ވެލީގެ އެންމެ އުސް ގަނޑުވަރުގައި 49 ފޫޓު!

ދުނިޔޭގެ އެންމެ ދިގު ވެލީގެ ގަނޑުވަރު

ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ ހުނަރެއް ބޭނުން ކޮށްގެން ދެވޭ އެންމެ ކުރިއަކަށް ދާން ބޭނުންވާނެ އެވެ. ކުރާކަމެއް، އެއް ފަހަރަށްވުރެ އަނެއްފަހަރު ރަނގަޅުކުރަން ގަދަ އަޅައި މަސައްކަތްކުރާނެ އެވެ. ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދުމަކީ ވެސް ގިނަ ބައެއްގެ އަމާޒެކެވެ.

އުމުރުން އެންމެ ހަތް އަހަރުގައި، ވެލި ބޭނުން ކޮށްގެން އެއްޗެހި ހަދަން ފެށި ސުދަރްޝަން ޕަޓްނައިކް އަކީ މިއަދު އިންޑިއާގެ މަޝްހޫރު ވެލީގެ ފަންނުވެރިއެކެވެ. އޭނާ ވަނީ 1998 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ 50 އަށްވުރެ ގިނަ ސޭންޑް ސުކަޕްޗާ ޗެމްޕިއަންޝިޕްތަކާއި ފެސްޓިވަލްތަކުގައި އިންޑިއާ ތަމްސީލު ކޮށް، 27 އަށްވުރެ ގިނަ ޗެމްޕިއަންޝިޕް އޭނާގެ ގައުމަށް ކާމިޔާބު ކޮށްދީފައެވެ.

ދުނިޔޭގެ އެންމެ އުސް ވެލީގެ ގަނޑުވަރު ---

އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލް ކައިރީގައި ޕަޓްނައިކް ހެދި ކަޅު ތާޖު މަހަލް ވެގެންދިޔައީ އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ކަމެކެވެ. ނަމަވެސް ސުދަރްޝަން އަނެއްކާވެސް މިވަނީ ދުނިޔޭގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ދުނިޔޭގެ އެންމެ އުސް ވެލީގެ ގަނޑުވަރު ހަދައިގެންނެވެ.

އެންމެ ހަތަރު ދުވަހުން އިންޑިއާގެ ޕުރީގެ ބީޗުގައި ހެދި ވެލީގެ އެ ގަނޑުވަރުގެ އުސްމިނުގައި 14.84 މީޓަރު (48.8 ފޫޓު) ހުރެއެވެ. ކުރިން އެ ރެކޯޑް އޮތީ އެމެރިކާގެ އާޓިސްޓެއް ކަމަށްވާ ޓެޑް ސީބާޓް ހެދި އުސްމިނުގައި 13.97 މީޓަރު (45 ފޫޓު) ހުންނަ ވެލީގެ ގަނޑުވަރެވެ. އެ ގަނޑުވަރު ހަދަން ހަތް ދުވަސް އޭނާ ހޭދަކުރިއެވެ.

ސުދަރްޝަން ހެދި ވެލީގެ ގަނޑުވަރުގެ އުސްމިން ކަށަވަރުކުރުމަށް ގިނިސްގެ އޮފިޝަލުން ގާތްގަނޑަކަށް އެއް ގަޑިއިރު ހޭދަކުރިއެވެ. އަދި ދުނިޔޭގެ ރެކޯޑް ފޮތަށް ވެލީގެ އެ ގަނޑުވަރު އެރުމުން ގިނިސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެކަމުގެ ލިޔުން އިއްޔެ އޭނާއާ ހަވާލުކޮށްފައެވެ.

ދުނިޔޭގެ އެންމެ އުސް ވެލީގެ ގަނޑުވަރު ---

ރަސްމިއްޔާތަށް ހާޒިރުވި ސްޓޭޓް ޓޫރިޒަމް ޑިރެކްޓަރު ނިތިން ބާނޫދާސް ޖާވަލީ ވިދާޅުވީ، ކުރީގެ ރެކޯޑް ސުދަރްޝަން މުގުރާލުމަކީ އިންޑިއާއަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި ފަތުރުވެރިންނަށް ދައްކާލުމަށް ވެލީގެ ގަނޑުވަރު ދެ ދުވަސް ވަންދެން ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ސުދަރްޝަން ބުނީ، އޭނާގެ 45 ދަރިވަރުންގެ އެހީގައި ހެދި ވެލީގެ އެ ގަނޑުވަރު ހެދުމަށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 12 ގަޑިއިރު ހޭދަކުރި ކަމަށެވެ. އަދި ކުރިން ހަދާފައި އޮތް ރެކޯޑެއް މުގުރާލެވުމުން އުފާ ކުރާ ކަމަށާއި މި ހޯދުނު ކާމިޔާބީއަކާއެކު އިތުރު ހަރުފަތްތަކަކަށް ދިއުމަށް ހިތްވަރު ލިބިގެންދާނޭ ކަމަށް އޭނާ ބުންޏެވެ.

ސުދަރްޝަން ވަނީ މީގެ ކުރިން ލިމްކާ ބުކް އޮފް ރެކޯޑްސްގައި، 23 ދުނިޔޭގެ ރެކޯޑް ރަޖިސްޓްރީ ކޮށްފައެވެ.

comment ކޮމެންޓް