ޑޮމިނިކަން ރިޕަބްލިކްގެ ނޫހަކަށް ޓްރަމްޕާއި ބޯލްޑްވިން އޮޅިއްޖެ

އެލް ނޭޝަނަލް އިން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބަދަލުގައި އެލެކް ބޯލްޑްވިންގެ ފޮޓޯއެއް ޖަހާފަ -- ފޮޓޯ: އޭޕީ

ޑޮމިނިކަން ރިޕަބްލިކްގެ ގައުމީ ނޫހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޓްރަމްޕް ކަމަށް ހެދިގެން އެމެރިކާގެ ޝޯއެއް ކަމަށްވާ ސަޓަޑޭ ނައިޓް ލައިވް (އެސްއެންއެލް) ގައި ބައިވެރިވާ އެލެކް ބޯލްޑްވިންއާ އޮޅިއްޖެ އެވެ.

ބޯލްޑްވިންގެ ފޮޓޯއެއް ޖެހުމަށް ފަހު ކެޕްޝަނުގައި އެއީ ރައީސް ޓްރަމްޕުކަމަށް ޖެހުމުން އެލް ނޭޝަނަލް އިން ވަނީ އެކަމަށް މާފަށް އެދިފައެވެ. ބޯލްޑްވިންގެ ފޮޓޯ ޖަހާފައި ވަނީ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގައި އާބާދު ކުރުމާ ބެހޭ ގޮތުން ލިޔެފައިވާ ހަބަރެއްގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯއަކާ ކައިރީގައެވެ.

އެނޫހުން ބުނާ ގޮތުގައި ނޫހުގެ އެއްވެސް މުވައްޒަފަކަށް އެކުށް ފާހަގަ ނުކުރެވެ އެވެ. އަދި އެމީހުން ޖެހި ފޮޓޯއަކީ އެސްއެންއެލްއާ ބެހޭ ގޮތުން ލިބުނު މައުލޫމާތާ އެކު ލިބުނު ފޮޓޯއެއް ކަމަށް ނޫހުން ބުނެ އެވެ.

މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ އޭނާ ކަމަށް ހެދިގެން ބޯލްޑްވިން ކުރާ އެކްޓް އެއްވެސް ވަރަކަށް ކަމުނުދާ ކަމަށް ވިދާޅުވެ، ބޯލްޑްވިންއަށް ފާޑު ވިދާޅުވެފައެވެ. (ބީބީސީ)

comment ކޮމެންޓް