އާމިރު އަނެއްކާ ވެސް މުޅިން ތަފާތުކޮށް!

'ތަގްސް އޮފް ހިންދުސްތާން' ގައި އާމިރު ފެނިގެންދާނެ ގޮތް ---

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމު 'ދަންގާލް' އަށް އާމިރު ޚާން ވަނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ފިލްމު ކުޅުމަށް އާމިރު 97 ކިލޯ އަށް ބަރުދަން އިތުރު ކޮށްފައިވާ އިރު، ޝޫޓިން ނިމުމުގެ ކުރިން އާމިރު ވަނީ 30 ކިލޯ ލުއިކޮށްފަ އެވެ. ފިލްމަކަށް އާމިރުގެ ހަށިގަނޑަށް އެހާބޮޑު ބަދަލެއް ގެނައުމުން ގިނަ ބަޔަކަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ.

އަނެއްކާ ވެސް އާމިރު މިވަނީ ފިލްމަކަށް ތައްޔާރުވާން ފަށައިފަ އެވެ. އާމީތާބް ބައްޗަންއާ އެކު 'ތަގްސް އޮފް ހިންދުސްތާން'ގައި ފެނިގެންދާނީ އާމިރު ކަން ޔަގީންވުމާ އެކު، ފިލްމުގައި އާމިރުގެ 'ލުކް' އަކީ ކޮބައިކަން ބަލައިލުމަށް އެންމެން ތިބީ ކެތްމަދުވެފަ އެވެ.

މިހާރު މިވަނީ ފިލްމުގައި އާމިރު ފެނިގެންދާ ގޮތް އާންމުންނަށް ފެނިގެން ގޮސްފަ އެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން 'ތަގްސް އޮފް ހިންދުސްތާން'ގައި އާމިރު ފެނިގެންދާނީ ބޮޑު ތުނބުޅިއަކާއި މަތިމަހަކާ ވެސް އެކީ އެވެ.

އޭގެ އިތުރުން އެ ފިލްމަށް ހަށިގަނޑު ހިއްކަން ވެސް އާމިރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

'ތަގްސް އޮފް ހިންދުސްތާން' އަކީ ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސް ކުރާ އަދި 'ދޫމް 3'ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓު ކުރާ ފިލްމެކެވެ. ވިޖޭ އަދި އާމިރު ވަނީ 'ދޫމް 3' ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.

މާޗު މަހު ފިލްމުގެ ޝޫޓިން ފަށާއިރު، މިއީ އާމިރު އަދި އަމީތާބް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.

comment ކޮމެންޓް