ލާމު ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބުނު މީހާ މާލެ ގެނެސްފި

ލ. ލިންކު ރޯޑުގައި އިއްޔެ އެކްސިޑެންޓް ހިނގި ސަރަހައްދު: އެ އެކްސިޑެންޓުގައި 27 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައި --- ފޮޓޯ/ ފޭސްބުކް

ލާމު ލިންކް ރޯޑްގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު އަބްދުލް ހަންނާން ސަން އަށް ވިދާޅުވީ ގަމު ތުނޑީ އަވަށަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ އިބްރާހީމް ޝަކީބް މިއަދު ހެނދުނު 10:30 ގައި މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުން ދާކަމަށެވެ.

މިކަމާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އިއްްޔެ ހަވީރު ގަމު މާންދޫ "ބެންޑު" ކައިރީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެކަކު ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ ލ.ގަން ތުނޑި، ރާޒް، އުމުރުން 27އަހަރުގެ މުހައްމަދު ރިފްޝާނެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށެވެ.

ފުލުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް