އިސްލާމީ ދުނިޔޭގެ އިސް ދަންނަބޭކަލުން އަވަހާރަކޮށްލުމަށް އައިއެސްއިން "ފަތުވާ" ނެރެފި

އައްރިއްޤާ (ފެބްރުއަރީ 12): އިސްލާމީ ދުނިޔޭގެ އިސް ދަންނަބޭކަލުން މެރުމަށް އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން "ފަތުވާ" ނެރެފިއެވެ. އައިއެސް ޖަމާއަތުގެ ދަންނަބޭކަލުންގެ ކޮމިޓީން ނެރުނު މިފަތުވާގެ ވީޑިޔޯއެއް އެޖަމާއަތުންވަނީ އިންޓަނެޓްގައި ޝާއިޢުކޮށްފައެވެ.

އިންޓަނެޓްގައި ޝާއިޢުކޮށްފައިވާ އައިއެސްގެ ފަތުވާ ވީޑިޔޯ ގައި ޝައިޚުލްއަޒްހަރު ޑޮކްޓަރ އަހްމަދުއްތައްޔިބު، ސައޫދީ އަރަބިޔާގެ މުފްތީ އައްޝައިޚް އަބްދުލްއަޒީޒް އާލުއްޝައިޚް، ސޫރިޔާގެ މުފްތީ އައްޝައިޚް އަހްމަދު ހައްސޫން، އިސްލާމީ ދަންނަބޭކަލުންގެ ބައިނަލްއަގްވާމީ ޖަމްއިއްޔާގެ ރައީސް އަލްޢައްލާމާ ޑޮކްޓަރ ޔޫސުފް އަލްގަރްޟާވީ، މިސްރުގެ ކުރީގެ މުފްތީ ޑޮކްޓަރ އަލީ ޖުމްޢާ މި ފަސް ބޭބޭފުޅުންގެ ނަންތައް ފާހަގަކޮށް މިބޭފުޅުންގެ ލޭ އޮހޮރުވާލުން ހުއްދަކޮށް އަދި މިބޭފުޅުން އަވަހާރަކޮށްލުމުގެ މަސައްކަތް ފެށުމަށް އެޖަމާއަތުގެ ހަނގުރާމަވެރިންނަށް ގޮވާލާފައިވެއެވެ.

ޑރ. ގަރްޟާވީ

މީގެއިތުރުންވެސް އައިއެސްގެ ވީޑިޔޯގައި މަރު ހުއްދަކޮށްފައިވާ އިސްލާމީ އިސް އަދި މަޝްހޫރު ދަންނަބޭކަލުންގެ ތެރޭގައި އައްޝައިޚް މުހައްމަދު ހައްސާން، ޑޮކްޓަރ ސަލްމާން އަލްޢަވްދާ، ޑޮކްޓަރ މުހައްމަދުލްއަރިފީ، ޑޮކްޓަރ ޢާއިޟް އަލްގަރްނީ، އައްޝައިޚް އަބްދުލްއަޒީޒް އަލްފަވްޒާން، އައްޝައިޚް ރާތިބު އައްނާބްލްސީ، އައްޝައިޚް އަހްމަދުލްކުބައިސީ މިބޭބޭފުޅުންގެ ނަންފުޅުތައްވެސް ފާހަގަކޮށްފައިވެއެވެ.

އައިއެސް ފަތުވާގެ ވީޑިޔޯގައި މީގެއިތުރުންވެސް އިރާގާއި އީރާނާއި މިސްރާއި ސައޫދީ އަރަބިޔާއާއި ސޫރިޔާއާއި އަފްޣާނިސްތާނާއި ޕާކިސްތާނާއި ޔަމަނާއި ތުރުކީއާއި ލީބިޔާއާއި އަލްޖަޒާއިރުގެ ބައެއް ދަންނަބޭކަލުންގެ ނަންފުޅުތައް ފާހަގަކޮށް އެބޭފުޅުން އަވަހާރަކޮށްލުމަށް އައިއެސްގެ ޓެރަރިސްޓުންގެ ކިބައިން އެދިފައިވެއެވެ. އިސްލާމީ މިހާ ގިނަ އަދަދެއްގެ ދަންނަބޭކަލުން އަވަހާރަކޮށްލުމަށް އައިއެސްގެ ދަންނަބޭކަލުންގެ ކޮމިޓީން ފަތުވާ ދިނީ މި ދަންނަބޭކަލުންނަކީ އިލްމުވެރިން ނޫންކަމާއި އައިއެސް އާ ހަނގުރާމަ ކުރުމަށް އެބޭފުޅުން ފަތުވާ ދެއްވާފައިވާތީ ކަމަށް އެޖަމާއަތުން ޝާއިޢުކުރި ވީޑިޔޯ ގައި ބުނެފައިވެއެވެ.

އެވީޑިޔޯގައި މި ދެންނެވި އިސްލާމީ ދަންނަބޭކަލުންނަކީ އިލްމުވެރިން ނޫންކަމާއި އެއީ "އިލްމުގެ ހިމާރުން" ކަމަށް ސިފަކޮށްފައިވެއެވެ. އަދި އެބޭފުޅުންނަކީ އުލަމާއުން (ދަންނަބޭކަލުން) ނޫންކަމާއި އެއީ އަމީލުން (އެޖެންޓުން) ކަމަށްވެސް ސިފަކޮށްފައިވެއެވެ. އަދި އެބޭފުޅުންނަކީ ޖިހާދުގެ މާނައޮޅުވާލައި، "ކާފަރުންނާ ދެކޮޅަށް ޖިހާދުކުރާ" އައިއެސް ޖަމާއަތަކީ ޓެރަރިސްޓުންކަމަށް ބުނެ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެމެރިކާފަދަ ކުއްފާރުންނަށް އެއްބާރުލުން ދެއްވާ ބޭފުޅުންކަމަށްވެސް އައިއެސްގެ ވީޑިޔޯގައި ބުނެފައިވެއެވެ.

މިގޮތުން އައިއެސްއާ ދެކޮޅަށް އިސްލާމީ ގައުމުތައް އެމެރިކާއާ ގުޅިގެން ހަނގުރާމަ ކުރަންފެށީ އެބޭފުޅުން އައިއެސްގެ ހަނގުރާމަވެރިންގެ ލޭ ހުއްދަކުރައްވައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ފަތުވާ ނެރުއްވުމުގެ ސަބަބުން ކަމަށްވެސް އައިއެސްގެ ވީޑިޔޯގައި ބުނެފައިވެއެވެ.

އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ގޮވާލައި ފަތުވާ ނެރުއްވި މިދެންނެވި ދަންނަބޭކަލުން ނައްތާލުމުން ދުނިޔެ "ތޯހިރު" ވާނެކަމަށްބުނެ އިސްލާމީ އުސޫލުތަކާ އިސްލާމީ އަޚުވަންތަކަމާއި ސަމާހަތާ މުޅިން އިދިކޮޅަށް އެވީޑިޔޯގައި އައިއެސްއިން ފަތުވާ ދީފައިވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް