އާމާލް ކުލޫނީ ބަލިވެ އިނީ އެއްމާބަނޑު ދެ ކުދިންނަށް

އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތު ކުރާ މަޝްހޫރު ގާނޫނީ ވަކީލް އަމާން ކުލޫނީ އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލް ޖޯޖް ކުލޫނީގެ ދެމަފިރިންނަށް އެއް މާބަނޑު ދެ ކުދިން ލިބެން އުޅޭ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އަމާލް ވިހާނެ ކަމަށް ބެލެވެނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ. އެކަން ޖޯޖް އާއި އަމާލްގެ ފަރާތުން ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް ދެމަފިރިންގެ ގާތް މީހުން ބުނާ ގޮތުގައި ޖޯޖް އާއި އަމާލް ތިބީ ވަރަށް އުފަލުންނެވެ.

އަމާލް ކުލޫނީ ބަނޑުބޮޑު ކަމުގެ ވާހަކަތަކެއް ފެތުރެން ފަށާފައި މި ވަނީ ގަޔަށް ދޫހެދުން ލައިގެން ހުރި ފޮޓޯތަކެއް މިދިޔަ މަހުގެ ތެރޭގައި އާއްމުވުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލާ އަމާލް އާއި ޖޯޖް ކައިވެނި ކުރީ 2014 ވަނަ އަހަރު ވެނިސްގައެވެ. ދެ އެކަޑަމީ އެވޯޑް ހޯދާފައިވާ ޖޯޖް، 55 ވަނީ ހޮލީވުޑްގެ ގިނަ ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ.

އަމާލް، 39 ވަނީ ދުނިޔޭގެ މަޝްހޫރު މީހުންގެ ދިފާއުގައި ވަކާލާފު ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރޭނުގެ ކުރީގެ ބޮޑު ވަޒީރު ޔޫލިއާ ޓިމޮޝެންކޯ އަދި ވިކިލީކްސްގެ ފައުންޑަރު ޖޫލިއަން އަސާންޖް ހިމެނެ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް