ބާސެލޯނާ ފެންވަރު ދައްކާލިއިރު ރެއާލް އެއްވަނަ ދިފާއުކޮށްފި

އަލަވޭސްއާއި ބާސެލޯނާ ކުޅުނު މެޗުގައި މެސީގެ ގޯލަށްފަހު އެޓީމްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ސްޕެނިޝް ލީގުގައި 6-0ގެ ނަތީޖާ އަކުން އަލަވޭސް ބަލިކޮށް ބާސެލޯނާގެ ފެންވަރުު ދައްކާލިއިރު ރެއާލް މެޑްރިޑް ވަނީ 3-1ގެ ނަތީޖާއަކުން އޮސަސޫނާ ބަލިކޮށް ތާވަލުގެ އެއްވަނަ ދިފާއުކޮށްފައެވެ.

ރޭގެ މޮޅާއެކު ބާސެލޯނާއަށްވުރެ ދެ މެޗު މަދުން ކުޅެފައިވާ ރެއާލް އެއްވަނާގައި އޮތީ 49 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 48 ޕޮއިންޓާއެކުއެވެ. ބާސެލޯނާއަށްވުރެ އެއް މެޗު މަދުން ކުޅެ ތިންވަނައިގައި އޮތް ސެވިއްޔާއަށް ލިބެނީ 43 ޕޮއިންޓެވެ. ސެވިއްޔާ މިރޭ ނިކުންނާނީ ލަސް ޕަލަމްސްއާ ދެކޮޅަށެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލަށް ފުރަތަމަ ލީޑް ނަގައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮސަސޫނާގެ ސާޖިއޯ ލެެއޮން ވަނީ އެޓީމަށް ނަތީޖާ އެއްވަރިކޮށްދީފައެވެ. ރެއާލަށް ދެވަނަ ފަހަރަށް އިސްކޯ ލީޑް ނަގައިދިންއިރު، ފަހު ގޯލު ކާމިޔާބްކޮށްދިނީ ލޫކަސް ވެސްކުއޭޒްއެވެ.

އޮސަސޫނާއާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މެޗުގައި އެޓީމްގެ ހަ ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބްކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. އެއް ގޯލު އަލަވޭސްގެ ރުއާނޯ ޑެލްގާޑާ އަތުން ބައިކޮޅަށް ވަތްއިރު އަނެއް ތިން ގޯލު ކާމިޔާބްކޮށްދިނީ ނޭމާއާއި ލިއޮނަލް މެސީ އަދި އިވާން ރަކިޓިޗްއެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ޑިފެންޑަރު އަލެކްސް ވިޑާލްގެ ވާއަތުފައިގެ ކުޑަހުޅު ބިނދި އޭނާއަށް ވަނީ ސީޒަން ނިމިފައެވެ.

"ރަނގަޅު ފޯމެއްގައި ހުއްޓާ ވިޑާލްއަށް އަނިޔާ މިވީ. ކުރިއަށް ހުރި މެޗުތަކުގައި އޭނާއަށް ނުކުޅެވުމަކީ ބާސެލޯނާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް. މިވަގުތު އޭނާއަށް އަހަރެމެންގެ ފުރިހަމަ އެހީތެރިކަން ދޭނަން،" ވިޑާލްގެ އަނިޔާއާ ގުޅޭ ގޮތުން ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުންޏެވެ.

ބޮޑު ތަފާތަކުން ބާސެލޯނާ އަތުން އަލަވޭސް ރޭ ބަލިވިއިރު އެޓީމުން ވަނީ ލީގްގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 2-1ގެ ނަތީޖާއަކުން ބާސެލޯނާގެ ކޭޕް ނޯގައި އެޓީމު ބަލިކޮށްފައެވެ.

އަނެއްކޮޅުން ސްޕެނިޝް ކަޕްގެ ފައިނަލްގައި މެއި 27ގައި ވެސް ބާސެލޯނާއާއި އަލަވޭސް ބައްދަލު ކުރާނެއެވެ.

comment ކޮމެންޓް