ބަރުދަން ލުއިކުރަން ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ އިންޑިއާއަށް

ދުނިޔޭގެ އެންމެ ބަރު އަންހެނުންގެ ތެރޭގައި ހިމެނޭ އީމާން އަހުމަދު (ވ) ----

މުމްބާއީ (އޭއެފްޕީ) – ބަރުވުމުގެ ސަބަބުން ގެއިން ނުނިކުމެވިފައިވާ އޮންނަތާ 25 އަހަރުވެފައިވާ ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ، ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނެއް ކުރަން މިއަދު އިންޑިއާއަށް ދާން ނިންމާފައިވާ ކަމަށް އޭނާގެ ޑޮކްޓަރުން ބުނެފިއެވެ.

މިސްރަށް އުފަން އުމުރުން 36 އަހަރުގެ އީމާން އަހުމަދުގެ ބަރުދަނުގައި 500 ކިލޯގުރާމް (1100 ޕައުންޑް) ހުރެއެވެ.

އީމާންގެ އޮޕަރޭޝާން ހިލޭ ކޮށްދޭން ހަމަޖެހިފައިވާ ޑޮކްޓަރު މުފައްޒަލް ވިދާޅުވީ، އީމާން އަހުމަދުގެ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނެއް ކުރުމަށް މިއަދުގެ ވަގުތެއްގައި އިންޑިއާގެ މަރުކަޒީ ރަށް، މުމްބާއީއަށް ދާނެ ކަމަށެވެ.

އީމާން އިންޑިއާއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހާއްސަކޮށް ފަރުމާކޮށްފައިވާ އެނދެއްގައި އިޖިޕްޓު އެއާގެ ފްލައިޓެއްގައެވެ. އަދި އޭނާއާއެކު ހާއްސަ ޑޮކްޓަރުންގެ ޓީމެއް ދަތުރުކުރަން ހަމަޖެހިފައިވާއިރު، އީމާން ގެންދާ ފްލައިޓުގައި އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރާނެ ހުރިހާ އާލާތްތަކެއް ވަނީ ހަރުކޮށްފައެވެ.

"އީމާން އަކީ ހައި ރިސްކު ޕޭޝަންޓަކަށް ވުމާއި އެއްވެސް ތަނަކަށް ނުވަތަ ގެއިން ބޭރަށް ނުގޮސް އޮންނަތާ 25 އަހަރުވެފައިވާތީ މުމްބާއީއަށް އީމާން ގެންދިއުމަކީ ގޮންޖެހުން ގިނަ ޓާސްކެއް. އީމާން ފްލައިޓަށް ތައްޔާރުކުރުމުގެ ކުރިން ޑޮކްޓަރުންގެ ޓީމެއް ވަނީ 10 ދުވަސް ވަންދެން މިސްރަށް ގޮސް، ދަތުރަށް އޭނާގެ ހާލަތު ރަނގަޅުކޮށްފައި،" ޑޮކްޓަރު މުފައްޒަލް ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މުފައްޒަލް ވިދާޅުވީ، އީމާން ގެންދިއުމަށް ހަމަޖެހިފައިވާ މުމްބާއީގެ ސައިފީ ހޮސްޕިޓަލުގައި އޭނާއަށް ހާއްސަ ކޮޓަރިއެއް ހަދާފައިވާއިރު، ހޮސްޕިޓަލަށް އީމާން ގެންދާނީ ހާއްސަ ލޮރީއެއްގައި، އެމްބިއުލާންސާއި ފުލުހުންގެ އެހީގައި ކަމަށެވެ.

comment ކޮމެންޓް