ލަތީފަށް، ވީއޭއެމް ހިންގުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް!

ވީއޭއެމްގެ ރައީސް ލަތީފް: ލަތީފް އިންތިހާބަށް ކުރިމަތިލެއްވި ކްލަބުން އޭނާ ވަނީ ވަކިކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިމަސް ފެށިގެން ދިޔައީ ކުޅިވަރުގެ ބޮޑު އެސޯސިއޭޝަނެއްގެ 'ތަޅާފޮޅުމުގެ' ތެރެއިންނެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީ ކޮމިޓީގައި މައްސަލަތަކެއް ޖެހި، ހީކުރާވަރަށްވުރެ މައްސަލަ ހޫނުވެ، މިހާރު މިވަނީ ނަތީޖާއަކާ ހަމައަށްދާން ކައިރިވެފައެވެ.

ވީއޭއެމް ހިންގާ ކޮމިޓީގެ ފިލްމު ފެށިގެންދިޔައީ ރާއްޖޭގައި ބޭއްވި ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތް، އެފްއައިވީބީ ވިމެންސް ވޯލްޑް ޗެމްޕިއަންޝިޕް ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތަށްފަހުއެވެ. އެ މުބާރާތަށްފަހު ވީއޭއެމްގެ ހިންގާ ކޮމިޓީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދުނުކަން ވޮލީ އާއިލާގެ މެންބަރުންނަށް އެނގިގެންދިޔައެވެ. ނަމަވެސް މިހާރު މިވަނީ އެ ފިލްމު ނިމުމަކާ ދާދި ގާތަށް ގޮސްފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އިންތިހާބުވި މެންބަރުން --- ސަން ފައިލް ފޮޓޯ/ މުއާވިޔަތު އަންވަރު

ވީއޭއެމް ހިންގާ ކޮމިޓީގެ މައްސަލަތައް ކުރުކޮށް!

ހިންގާ ކޮމިޓީ ތެރެއިން ފުރަތަމަ އުފެދުނު ބޮޑު މައްސަލައަކަށްވީ މެންބަރު އަލީ އިޔާޒް ފޮނުވި ކަމަށް ރައީސް މުހައްމަދު ލަތީފް ވިދާޅުވާ އިސްތިއުފާގެ ސިޓީގެ މައްސަލައަކުންނެވެ. އެކަމާ ގުޅިގެން އިޔާޒް ހިތްހަމަނުޖެހުން ފާޅުކޮށް، އެއީ އޭނާގެ ސިޓީއެއް ނޫން ކަމަށް ބުނަމުންދިޔަ ނަމެވެސް، ލަތީފް ނިންމެވީ އިޔާޒް އިސްތިއުފާދިން ކަމަށެވެ.

އެ މައްސަލައަށްފަހު އިޔާޒްއާ ގާތް ގުޅުމެއް އޮންނަ ހިންގާ ކޮމިޓީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)އަށް ޑިސިޕްލިނަރީ ކޮމިޓީ ކޮމިޝަންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭތީ ކަމަށް ބުނެ، އޭނާ މަގާމުން ދުރުކުރިއެވެ. ކާނަލް ވަކިކުރިކަން އަންގައި، ކާނަލްއަށް އެޑްރެސްކޮށް ވީއޭއެމްގެ ފަރާތުން ސޮއިކުރައްވާފައިމވަނީ ރައީސްކަމުގެ މަގާމުގައި ހުންނެވި ލަތީފެވެ.

ވީއޭއެމްގެ ރައީސް ލަތީފް(ކ)އާއި ކާނަލް ނަޝީދު(ވ): ޑިސިޕްލިން ކޮމިޓީ ކޮމިޝަންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭތީ ކަމަށްބުނެ، އޭނާ ވަނީ ހިންގާ ކޮމިޓީން ވަކިކޮށްފައި --- ސަން ފޮޓޯ

ވީއޭއެމްގެ ރައީސްގެ މަގާމު ގެއްލުން!

އެ މައްސަލަތަކުގެ ވާހަކަތައް މީޑިއާގައި ފެތުރެމުންދަނިކޮށް، ދެން ފަލަ ސުރުހީތަކަށް އެރީ ވީއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ލަތީފްގެ މަގާމު ގެއްލުނު ވާހަކައެވެ. އެއީ ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރުކަމުން ލަތީފް ދުރުކުރުމުންނެވެ. މިހާރު ޔޫތު ސްޕޯޓްސްއިން ވަނީ ލަތީފް ވަކުކުރިކަން ހޯމް މިނިސްޓްރީ އަދި ވީއޭއެމްއަށް ވެސް އަންގައިފައެވެ.

ވީއޭއެމްގެ އަސާސީ ގަވާއިދުގައި ހިންގާ ކޮމިޓީގެ މެންބަރެއްގެ މަގާމު ގެއްލޭނެގޮތް ވަރަށް ސަރީހަ ބަހުން ބަޔާންކޮށްފައިވެއެވެ. ވީއޭއެމް އަސާސީ ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ)ގެ ފަސްވަނަ ނަންބަރުގައި އެކަން ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބުނާގޮތުން، ވީއޭއެމްގެ ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ މެންބަރަކު އޭނާ ރަޖިސްޓަރީވެފައިވާ ކްލަބު، ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ މެންބަރުކަމުން ވަކިކޮށްފިނަމަ ނުވަތަ އިސްތިއުފާދީފިނަމަ ހިންގާ ކޮމިޓީގެ މަގާމު ގެއްލޭނެއެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފޯމްއާއެކު ލަތީފް، ޔޫތު ސްޕޯޓްސް ކްލަބުގެ ރައީސް އަލީ އިޔާޒްއާއެކު: ލަތީފް އިންތިހާބަށް ކުރިމަތިލެއްވި ކްލަބުން އޭނާ ވަނީ ވަކިކޮށްފައި ---

މީގެ ހަތަރު މަސްކުރިން ބޭއްވި ވީއޭއެމްގެ އިންތިހާބުގައި ލަތީފް ވާދަކުރެއްވީ އަމިއްލަ މެންބަރެއްގެ ގޮތުންނެއް ނޫނެވެ. ލަތީފް އިންތިހާބުގައި ވާދަކުރެއްވީ ކްލަބެއްގެ ފަރާތުންނެވެ. އެއީ ޔޫތު ސްޕޯޓްސް ކްލަބުގެ ފަރާތުންނެވެ.

އެކަމާ ގުޅިގެން ލަތީފް ތަކުރާރުކޮށް ވިދާޅުވަމުންދިޔައީ، އޭނާއަކީ ހަމައެކަނި ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރެއް ނޫން ކަމަށާއި އިތުރު ކްލަބުތަކެއްގެ މެންބަރުކަން ވެސް ކުރައްވާ ކަމަށެވެ. އެގޮތަށް އެކަން އޮތް ނަމަވެސް، އިންތިހާބުގައި ވާދަކުރެވެނީ އެންމެ ކްލަބެއްގެ ފަރާތުންނެވެ. އެގޮތުން ލަތީފް ހަމައެކަނި ވާދަކުރެއްވީ ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރެއްގެ ގޮތުގައެވެ.

ރައީސްގެ މަގާމު ގެއްލޭ މާއްދާއަށް ގާނޫނީ ނަޒަރެއް!

އެހެން ކްލަބުތަކުގެ މެންބަރެއްގެ ގޮތުގައި ލަތީފްގެ ނަން އޮވެދާނެއެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. މައްސަލައަކަށް މިވަނީ އިންތިހާބުގައި ކުރިމަތިލާ ކްލަބުގެ މެންބަރުކަމުން ވަކިކުރުމުންނެވެ. އިންތިހާބުގައި ތަމްސީލްކުރަނީ ކްލަބުގެ ނަމެވެ. ކްލަބެއްގެ ފަރާތުން ކުރިމަތިލާނަމަ، އިންތިހާބުގައި ކްލަބަށްވެސް ބައެއް ފަރާތްތަކުން ދޭނެއެވެ.

ޔޫތު ސްޕޯޓްސްގެ މެންބަރުކަމުން ލަތީފް ވަކިކުރުމުން ވީއޭއެމްގެ ރައީސް ކަމުގެ މަގާމުގައި އޭނާއަށް ދެމިހުރެވިދާނެތޯ ގާނޫނީ ނަޒަރަކުން "ސަން ސްޕޯޓްސް"އިން ވަނީ ބަލާފަ އެވެ.

"އަސާސީ ގަވާއިދުގެ އެ މާއްދާއަށް ބަލަންޏާ، ލަތީފަށް އެވަނީ ހިންގާ ކޮމިޓީ އަދި ރައީސްކަމުގެ މަގާމު ގެއްލިފަ. އެއީ އިތުރަށް ސުވާލު އުފަންދަންޖެހޭ ކަމެއް ކަމުގައި ނުދެކެން،" ގާނޫނީ ވަކީލު މޫސާ ސިރާޖް ވިދާޅުވި އެވެ.

ވީއޭއެމް އަސާސީ ގަވާއިދުގެ 23 ވަނަ މާއްދާ ---

ރައީސް ނެތް ހާލަތެއްގައި!

އަސާސީ ގަވާއިދު ބުނާ ގޮތުން ރައީސް ނެތް ހާލަތެއްގައި ވީއޭއެމް ހިންގުމާއި ރައީސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރަން ޖެހޭނީ އިއްޒަތު ވަހީދެވެ. ނަމަވެސް ވީއޭއެމްގެ ރައީސަކީ އަދިވެސް ލަތީފް ކަމަށް ވިދާޅުވަމުންދާތީ އިއްޒަތަށް އެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ގޮތް ވެފައެއްނުވެއެވެ.

ވީއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން، ހިންގާ ކޮމިޓީގެ މެންބަރަކު އިސްތިއުފާދިނުމުން ނުވަތަ ވަކިކުރުމުގެ ސަބަބުން އެއް މަސް ދުވަސްތެރޭ ހުސްވާ މަގާމަށް މެންބަރަކު ހޮވަން ޖެހޭނެއެވެ. އެހެންކަމުން މިހާރު ރައީސަކު ހޮވުމަށް މިވަނީ އިންތިހާބަކާ ހަމައަށް ދާން ޖެހިފައެވެ. ނަމަވެސް ރައީސަކީ ލަތީފް ކަމަށް އަދިވެސް އޭނާ ގަބޫލުކުރައްވާތީ އެންމެ ފަހުގެ ނިންމުން ނިންމާނީ ހޯމް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އެ ނިންމުން ނިންމާނީ ވީއޭއެމްގެ އަސާސީ ގަވާއިދަށް ބެލުމަށްފަހުއެވެ.

comment ކޮމެންޓް