Sun Online
މެދު ޒިޔާރަތްމަގުން، އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދުގައި، އޮތް ބުޅަލެއް. އެ ސޮރަށް ވަނީ ކޮންމެވެސް ގޮތަކުން އަނިޔާތަކެއް ލިބިފައި. މިފަދަ އަނިޔާތަަށް ލިބިފައިވާ އެހެނިހެން ޖަނަވާރުތައް ވެސް މަގުމަތިން ފެންނަލެއް ވަރަށް ގިނަ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މެދު ޒިޔާރަތްމަގުން، އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދުގައި، އޮތް ބުޅަލެއް. އެ ސޮރަށް ވަނީ ކޮންމެވެސް ގޮތަކުން އަނިޔާތަކެއް ލިބިފައި. މިފަދަ އަނިޔާތަަށް ލިބިފައިވާ އެހެނިހެން ޖަނަވާރުތައް ވެސް މަގުމަތިން ފެންނަލެއް ވަރަށް ގިނަ -- ސަން ފޮޓޯ: އަހްމަދު...
 މެދު ޒިޔާރަތްމަގުން، އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދުގައި، އޮތް ބުޅަލެއް. އެ ސޮރަށް ވަނީ ކޮންމެވެސް ގޮތަކުން އަނިޔާތަކެއް ލިބިފައި. މިފަދަ އަނިޔާތަަށް ލިބިފައިވާ އެހެނިހެން ޖަނަވާރުތައް ވެސް މަގުމަތިން ފެންނަލެއް ވަރަށް ގިނަ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މެދު ޒިޔާރަތްމަގުން، އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދުގައި، އޮތް ބުޅަލެއް. އެ ސޮރަށް ވަނީ ކޮންމެވެސް ގޮތަކުން އަނިޔާތަކެއް ލިބިފައި. މިފަދަ އަނިޔާތަަށް ލިބިފައިވާ އެހެނިހެން ޖަނަވާރުތައް ވެސް މަގުމަތިން ފެންނަލެއް ވަރަށް ގިނަ -- ސަން ފޮޓޯ: އަހްމަދު...
 މެދު ޒިޔާރަތްމަގުން، އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދުގައި، އޮތް ބުޅަލެއް. އެ ސޮރަށް ވަނީ ކޮންމެވެސް ގޮތަކުން އަނިޔާތަކެއް ލިބިފައި. މިފަދަ އަނިޔާތަަށް ލިބިފައިވާ އެހެނިހެން ޖަނަވާރުތައް ވެސް މަގުމަތިން ފެންނަލެއް ވަރަށް ގިނަ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މެދު ޒިޔާރަތްމަގުން، އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދުގައި، އޮތް ބުޅަލެއް. އެ ސޮރަށް ވަނީ ކޮންމެވެސް ގޮތަކުން އަނިޔާތަކެއް ލިބިފައި. މިފަދަ އަނިޔާތަަށް ލިބިފައިވާ އެހެނިހެން ޖަނަވާރުތައް ވެސް މަގުމަތިން ފެންނަލެއް ވަރަށް ގިނަ -- ސަން ފޮޓޯ: އަހްމަދު...
ކޮލަމް

އެ ސޮރުމެންގެ ވެސް ހައްގުތަކެއް ވޭ ...

  • ޖަނަވާރުތަކަށް އަނިޔާ ދިނުމަކީ ވަރަށް އާންމުކަމެއް
  • އެސޮރުމެންނަށް ގޯނާ ކޮށް، ހާނީއްކަ ކުރުމަކީ ބޮޑު ފާފައެއް
  • ޖަނަވާރުތަކަށް ވެސް އޯގާވެރި ވުމަކީ އިންސާނުންނަށް އޮތް ވާޖިބެއް
އަޙުމަދު މާޖިދު
މަލަސްއަޙުމަދު މާޖިދު

މީގެ ދުވަސްކޮޅެއް ކުރިން، ފޭސްބުކްގައި ކުއްޖަކު ކޮށްފައި އޮތް ޕޯސްޓެއްގައި އޮތް ވާހަކައެކެވެ. އޭނާގެ ބުޅަލެއް، ގެންގުޅޭ ބުޅަލެއް ބޭނުން ވެގެން އުޅުނު މީހަކަށް ދިނެވެ. ނަމަވެސް ދުވަސްކޮޅަކުން އެއްކަލަ ބުޅާ ފެނުނީ މަގުމައްޗަށް އެއްލައިލައިފައި އޮއްވައެވެ. ފުރިހަމަ ސިއްހަތެއްގައި އޮތް ބުޅާ، މަގުމަތިން ފެނުނު އިރު އެ ސޮރުގެ ހާލެއް ނެތެވެ. ޕޯސްޓާ އެކުގައި ހުރި ފޮޓޯތައް ބެލުމުން ބުޅަލަށް ވެފައި އޮތް ގޮތް ފެނިފައި ހިތަށް އަސަރު ކުރާހައި ވެއެވެ. ނަސީބަކުން މިހާރު އެ ބުޅާ ވަނީ އޭގެ އަސްލު ވެރިފަރާތަށް ލިބިފައެވެ.

މި ދެންނެވި ޕޯސްޓު ފެނުމުން، އަޅުގަނޑުގެ ހިތަށް އައި ބައެއް ވާހަކަތައް ދަންނަވައިލިޔަދެއްވާށެވެ.

މާލޭގެ މަގުތަކުން އާއްމުކޮށް ފެންނަ އެއް މަންޒަރަކީ، އަޅާލާނެ ނުވަތަ ބަލަހައްޓާނެ މީހަކު ނެތް ބުޅާތައް އެހެންމިހެން އުޅޭ މަންޒަރެވެ. އެކި ވަރުވަރުގެ ހާނީއްކަޔާއި ޒަޚަމްތަކާ އެކު އުޅޭ ބުޅާތައް ވެސް ފެންނަނީ މަދެއްކޮށް ނޫނެވެ. ކާއެތިކޮޅެއް ލިބޭތޯ ބިމުގެ އެތަންމިތަނުގައި ވަސް ގަންނަމުން، ތަހުޒީބު ނުވާ މީހުން މަގުމައްޗަށް އުކައިލައިފައި ހުންނަ ޑަސްބިންތައް ހާވަމުން، އެ ސޮރުމެން އުޅެއުޅެ ތިބޭ އިރު، އެތަން ފެންނަ އެއްވެސް ބަޔަކު ތިބޭ ހެނެއް ހީއެއް ނުވެއެވެ. އެހެން އުޅޭ ބުޅާތައް ސައިކަލާއި ކާރު ފަދަ ދުއްވާ ތަކެތީގެ ދަށު ވެ ޗިސްޗިސް ވެފައި ވަނިކޮށް ވެސް ބައެއް ފަހަރު ފެނެއެވެ. މަގުމަތީގައި މިހެން އުޅޭ ބައެއް ބުޅަލަކީ، މީސްމީހުން ގޭގައި ގެންގުޅޭން ވެގެން ހޯދައިފައި ނުވަތަ ގަނެފައި، ދުވަސްކޮޅެއް ފަހުން ފޫހި ވެގެން ނުވަތަ ކޮންމެވެސް އުނދަގުލެއް ވާތީ ނެރެ މަގުމައްޗަށް ދޫކޮށްލައިފައި ހުންނަ ބުޅަލެވެ. ބައެއް ފަހަރު، ޚުލްގު ނުބައި މީހުން ކުދި އޮށްގަލުން އެ ސޮރުމެންނަށް "ހަމަލާ ދީ" އަނިޔާ ކުރާ ހިތްދަތި ކުރުވަނިވި މަންޒަރު ވެސް ފެނެއެވެ.

މެދު ޒިޔާރަތްމަގުން، އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދުގައި، އޮތް ބުޅަލެއް. އެ ސޮރަށް ވަނީ ކޮންމެވެސް ގޮތަކުން އަނިޔާތަކެއް ލިބިފައި. މިފަދަ އަނިޔާތަަށް ލިބިފައިވާ އެހެނިހެން ޖަނަވާރުތައް ވެސް މަގުމަތިން ފެންނަލެއް ވަރަށް ގިނަ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މި ޒަމާނަކީ އެވެރީން ބުނާ ގޮތުން އިންސާނީ ހައްގުތަކުގެ ރަންޒަމާނެވެ. ދުނިޔޭގެ އެހެން މީހުންނެކޭ އެއްފަދައިން، އަޅުގަނޑުމެން ވެސް މި ތިބީ ގައުމުގެ ދުސްތޫރުގެ ޒަރިއްޔާއިން އިންސާނީ ހައްގުތަކުގެ ބޮޑު ގަރާރެއް އިއުލާނު ކޮށްގެންނެވެ. އިންސާނީ ހައްގުތައް ހިމާޔަތް ކުރާނެ މިނިސްޓްރީތަކާއި ކޮމިޝަންތައް ހެދިފައި ވާ އިރު، ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އެކަމަށް ޓަކައި ދަނީ ޚަރަދު ކުރެވެމުންނެވެ. ދައުލަތުގެ އެތައް މުވައްޒަފުންނެއްގެ މަސައްކަތް ޚާއްސަ ކުރެވިފައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ ދިރާސާތައް ކުރުމަށާއި ރިޕޯޓުތައް ލިޔުމަށާއި މަޝްވަރާތައް ކުރުމަށެވެ. ހައްގުގެ މައިދާނުގައި އަޅުގަނޑުމެންގެ "ތަހުޒީބު" މިހައި "މަތީ ދަރަޖަޔަކަށް" ގޮސްފައި ވާ އިރު، ބަސް ނުމޮށެވޭ، އިންސާނާގެ އޯގާވެރިކަމާއި ރަހުމަށް ބަރޯސާ ވުން ނޫން އެހެން ގޮތެއް ނެތް ނިކަމެތި ޖަނަވާރުތަކެއް އަޅުގަނޑުމެންގެ ފައިދޮށުގައި އެނބުރިއެނބުރި ތިބެ ބަނޑަށް ހާންތި ވަމުން، އަޅުގަނޑުމެންގެ ސަވާރީތަކުގެ ދަށު ވެ މަރު ވަމުން ދާ ދިޔުމާ މެދު ވިސްނައިލާކަށް ނުވޭތޯއެވެ!

އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް ވާތީ، އެންމެ ފުރަތަމަ އިސްލާމީ ނަޒަރަކުން މި މައްސަލަޔަށް ބަލައިލަމާ ހިންގަވާށެވެ.

މީގެ 1400 އަހަރު ކުރީން ފުރިހަމަ ކުރެވުނު، ހައްގުތަކާ ބެހޭ އިސްލާމީ ފަލްސަފާ އަކީ ހަމައެކަނި އިންސާނީ ހައްގުތަކުގެ ފަލްސަފާއެއް ނޫނެވެ. ހައްގުތަކާ ބެހޭ އިސްލާމީ ޗާޓަރުގައި އޮތީ ހަމައެކަނި އިންސާނީ ހައްގުތަކުގެ ވާހަކައެއް ނޫނެވެ. ދިރޭހިރޭ ކޮންމެ މަޚްލޫޤަކަށް ޓަކައި އިސްލާމް ދީން ވަނީ ޙުރުމަތާއި، ޤަދަރާއި، އޯގާވެރިކަމާއި، ރަޙުމުގެ ޤާނޫނު ލިޔުއްވައިފައެވެ. ބުޚާރީ އާއި މުސްލިމުގައި ރިވާ ކުރެވިފައި ވާ ކީރިތި ރަސޫލާގެ ވަރަށް މަޝްހޫރު ޙަދީޘްފުޅަކުން، މި ދެންނެވި ބަހުގެ ހެކި ފެނެއެވެ. އެ ޙަދީޘްފުޅުގައި ވާގޮތުން، އިތުރު މާތް ސާހިބާ ވަނީ، ބުޅަލެއް ގައިދު ކޮށް އެ ސޮރަށް ކާން ނުދީ ބާއްވައިގެން މަރައިލި އަންހެނަކަށް، ހަމައެކަނި އެ ފާފައިގެ ބަދަލުގައި ނަރަކައިގެ ވޭންދެނިވި އަޒާބު ލިޔުއްވުނު ކަން މި އުއްމަތަށް އަންގަވައި އިއުލާން ކުރައްވައިފައެވެ.

2014 ވަނަ އަހަރު މާލޭގެ ގެއެއްގެ ތެރޭން އަތުލައިގަތް ބަކަމޫނެއް. މިއީ ހިމާޔަތްކުރެވިފައިވާ ދޫންޏެއް--- ސަން ފައިލް ފޮޓޯ

ޖަނަވާރަށް އޯގާވެރި ވުމުގެ މާތްކަމާ ބެހޭގޮތުން އިތުރު މާތް ސާހިބާގެ އިރުޝާދުތައް ގިނައެވެ. އެއްފަހަރަކު އެކަލޭގެފާނުގެ ސަހާބީންނަށް ވިދާޅުވެދެއްވި ވާހަކައެއްގައި، ފަޅު ހިސާބަކުން ދަތުރު ކުރަމުން ދިޔަ މީހަކު ފެން ބޮވައިގަނެގެން ވަޅަކަށް ފައިބައި އެ ވަޅުން ފެން ބުއި ވާހަކަ އާއި، ވަޅުން އެރި ވަގުތު އެތާ ކައިރީގައި އޮތް ކުއްތާއެއް ފެން ބޮވައިގަނެގެން ގޮސް ދޫ ބޭރަށް ނުކުމެފައި ވާ ހާލު، ތެތް ކިސަޑު ބިމުގައި ދޫ ހާކާ ތަން ފެނިގެން، އޭނާ އަނެއްކާ ވަރަށް ދަތި ހާލުގައި ވަޅަށް ފައިބައި ފެން ނަގައިގެން އެ ސޮރަށް ފެން ދިނުމުން، ހަމައެކަނި އެ އަމަލަށް ޓަކައި، އޭނާގެ އިސް ވެދިޔަ ހުރިހައި ފާފަތައް ފުއްސަވައިދެއްވި ވާހަކަ ވެއެވެ.

ޖަނަވާރުގެ ހައްގުތައް އިސްލާމް ދީނުގައި ވަނީ ޝާމިލު އަދި އާނަންދަ ގޮތެއްގައި، ކަނޑައަޅުއްވައި އިސްތިގުރާރު ކުރައްވައިފައެވެ. އެގޮތުން، އިސްލާމް ދީނުގައި ކަށަވަރު ކޮށްދެއްވައިފައި ވާ މުހިއްމު ހައްގުތަކަށް ބަލައިލަމާ ހިންގަވާށެވެ.

ހުރިހައި ބާވަތެއްގެ ޖަނަވާރުތަކަށް ވެސް އޯގާވެރި ވުމަކީ އިންސާނުންނަށް އޮތް ވާޖިބެކެވެ. އެސޮރުމެންނަށް އެއްވެސް ގޮތަކުން ގޯނާ ކޮށް، ހާނީއްކަ ކުރުމަކީ ބޮޑު ފާފައެކެވެ. އިންސާނެއްގެ ބެލުމުގެ ދަށުގައި ޖަނަވާރެއް ވާ ނަމަ، އެ ސޮރަށް ރަނގަޅަށް ކާންބޯން ދިނުމާއި، އެ ސޮރުގެ ތަބީއަތާ އަރައިރުން ނުވާ ފަދަޔަކުން އެ ސޮރަށް އުޅެވޭނެ ގޮތް ފަހި ކޮށްދީ، މިނިވަންކަން ދިނުމަކީ ވާޖިބެކެވެ. ޖަނަވާރެއްގެ ފަރާތުން ހަރުކަށިކަމާއި ނުކިއްސަރުކަން ފެންނަ ހާލަތުގައި ވެސް އެ ސޮރާ މެދު ހަރުކަށިކަން އިސް ނުކުރުމަށް ކީރިތި ރަސޫލާ އަމުރު ކުރެއްވިއެވެ. ޖަނަވާރު އެކަތި އަނެކައްޗާ ތަޅުވާ ކުޅިވަރުތަކާއި، ޖަނަވާރުގެ މައި އެއްޗާއި ދަރި ވަކި ކުރުން މަނާ ކުރެއްވިއެވެ. މީގެ އިތުރުން، ތިމާ ގެންގުޅޭ ނުވަތަ ތިމާގެ ބާރު ހިނގާ ތަނެއްގައި އުޅޭ ޖަނަވާރެއް ބަލި ވެއްޖެ ނަމަ، އެ ސޮރަށް އަޅާލައި ފަރުވާ ކުރުމަށް ވެސް އެކަލޭގެފާނު ވަނީ އަމުރު ކުރައްވައިފައެވެ.

ހަމައެހެންމެ، މަސް ކެއުމަށް ޓަކައި ޝަރުޢީ ހަމަތަކާ އެއްގޮތަށް، އޯގާވެރިކަމާ އެކު ކަތިލާ ކަތިލުމެއް ފިޔަވައި އެހެން ގޮތަކަށް ޖަނަވާރެއް މެރުމަކީ ކީރިތި ރަސޫލާ ސަރީހަ އަމުރުފުޅުން ނަހީ ކުރެއްވި ކަމެކެވެ. މަސް ކެއުމަށް ޓަކައި ޖަނަވާރެއް ކަތިލާ އިރު ވެސް، އެ ސޮރުގެ ކުރިމަތީގައި ކަތިލާ ހަތިޔާރު ތޫނު ނުކުރުމަށާއި، ކަތިލާ ހަތިޔާރު އެ ސޮރަށް ނުދެއްކުމަށާއި، އެއް ޖަނަވާރުގެ ހާޒިރުގައި އަނެއް ޖަނަވާރު ކަތިނުލުމަށް އިތުރު އެކަލޭގެފާނު އަންގަވައިފައި ވެއެވެ. ދުނި އުކުން ފަދަ ކުޅިވަރުތަކުގައި ޖަނަވާރު މެރުމަކީ ވެސް އެކަލޭގެފާނު މަނާ ކުރެއްވި ކަމެކެވެ. ދިރިއޮތް ޖަނަވާރެއްގެ ގުނަވަނެއް ބުރި ކުރުން ފަދަ ކަންކަން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމް ކުރެވިފައި ވާ އިރު، ޖަނަވާރެއްގެ ހަށިގަނޑުގައި އަލިފާނުން ނިޝާން ޖަހާ މީހާ އާއި، ޖަނަވާރެއްގެ މޫނުގައި ޖަހާ މީހާއަށް ﷲ ލަޢުނަތް ލައްވާނެ ކަމަށް އިތުރު މާތް ސާހިބާ ވިދާޅުވެފައި ވެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ، ގެއެއްގެ ގޯތިތެރޭން ފެނުނު 5ފޫޓު 7 އިންޗީގެ ހަރުފައެއް -- ފޮޓޯ: ޕޮލިސް

މި ދެންނެވި އަމުރުފުޅުތަކާއި ނަހީތަކުގެ ދަލީލުތައް، ބުޚާރީ އާއި މުސްލިމްގެ އިތުރުން، އަބޫ ދާވޫދާއި، އައްތިރްމިޛީ ފަދަ ހަދީސް އިލްމުވެރީންގެ ހަދީސް ފޮތްތަކުގައި އެހެރީއެވެ.

މި ވާހަކައަށް ރައްދުގެ ގޮތުގައި، އޫރާއި ކުއްތާ ފަދަ ޖަނަވާރުތަކާ މެދުގައި އިސްލާމް ދީނުގެ އަމުރުފުޅުތައް ހުރި ގޮތާ މެދު ބައެއް މީހުން އިއުތިރާޒުތަކެއް ނެރެފާނެކަން ގަބޫލު ކުރެވެއެވެ. މިކަމުގެ ވެސް ހަގީގަތަށް ބަލައިލުމުން، މި ދެ ޖަނަވާރާ މެދު ވެސް އެއްވެސް ކަހަލަ އަނިޔާވެރިކަމެއް އިސްލާމް ދީން ހުއްދަ ނުކުރާ ކަން ސާފު ވެއެވެ. އޫރުގެ މަސް ކެއުން ދީނުގައި ހަރާމް ވެފައި އޮތަސް، އޫރާ މެދުގައި ވެސް އޯގާވެރިކަމާ އެކު ކަންތައް ކުރުން އެއީ ދީނުގެ މަގެވެ. ހަމައެހެންމެ، ކުއްތާގެ ކުޅާ ބެހޭގޮތުން އިތުރު މާތް ސާހިބާ ދެއްވި ބައެއް އިރުޝާދުތަކަކުން، ކުއްތާއާ މެދު އޯގާވެރި ނުވުމުގެ ލައިސަންސެއް އެއްގޮތަކަށް ވެސް ނުލިބެއެވެ. ކުއްތާއެއްގެ ވާހަކަ ކީރިތި ޤުރްއާނުގެ ކަހުފު ސޫރަތުގައި ބަޔާން ކުރައްވައިފައި ވާ ގޮތާއި، ފެންބޮވައިގަނެގެން އުޅުނު ކުއްތާއަކަށް ފެން ދިން މީހާޔާ ބެހޭގޮތުން ކީރިތި ރަސޫލާ ވިދާޅުވެދެއްވި ވާހަކައިން، ކަމުގެ ހަގީގަތް ރީތިކޮށް އެނގިގެން ދެއެވެ.

މާލޭގެ ގެއަކުން ފުލުހުން ހޯދި ސްލޯ ލޮރިސް: މިއީ ރާއްޖެއަށް އެތެރެ ކުރުން މަނާ ޖަނަވާރެއް-- ސަން ފައިލް ފޮޓޯ

މި ޒަމާނަކީ ޚުދު މުސްލިމުންގެ ޒުވާނުން ވެސް، އިސްލާމް ދީނަށް ވުރެ ހުރިހާ ގޮތަކުން ވެސް ޔޫރަޕާއި ހުޅަނގު މޮޅު ކަމަށް ދެކޭ ޒަމާނެވެ. ނަމަވެސް، ޖަނަވާރަށް އޯގާވެރި ވުމުގެ ފިލާވަޅު ވެސް، އަދި ޖަނަވާރަށް ހައްގުތަކެއް އޮންނަ ކަމުގެ ފިލާވަޅު ވެސް ޔޫރަޕު ލިބިގަތީ މުސްލިމުންގެ ފަރާތުންނެވެ. ކީރިތި ރަސޫލާ ގެނެސްދެއްވި، އަދި މުސްލިމުން އަމަލީ ގޮތުން ދައްކުވައިދިން، ޖަނަވާރަށް އޯގާވެރި ވެ އެ ސޮރުމެންގެ ހައްގުތަކަށް ފަރުވާތެރި ވުމުގެ ތައުލީމުގެ އަލިކަން ޔޫރަޕަށް ފޯރީ މީލާދީން 1600 ގެ ތެރޭގައެވެ. އިތުރު ސާހިބާ ސުވަރުގެ ވަޑައިގަތް ތާ 1000 ވަރަކަށް އަހަރު ފަހުންނެވެ. އޭގެ ފަހުން، 1975 ގައި ޕީޓަރ ސިންގަރ ގެ "އެނިމަލް ލިބަރޭޝަން" ޝާއިއު ކުރުމާ ހަމަޔަށް، ކުރި މި ދިގު ދަތުރު އަދިވެސް ފުރިހަމައެއް ނުވެއެވެ. އިސްލާމް ދީނުގައި ޖަނަވާރަށް ކަށަވަރު ކޮށްދެއްވި ހައްގުތަކުގެ ތެރެއިން މަނާ ކުރެއްވި ކަމެއް ކަމަށް ވާ، ޖަނަވާރު އެކަތި އަނެކައްޗާ ތެޅުވުމުގެ "ކުޅިވަރު" މިއަދު ވެސް ހުޅަނގުގެ ބައެއް ގައުމުތަކުން އާއްމުކޮށް ފެނެއެވެ. އިންސާފުވެރި ދިރާސާއެއް ކޮށްލައިފި ނަމަ، އަޅުގަނޑުމެންނަށް އެނގޭ ކަމަކީ، ޖަނަވާރުތަކުގެ ހައްގުތައް ހިމާޔަތް ކޮށް، އެ ސޮރުމެންނަށް އިންސާނުންގެ ފަރާތުން އޯގާވެރިކަމާއި ހަމްދަރުދީ ލިބިދިނުމަށް ގޮވައިލައި އެންމެ ބަލާޣާތްތެރިކޮށް، އެންމެ ފަސާހާތްތެރިކޮށް، އެންމެ ޝާމިލުކޮށް، ގޮވައިލައްވައި އަމުރު ކުރެއްވީ އިސްލާމް ދީނުގައި ކަމެވެ.

މި ކަންކަމަށް ރިއާޔަތް ކުރާ އިރު، އަޅުގަނޑުމެން ފަދަ އިސްލާމީ ގައުމެއްގައި، ޖަނަވާރުގެ ހައްގުތައް ކަށަވަރު ކޮށްދީ، އެ ސޮރުމެންނަށް ހާނީއްކަ ކުރާ ފަރާތްތަކަށް އެކަށޭނަ އަދަބުތައް ކަނޑައަޅައި، ޕެޓެއްގެ ގޮތުގައި ޖަނަވާރެއް ގެންގުޅޭ ނަމަ އަމަލު ކުރާން ޖެހޭ ގޮތާއި މިންގަނޑުތައް ބަޔާން ކުރާ ގާނޫނެއް ނުވަތަ ގަވާއިދެއް ނޯންނާން ވީ ސަބަބަކީ ކޮބައިތޯއެވެ؟

ދެން މި މައްސަލަޔަށް އެހެން ނަޒަރަކުން ބަލައިލަމާ ހިންގަވާށެވެ.

ބަލަހައްޓާނެ ނުވަތަ އަޅާލާނެ މީހަކު ނެތި، މާލޭގެ މަގުތަކުގައި ބުޅާތައް އުޅުމަކީ އާއްމު ސިއްހަތަށް ވެސް ރަނގަޅު ކަމަކަށް ނުވާނެއެވެ. އެހެން އުޅޭ ބުޅާތަކުގެ ހަށިގަނޑުގައި ނުރައްކާތެރި ޖަރާސީމުތައް އަށަގަތުމާއި އާލާ ވުމުގެ ފުރުސަތު، ބަލަހައްޓައިގެން ގެންގުޅޭ ބުޅަލަކާ އަޅާ ބަލާ އިރު، އެތައް ގުނައެއް އިތުރު ވާނެއެވެ. އެއާއެކު، އެފަދަ ބުޅަލަކަށް ޖެހޭ ބައްޔެއް، އެ ސޮރުގެ ގައިން ލޭ ބޮއިގެން އުޅޭ އާދައިގެ މަދިރިއެއްގެ ޒަރިއްޔާއިން އިންސާނެއްގެ ގަޔަށް ވާސިލު ވެގެން ވެސް، މުޅި މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ކުރާ ފަދަ ބައްޔެއް ފެތުރިގެން ހިނގައިދާނެއެވެ. ހަމައެކަނި މި ސަބަބަށް ޓަކައި ވެސް، އެއްކަލަ ބުޅާތަކާ މެދު ކޮންމެވެސް ކަހަލަ އަމަލިއްޔާތެއް ގެންނާން އެބަ ޖެހެއެވެ.

މެދު ޒިޔާރަތްމަގުން، އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދުގައި، އޮތް ބުޅަލެއް. އެ ސޮރަށް ވަނީ ކޮންމެވެސް ގޮތަކުން އަނިޔާތަކެއް ލިބިފައި. މިފަދަ އަނިޔާތަަށް ލިބިފައިވާ އެހެނިހެން ޖަނަވާރުތައް ވެސް މަގުމަތިން ފެންނަލެއް ވަރަށް ގިނަ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ދެން އޮތް ސުވާލަކީ، މިކަމުގައި ހެދޭނީ ކިހިނެއްތޯ، މި ސުވާލެވެ.

އަޅުގަނޑުގެ ނަޒަރުގައި، ކުރެވިދާނެ އެއް ކަމަކީ މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހައިވާނުބަގީޗާތަކެއް ފަދަ ކުޑަ ޕާކުތަކެއް ތަރައްގީ ކުރުމެވެ. މަގުމަތީގައި އުޅޭ އެއްކަލަ ބުޅާތައް އެ ޕާކުތަކަށް ލެވިދާނެއެވެ. ބުޅަލުގެ އިތުރުން މުސަޅު ފަދަ ރާއްޖޭގެ މާހައުލާ ގުޅޭ ތަފާތު ޖަނަވާރުތައް ވެސް އެ ޕާކުތަކުގައި ގެންގުޅެވިދާނެއެވެ. އަދި، ހެޔޮ އަގުގައި ވިއްކާ ޓިކެޓެއް ގަނެގެން އެ ޕާކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވައިލެވިދާނެއެވެ. އެތަންތަނަށް ކުޑަކުދީންނާއި ބޮޑެތި މީހުން ޝައުގުވެރި ކުރުވުމަށް ޓަކައި، އެ ތަންތަން ޚާއްސަ ގޮތްތަކަކަށް ފަރުމާ ކޮށް، ބޭރު ގައުމުތަކުގެ ހައިވާނު ބަގީޗާތަކުގައި މީހުން ޝައުގުވެރި ކުރުވުމަށް ޓަކައި ކުރާ ބައެއް ކަހަލަ ކަންކަން ވެސް ކުރެވިދާނެއެވެ. ހަމައެއާއެކު، އެ ޕާކުތަކަކީ މާހައުލުގެ ދިރުންތަކާއި ޖަނަވާރުގެ ހައްގުތައް ފަދަ މައުޒޫތަކުގައި، މީހުން ހޭލުންތެރި ކުރުވާ މަރުކަޒުތަކެއް ކަމަށް ވެސް ހެދިދާނެއެވެ.

މިފަދަ ޕާކުތަކެއް ހަދާ އިރު، އެ ތަންތަން ހިންގުމަށް ޓަކައި ޚަރަދު ކުރުމަށް ބޭނުން ވާ ފައިސާ، ނުވަތަ އޭގެ ތެރެއިން ކޮންމެވެސް މިންވަރެއް އެ ތަންތަނުން ވެސް ހޯދޭނެއެވެ. ފައިސާ ހޯދުމަށް ޓަކައި ކުރެވިދާނެ އެއް ކަމަކީ، އެ ތަންތަނަށް ޒިޔާރަތް ކުރާ މީހުންގެ އަތުން ޓިކެޓުގެ އަގުގެ ގޮތުގައި ކުޑަ އެއްޗެއް ނެގުމެވެ. ދެވަނަ ގޮތަކީ ގެންގުޅޭ ބުޅަލާއި މުސަޅު ފަދަ ޖަނަވާރު ވިއްކާ ފިހާރަތަކެއް އެ ތަންތަނުގައި ގާއިމު ކުރުމެވެ. ތިންވަނަ ކަމަކީ ވެޓެރިނަރީ ކްލިނިކްތަކެއް އެ ތަންތަނުގައި ގާއިމު ކޮށް، އަގު ނަގައިގެން ޚިދުމަތް ފޯރު ކޮށްދިނުމެވެ. ހަތަރުވަނަ ކަމަކީ، ޖަނަވާރަށް ލޯބި ކުރާ މީހުންނާއި ފަރާތްތަކާއި، އަދި އިސްލާމީ އުސޫލާ އެއްގޮތަށް ﷲ ގެ މަގުގައި ހޭދަ ކުރާ މީހުންނާއި ފަރާތްތައް އެ ޕާކުތަކަށް އެހީ ވުމަށް ޓަކައި ޚާއްސަ ފަންޑެއް ގާއިމު ކުރުމެވެ.

އިއްތިފާގުން ދިމާ ވި ގޮތުން، އަޅުގަނޑު މި ކޮލަމުގެ ދެލިކޮޕީ ލިޔެފައި އޮއްވައި، ނޫހުން ފެނުނީ ވިލިމާލޭގައި ވެޓެރިނަރީ ކްލިނިކެއް ހެދުމަށް، ސަރުކާރުން ނިންމެވި ކަމުގެ ޚަބަރެވެ. މި ޚަބަރު ފެނުމުން، އަޅުގަނޑުގެ ހިތުގައި އުފެދުނީ ޝުކުރުވެރިކަމުގެ އިހުސާސްތަކެވެ. މިފަދަ ކްލިނިކެއް ރާއްޖޭގައި މި ހުޅުވެނީ އަލަށް ކަމަށް ވެއެވެ. އަދި މިފަދަ ކަމެއް ސަރުކާރުން ކުރެއްވުން އެއީ ހެޔޮފާލެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މިއީ ކުރާން ޖެހި މާ ބޮޑަށް ލަސް ވެސް ވެފައި އޮތް ކަމެކެވެ. އަޅުގަނޑުގެ އުއްމީދަކީ، ސަރުކާރުން ވެޓެރިނަރީ ކްލިނިކާ އެކު ފައްޓަވާ މަސައްކަތް، ބަލަހައްޓާނެ ފަރާތެއް ނެތި މަގުތަކުގައި އެނބުރޭ ބުޅާތަކަށް "ހިޔާވަހިކަމެއް" ހޯދައިދިނުމާ ހަމަޔަށް ދާ މަންޒަރު ދުށުމެވެ.

×
DB released.