ގައިދީންނަށް މިއީ ޖަލެއްހެން ހީވެސް ނުވޭ!

ގައިދީއެއް މާފުށީ ޖަލުގައި ކިއުކަމްބާ ދަނޑެއް ހެއްދުމުގެ މަސައްކަތުގައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މީގެ ކުރިން ނަމަ ގައިދީންނަކީ ޖަލުގައި ކުޑަ ގޮޅިއެއްގައި ހުކުމުގެ ދުވަސްތައް ގުނަމުންދާ ބައެކެވެ. އިރުއަރާ އޮއްސޭ އިރު އެކަނިވެރިކަން ފިޔަވައި އެހެންކަމެއް އެމީހުންނަށް ގިނަ ފަހަރު އިހުސާސެއް ނުވެ އެވެ. ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެހީގައި ނަމާދުކޮށް ގުރުއާން ކިޔަވާލައި އުޅެ އެވެ. އިރުއަރާ އޮއްސޭކަން ވެސް އެމީހުންނަށް ގިނަ ފަހަރަކު ނޭނގޭނެ އެވެ. ނަމަވެސް މިހާރު ތަފާތެވެ.

ޖަލަކީ ކުށްކުރާމީހުންނަށް ކަނޑައެޅޭ އަދަބެއް ދިނުމަށް އެމީހުން މުޖުތަމައުން އެކަހެރިކޮށް ބަހައްޓާ ތަނަކެވެ. ނަމަވެސް، މިހާރު ޖަލަކީ ކުށްވެރިންނޭ ކިޔާފައި ހަމައެކަނި ގޮޅިތަކަށް ދޫކޮށްލާފައި ތިބޭ ބައެއް ނޫނެވެ. އޭގެ ބަދަލުގައި ޖަލަކީ ކުށްކުރާ މީހުން މުޖްތަމައަށް ރަނގަޅުގޮތުގައި އަނބުރާ ގެނައުމަށް ކޮންމެވެސް މަސައްކަތެއް ވެސް ދަސްކޮށްދޭ ތަނެކެވެ. ގޮޅީގައި ބަންދުވެފައި 24 ގަޑިއިރު އޮންނާކަށް ނުޖެހޭނެ އެވެ. އަމިއްލަ ނަފްސު އިސްލާހުކުރަން ބޭނުންވެގެން، ގޮތްދޫކޮށް، ކޮންމެވެސް މަސައްކަތްތެރި ޕްރޮގްރާމެއްގައި ބައިވެރިވާން ފޯމެއް ފުރާލަންވީ އެވެ. އެހިސާބުން ހުނަރުވެރި މީހަކަށްވެ، ޖަލުގައި ހުކުމް ތަންފީޒުކުރާ ދުވަސްތަކަކީ ވެސް ދިރިއުޅުމުގައި ބޭނުންތެރި ދުވަސްތަކަކަށް ހެދިދާނެ އެވެ.

ގައިދީންތަކެއް ކޮޕީފަތް ދަނޑުގައި މަސައްކަތުގައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން މާފުށީގައި ހުންނަ ޖަލަށް ނޫސްވެރިން އިއްޔެ ގެންގޮސް ގައިދީންގެ ބައެއް މަސައްކަތްތައް ދައްކައިލި އެވެ. އެއީ ސަރުކާރުން ފެށި ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން، ދަނޑުވެރިކަމާއި އެކި ތަފާތު ހުނަރުތައް ދަސްކޮށްދޭ ދެ ސަރަހައްދެކެވެ. ކަނުބަނދެގެން ގެންގޮސް އެ ސަރަހައްދަށް އަޅުގަނޑު ދޫކޮށްލި ނަމަ އަޅުގަނޑަށް ބުނެވޭނީ ހީވާގި ދަނޑުވެރިންތަކެއް ދިރިއުޅޭ ރަށަކަށް އަޅުގަނޑު ދޫކޮށްލި ވާހަކަ އެވެ. ނުވަތަ ހުނަރުވެރި މަސައްކަތްތެރީންތަކެއް ގެންގޮސް ތަފާތު މަސައްކަތްތައް ކުރާ ފެކްޓަރީއެއްގެ ތެރެއަށް ދޫކޮށްލި ވާހަކަ އެވެ. ޖަލެކޭ ބުނުމަށް ހިތައް ވެސް ނާރާނެ އެވެ.

ސީދާ ދަނޑުވެރި ކަމަށް ބަރޯސާވެފައި އޮތް ދަނޑުވެރި ރަށެއް ދުށިން ހެއްޔެވެ. އެފަދަ ރަށްރަށުން ފެންނާނީ ފައްކާކޮށްފައި ހުންނަ މޭވާ ގަސްތަކާއި ފަތް ދަނޑުތަކެވެ. މިއަދު މާފުށީ ޖަލުން ފެނުނީ ވެސް ހަމަ އެ މަންޒަރެވެ. މާފުށީގައި ގައިދީން ހައްދާފައިވާ ދަނޑުތައް ފެނުނެވެ. އެ ދަނޑުތަކަށް ވަނީމެވެ. ތާޒާކަމާ އެކު އާރޯކަން ލިބިފައި ހުރި ގަސްތައް ހައްދައި މަސައްކަތްތައް ކުރަމުން އެ ގެންދަނީ ތަފާތު ކުށްތަކުގައި ޖަލަށް ގެންގޮސްފައިތިބި ކުށްވެރީން ނަމަވެސް މިހާރު އެއީ "ދަނޑުވެރީން"ނެވެ.

ގައިދީން ހައްދާފައިވާ މިރުސް ގަހެއްގައި މިރުސް އަޅާފައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ދަނޑުވެރިން ހައްދާ ގަހުގެ ބާވަތްތައް

ފުރަތަމަ ދައްކައިލީ ދަނޑުވެރީން ހައްދާފައިވާ މިރުސް ދަނޑެކެވެ. ގިތެޔޮ މިރުހާއި ތޮޅިމިރުހުގެ އިތުރުން އެހެނިހެން ބާވަތްތަކުގެ މިރުސްތައް ވެސް ގަސްތަކުގައި ހުރީ ތާޒާވެފަ އެވެ. ދަނޑުގެ ހާލަތަށް ބަލާ ނަމަ ބުނެވޭނީ އެންމެ ފެންވަރު ރަނގަޅު ދަނޑެއްގެ ގޮތުގަ އެވެ. ދެން ދައްކައިލީ ކިއުކަމްބާ ވެލެކެވެ. އެއަށްފަހު ކޮޕީފަތް ދަނޑެކެވެ. އަދި އެހެން ބާވަތް ތަކުގެ ފަތްތަކެވެ.

ދަނޑުތަކުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރަނީ ތަމްރީނު ދީފައި ތިބި ގައިދީންނެވެ. ގަސްތައް މުޑުވައްކޮށް، ދަނޑުގައި އިންދައި ފެންދީ ބޭސްޖަހައި ބަލަހައްޓަނީ ވެސް ގައިދީންނެވެ. ހޭލައިގެން ވަޒީފާއަކަށް ނުކުންނަ ފަދައިން އެ ގައިދީން މަސައްކަތަށް ނުކުމެ އެވެ. ބަލާބެލުމަށް ފެންނަނީ ވަރަށް ފޯރިއާ ޖޯޝާ އެކު އެ މަސައްކަތްތަކުގައި އުޅޭތަނެވެ. އާއިލާތަކާ ދުރުގައި ޖަލެއްގައި ހުކުމެއް ތަންފީޒުކުރާ ބައެއްހެނެއް ހިއެއްނުވެ އެވެ.

ގައިދީން ހައްދާފައިވާ ކަމްބާ ވެލެއްގައި ކަމްބާ އަޅާފައި: މި ތަކެތި ވިއްކައިގެން ގައިދީންނަށް އާމްދަނީ ވެސް ލިބޭ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ދަނޑު ހައްދައިގެން ގައިދީންނަށް އާމްދަނީ ވެސް ހޯދޭ

މިއީ ކިހާ ހިތްހަމަޖެހޭ ވާހަކައެއް ހެއްޔެވެ. މިއީ އެއްކަލަ ކުށްވެރީންގެ ގޮތުގައި ޖަލަށް ދިޔަ ފަރާތްތަައް، ބޭނުންތެރި ހަރުދަނާ އަދި ޒިންމާދާރު ބަޔަކަށް ވެގެން މުޖުތަމައަށް އަންނާނެކަމުގެ ކޮޅުމައްޗެވެ. މާފުށީ ޖަލުގައި އުޅޭ ދަނޑުވެރީން ކުރާ މަސައްކަތުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 35000 ދިވެހި ރުފިޔާ އާއި 40000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ކަރެކްޝަނަލް ސާވިސްއަށް ފައިސާ ލިބެ އެވެ. އެތަކެތި ވިއްކަނީ ޓޫރިޒަމް ނަގައި ވައިގައި އަޅުވާލާފައި އޮތް މާފުށީގެ ގެސްޓްހައުސްތަކަށާއި އާންމު ފިހާރަތަކަށެވެ.

ފައިސާ ބަހަނީ ކޮން އުސޫލެއްގެ ދަށުންކަމެއް ނޭންގެ އެވެ. ނަމަވެސް މަސައްކަތުގައި އުޅޭ ކޮންމެ ގައިދީއަކަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 35 ރުފިޔާ އާއި 40 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ލިބެ އެވެ. އެ ފައިސާ ކަރެކްޝަނަލް ސާވިސް އިން އުފައްދާފައިވާ ޕްރޮސީޖާއެއްގެ ދަށުން ގައިދީންގެ އެކައުންޓްތަކަށް ޖަމާވެ އެވެ. ހަފްތާއަކު އެއްދުވަހު ގައިދީންނަށް އެ ފައިސާއަށް ތަކެތި ގަތުމުގެ ފުރުސަތު ލިބެ އެވެ. ގައިދީ ބޭނުން ނަމަ އެ ގަންނަ އެއްޗެއް އާއިލާއަށް ހަދިޔާގެ ގޮތުގައި ވެސް ފޮނުވިދާނެ އެވެ.

ގައިދީން ތަކެއް ދަނޑު ހެއްދުމުގެ މަސައްކަތުގައި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހުކުމް ތަންފީޒުކުރާ މާހައުލުން ތަފާތު ހުނަރުތައް

ގައިދީން ހަމައެކަނި ދަނޑުވެރިކަން ކުރަނީއެއް ނޫނެވެ. ތަފާތު ހުނަރުތައް ދަސްކުރުމަކީ ވެސް ޖަލަށްދާ ގައިދީން ކުރާ މަސައްކަތެކެވެ. އެގޮތުން އަތްތެރި މަސައްކަތްތަކާއި ފެހުން ފަދަ މަސައްކަތްތަކުގައި ގައިދީން ބުރަކޮށް ހަރަކާތްތެރިވާ މަންޒަރު ފެނުނެވެ. އަތްތެރި މަސައްކަތޭ ބުނާ އިރު މިއީ އާދައިގެ ކަންކަމެއް ނޫނެވެ. އެންމެ ކުރީ ޒަމާނުގައި ފެނުނު ލިޔެލާޖެހުން ފަދަ ކަންކަމަށް އެ މަސައްކަތްތަކުގައި އުޅޭ ގައިދީން ފިސާރި ކުޅަދާނަ އެވެ.

އޭގެ އިތުރުން ގާރީ ކޯހާއި އިނގިރޭސި، ދިވެހި، ހިސާބު އަދި އަދި އިސްލާމް ފަދަ މާއްދާތައް ގައިދީންނަށް އަންނަނީ ކިޔަވައިދެމުންނެވެ. އެގޮތުން ގާރީ ކޯހުގެ ސެޓްފިކެޓް އެކެއް 21 ގައިދީން ހަދަމުން އަންނަ އިރު ގާރީކޯހުގެ ސެޓްފިކެޓް ދޭއް ހަދަމުން 23 ގާރީއަކު އެބަ ގެންދެއެވެ. އެ ދެ ލެވެލްގައި ވެސް ކިޔަވަނީ ފިރިހެން ގާރީންނެވެ. ގާރީ ކޯހުގެ ސެޓްފިކެޓް ލެވެލް ތިނެއް ކިޔަވަމުން 12 އަންހެން ގައިދީން އަދި 17 ފިރިހެން ގައިދީން އެބަގެންދެ އެވެ.

ގާރީ ކޯހުގައި ކިޔަވަމުން އަންނަ ގައިދީންތަކެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ގާރީ ކޯހުގެ އިތުރުން އިނގިރޭސި މާއްދާ ހަ އަންހެން ގައިދީއެއް އަދި ހަ ފިރިހެން ގައިދީއެއް އަންނަނީ ކިޔަވަމުންނެވެ. ހިސާބު މާއްދާ ހަތް އަންހެން ގައިދީން ކިޔަވާއިރު، ހަ ފިރިހެން ގައިދީން އަންނަނީ ކިޔަވަމުންނެވެ. ދިވެހި މާއްދާ 15 އަންހެން ގައިދީއަކު ކިޔަވަމުން އަންނަ އިރު 32 ފިރިހެން ގައިދީއަކު އަންނަނީ ކިޔަވަމުންނެވެ. އިސްލާމް މާއްދާ 14 އަންހެން ގައިދީއަކު ކިޔަވަމުން އަންނަ އިރު 43 ފިރިހެން ގައިދީއަކު ވެސް އަންނަނީ އިސްލާމް މާއްދާ ކިޔަވަމުންނެވެ.

ހުކުމް ތަމްފީޒު ކުރަމުން އަންނަ ބައެއް ގައިދީންނާ ވާހަކަ ދައްކާލުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސްއިން ލިބުނެވެ. އެ ގައިދީން ބުނީ އެމީހުންނަކީ ބޭނުންތެރި ބަޔަކަށް ވުމުގެ ކޮޅުމަތި މިހާރު ފެނި ދިރިއުޅުމުގައި އުންމީދުތަކެއް މިހާރު އެބައޮތް ކަމަށެވެ. އެމީހުން ބޭނުންވަނީ އަނބުރައި އަންނަ އިރު މުޖުތަމައުން އެމީހުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމެވެ. މާޒީވެދިޔަ ދުވަސްތައް ދިޔައީ އެވެ. ތަފާތު މީހެއްގެ ގޮތުގައި އެމީހުން ބަލައިގަންނަން ގައިދީން ބޭނުންވެ އެވެ.

ފަހާކޯސް ހަދަމުން އަންނަ ގައިދީންތަކެއް: މި ގައިދީން ވެސް ވަރަށް ހުނަރުވެރި ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިއީ ކިހާ ރަނގަޅު މަސައްކަތެއްތޯ އެވެ. ޒުވާނުން ހުނަރުވެރި ބަޔަކަށް ހަދައި، ކުށުގެ ވެށި ދޫކޮށް ރަނގަޅު މުޖުތަމައަށް އެނބުރި އަންނަ ގައިދީންނަށް މި ޕްރޮގްރާމްގެ ސަބަބުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެ އެވެ. އެ ފަރާތްތަކުގެ އާއިލާތަކަށް ހިންދެމިލާނެ ވަގުތު ލިބޭނެ އެވެ. ގައިދީން މުޖުތަމައުގައި އުޅޭ ޒުވާނުންނަށް ދޭން ބޭނުންވި ނަސޭހަތަކީ ކުށުގެ ވެށިން ދުރުވެ ހަރުދަނާ މީހަކަށް ވެގެން އުޅުމެވެ.

comment ކޮމެންޓް