11000 މެންބަރުން އަލަށް ޕީޕީއެމް އަށް ސޮއިކޮށްފި

ޕީޕީއެމްއާ އަލަށް ގުޅުނު މެންބަރުންގެ ފޯމު ހަވާލު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެެއިން./ފޮޓޯ:އަސުރުމާ

މާލެ އާއި އަތޮޅުތަކުން 11000 މެންބަރުން ޕީޕީއެމްއާ އިއްޔެ ގުޅިއްޖެ އެވެ.

ތާޖުއްދީން ސްކޫލްގައި ފޯކަލް ޕޮއިންޓެއް ގާއިމްކޮށް އިއްޔެ ހިންގި އެ ހަރަކާތުގައި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އެމްޑީ އިން އަދި ޕީޕީއެމްގެ އިސް އެކްޓިވިސްޓުން ބައިވެރިވި އެވެ.

އިއްޔެ ހިންގި ހަރަކާތުގައި ޕީޕީއެމް އަށް އަލަށް ގުޅުނު 11000 މެންބަރުންގެ ފޯމްތައް ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އަނބިކަބަލުން މެޑަމް ފާތުމަތު އިބްރަހީމްއާ ހަވާލުކޮށްފަ އެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު ފަރާތްތަކާ މުހާތަބު ކުރައްވައި ތާޖުއްދީން ސްކޫލްގެ ހޯލުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، 11000 ފޯމުން ވެސް އަންގައިދެނީ ދެން މިގައުމުގައި އިދިކޮޅު ފަރާތްތަކަށް ވެރިކަން ކުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

"މިއަދު މި 11000 ފޯމު މި ބުނެދެނީ ދެން އެބޭފުޅުންނަކަށް އެއްވެސް ފުރުސަތަތެއް ނެތޭ. ސަބަބަކީ ދިވެހި ރައްޔިތުން ދެނެއް ބޭނުމެއްނުވޭ މިގައުމު ފަނާކުރާކަށް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޒުވާނުންނާ ދޭތެރޭ ބަހައްޓަވާ ގާތްކަމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ދެމެހެއްޓެނެވި ތަރައްގީގެ އަސާސަކީ ޒުވާނުން ކަމަށް ސައީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި މިހާރު ލިބެމުންދާ ތަރުހީބުން އެނގެނީ 2018ގައި ވެސް އަދި 2023 ވެސް ޕީޕީއެމް އިންތިހާބު ކާމިޔާބު ކުރާނެކަން ކަމަށް ސައީދު ވިދާޅުވި އެވެ.

"މިއަދު ގައުމު އަނެއްކާ ވެސް ހަމައެކަނި މި މާލޭން ވެސް މި ބުނެދިނީ ރައީސް ޔާމީނަށް ޓަކައި 2018 ކީއްކުރަންތޯ 2023 ވެސް އޮތީ ފައްކާ ވެފައޭ." ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެމްޑީޕީ ސަރުކާރެއްގައި ރައީސް ނަޝީދު ހުންނަވައިގެން މި ގައުމު އިސްލާމީ ރިވެތި މިސާލެއްގެ ގޮތުގައި ފޯރުކޮށް ނުދެވޭނެ ކަމަށާއި އަދި މިހާރު ރާއްޖޭގައި އޮތް ކުދި ކުދި ޕާޓީތަކަށާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ވެސް އެކަން ނުކޮށްދެވޭނެ ކަމަށެވެ. އަދި އެންމެ ގާބިލު ބޭފުޅަކީ ރައީސް ޔާމީން ކަމަށް ސައީދުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ ރޭ ހަވާލުކުރި ފޯމްތަކުގައި ގިނައިން ހުރީ އެމްޑީޕީ އިން ޕީޕީއެމްއާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ކަމަށެވެެ. އެ ފޯމުތަކުގެ 60 ޕަސެންޓަކީ އެމްޑީޕީ އިން ސޮއިކުރި މީހުންގެ ފޯމް ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީގައި ބާކީ ތިބި މީހުން ވެސް ޕީޕީއެމް އަށް ސޮއި ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް