ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދެވޭނެ: އެޑިއުކޭޝަން މިނިސްޓަރު

ދަސްވާރު ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު ސެޓްފިކެޓު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި، ދަސްވާރު ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންނަށް ސެޓްފިކެޓް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، ދަސްވާރު ޕްރޮގްރާމަކީ ކިޔަވާ ކުދިންތަކުގެ ތެރެއިން ހުނަރުން ފުރިފައިވާ ދަރިވަރުންތަކެއް ބާކީ ވަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ، އެންމެ ކުއްޖަކުވެސް ބާކީ ނުކުރެއްވުމުގެ ސިޔާސަތުގެ ދަށުން ފެއްޓެވި ޕްރޮގްރާމެއް ކަމަށެވެ.

ދަސްވާރު ޕްރޮގްރާމުގައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅު ދަައްކަވަނީ --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރުގެ ވާހަކަފުޅުގައި ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އެކުއްޖަކު ބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން (ޓީވެޓް) އޮތޯރިޓީގައި ނެތް ކޯހެއްނަމަ، ކުއްޖަކު ވަކި ދާއިރާއަކަށް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ އެ ދާއިރާއެއްގެ ތަޖުރިބާކާރުންގެ އެހީއާ އެކު ކޯސްތައް ފަރުމާކޮށް، އެ ދާއިރާއަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން މިދިޔަ އަހަރުވެސް ކުދިންގެ އެދުމުގެ މަތިން ހަ ކޯހެއް ކުދިންނާ ހަމައަށް ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެންމެ ދަރިވަކު އެދިގެން މިދިޔަ އަހަރު ވޯޓާ ސްޕޯޓްސް ތައާރަފްކޮށްފައިވާ ކަމަށާއި، އެ ކޯހަކީ ދަރިވަރުންގެ މެދުގައި މަގުބޫލު ކޯހަކަށް ވެގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވޯޓާ ސްޕޯޓްސް އަކީ ވިލާ ކޮލެޖާ ގުޅިގެން ތައާރަފް ކުރެވިގެން ދޔަ، ކުދިންގެ މެދުގައި ވަރަށް މަގުބޫލުވި ކޯހެއް. އެންމެ ކުއްޖެއްގެ އެދުމުގެ މަތިން ފެށުނު މި ކޯހުގައި 28 ދަރިވަރުން ވަނީ ބައިވެރިވެފައި. މިހާރު 150 އަށް ވުރެ ގިނަ ދަރިވަރުން ވަނީ މި ކޯހުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ޕްރޮގްރާމުގެ ސަބަބުން އެ ދަރިވަރުންނަކީ މުޖުތަމައުގައި މުހިއްމު އަދި ބޭނުންތެރި ބަޔަކަށްވެފައިވާ ކަމަށާއި، އެކަމުގެ ފައިދާ މިއަދު ފެނިގެން ދާ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ދަސްވާރު ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށްވީ، މަސައްކަތްތެރިކަމާއި ދިރިއުޅުމުގެ އަސާސީ ހުނަރު ފޯރުކޯށްދެވިގެން ކަމަށް ވިދާޅުވި އެވެ.

"މިކާމިޔާބުގެ ސިއްރަކީ، ދަސްވާރު ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ވަކިވަކި ކުދިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، މަސައްކަތްތެރިކަމުގެ ހުނަރުގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ހުނަރުތައް ދަރިވަރުންނަށް ފޯރުކޯށްދެވިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ދަސްވާރު ޕްރޮގްރާމް ހިންގުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ތެރެއިން 231 ކުންފުންޏެއް ހަރަކާތްތެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މިރޭ ބޭއްވި ޖަލްސާގައި މިދިޔަ އަހަރު މާލޭގެ 11 ސްކޫލަކުން ދަސްވާރު ފުރިހަމަ ކުރި 192 ދަރިވަރަކަށްވަނީ ސެޓްފިކެޓް ދީފައެވެ.

އެ ޕްރޮގްރާމުގައި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު 123 ސްކޫލަކުން 563 ދަރިވަރުން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވެ އެވެ. އަދި ނިމިދިޔަ 2016 ވަނަ 1490 ދަރިވަރަކު ބައިވެރިވެ މިހާތަނަށް 1046 ދަރިވަރަކު ވަނީ އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގެ 154 ސްކޫލަކުން 826 ދަރިވަރުންވަނީ ލެވެލް 3 ގެ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

comment ކޮމެންޓް