒަމް ބާރު ސުޕީޑެއްގައި ފުޅާވަމުންދާ އިރު މިހާދިސާތަކުގެ ސަބަބުން އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް ތިބީ ކަންބޮޑުވެފަ އެވެ.

"އަޅުގަނޑުމެންނަށް މިކަން ބަލައެއް ނުގެނެވޭނެ. ގެސްޓުން މިތާ ތިއްބައި މިކަހަލަ ކަމެއް ވެއްޖެ ކަމަށްވާ ނަމަ ވިޔަފާރިއެއް ދެން އަޅުގަނޑުމެންނަަކަށް އެނަމަކު ނުކުރެވޭނެ. ގެސްޓުންނަކީ އެމީހުންނަށް އެންމެ ފަހަރަކު ވެސް އެކަހަލަ ކަމެއް ފެނިއްޖެ ނަމަ ދެން އެކަން އިޔާދަ ކުރެވޭނެ ބައެއް ނޫން،" ގެސްޓް ހައުސްގެ ވިޔަފާރިކުރާ ހަސަން ވިދާޅުވި އެވެ.

ވަޒަން އަންނަނީ ގިރިފުށިން!

މިރަށު ރައްޔިތުން ގަބޫލު ކުރާގޮތުގައި އެ ރަށު ތެރޭގައި ބިރުވެރިކަން އުފެދިފައިވާ ވަޒަންތަކަކީ ގިރިފުށިން އަންނަ ވަޒަން ތަކެކެވެ.

"އަޅުގަނޑުމެންނަން ދެންނޭވޭނީ ލަފާތަކަށް ބަލާފައި އެއީ ހަމަ ގިރިފުށިން އައި ވަޒަނެކޭ. މިރަށުގައި އެއްވެސް އިރެއްގައި އެކަހަލަ ހަތިޔާރެއް އެއްވެސް އެއްޗެއް ގެންގުޅެފައެއް ނެތް،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވާ ގޮތުގައި އެއީ ގިރިފުށިން އަންނަ ވަޒަންތަކެއް ނޫނެވެ. ގިރިފުށިން ޖަހާ ވަޒަން އެސަރަހައްދަށް ނުފޯރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގިރިފުށިން އައި އެއްޗެއް ކަމަށް ނޫންވެއްޖެއްޔާ މިރަށުގައި ބަޑި ގެންގުޅެނީތާ، އެހެން ވެއްޖެއްޔާ އަޅުގަނޑުމެން ބޭނުންވޭ ސަރުކާރުން މިރަށުގެ ހުރިހާ ގެއެއް ވެސް އަދި ހުރިހާ މީހުންނެއް ވެސް ސްކްރީންކޮށްގެން ބަލަން،"

ފުލުހުން ޔަގީންކަންދޭ ގޮތުގައި ހިންމަފުށީގައި ހަތިޔާރެއް ނުގެންގުޅެ އެވެ. ދިވެހި ރާއްޖޭގެ ސަލާމަތީ ބާރެއްގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ސިފައިން ބަޑިޖަހާ ޑައިރެކްޝަނަކީ ހިންމަފުއްޓާ ދިމާ ކަމުގައި ނުވިނަމަވެސް ޓުރެއިނިނިންއެއްގެ ތެރެއިން މީހެއްގެ އަތުން ނުބައި އޭންގަލް އަކަށް ބަޑި ޖެހިއްޖެ ނަމަ އެވަޒަން ހިންމަފުއްޓަށް އަންނާނެ އެވެ.

ކޮންމެ އަކަސް އުފާވެރިކަމާއި މިނިވަންކަމާ އެކު އުޅެމުން ދިޔަ ހިންމަފުށީގެ ރައްޔިތުން މިވަނީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގަ އެވެ. އެންމެ ބޮޑު ބިރަކީ މިހާތަނަށް އެއީ ކިހިނެއް ހިނގި ހާދިސާއެއްކަން ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަ ނުކުރުމެވެ. ކަންވީގޮތް ސާފުވާންޖެހެ އެވެ. އިހުމާލެއް ނަމަ ޒިންމާނަގަންޖެހެ އެވެ.

comment ކޮމެންޓް