ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިލިއަނެއްހާ ރުފިޔާގެ ގެެއްލުން ވެއްޖެ

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބިފައިވާ ތަނެއް-- ފޮޓޯ/ފޭސްބުކް

އއ. ރަސްދޫގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި މިލިއަނެއްހާ ރުފިޔާގެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އިއްޔެ ހަވީރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޑައިވިން ސުކޫލަކާއި ފިހާރައެއްގެ އިތުރުން ގެއެއްގައެވެ. އެ ހުރިހާ ތަނަކީވެސް އެއް އާއިލަ އަކަަށް ނިސްބަތްވާ ތަންތަނެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ލުނބޯގަސްދަށުގޭ އަބްދުއް ރަޝީދު އާދަމް ބުނީ އަލިފާން ރޯވީ ކަރަންޓު ޝޯޓެއްވެގެން ކަމަށާއި އެ ހާދިސާގައި ޖުމްލަ މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ލަފާކުރެވޭ ކަމަށެވެ.

"ގާތްގަނޑަކަށް ހަތަރު ގަޑި އިރުގެ ތެރޭގައި އެއްކޮށް އަލިފާން ގަނޑު ނިއްވާލެވުނީ. ރަށުގެ އާންމުންނާއި ރަށުގައި ތިބި ބައެއް ފަތުރުވެރިންނާއި ސިފައިން އަދި ދިިރާގުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބުނު،" އަބްދުއް ރަޝީދު ބުންޏެވެ.

އަލިފާން ރޯވި ފިހާރައަކީ ޑައިވިން ސުކޫލާއި އެ އާއިލާގެ މީހުން އަލަށް ހުޅުވަން އުޅޭ ގެސްޓު ހައުސްތަކަށް ގެނެސްފައި ހުރި މުދާތައް ލާފައި ހުރި ފިހާރައެއް ކަމަށް އަބްދުއް ރަޝީދު ބުންޏެވެ.

އޭނާ ބުނީ ލުނބޯގަސްދަށުގެ ހަދާފައި ހުންނަނީ ދެ ބަޔަކަށް ކަމަށާއި އަލިފާން ރޯވީ އެގޭގެ އެއްބައިގައި ކަމަށެވެ. އެހެންކަމުން ރަނގަޅަށް ހުރި ބަޔަކަށް އެތަނުގައި ދިރިއުޅުނު މީހުން މިހާރު ވަނީ ބަދަލުވެފައެވެ.

އެ ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް