ކާޑުގެ އަގަށް ވަރަށް ހެޔޮ ބަދަލެއް ދާދި އަވަހަށް އަންނާނެ: އެސްޓީއޯ

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު "ސަން"އަށް އިންޓަވިއުއެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކާޑުގެ ބާވަތްތަކުގެ އަގަށް ދާދި އަވަހަށް، ވަރަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން، ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ.

ކާޑުގެ ބާވަތްތަކަކީ އެންމެ ކުރީއްސުރެ، ސަރުކާރުގެ ފަރާތުން ސަބްސިޑީ ދެމުން އައި ތަކެއްޗެވެ. ނަމަވެސް ކާޑަށް ދެމުން އައި ސަބްސިޑީ ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުޑަކުރުމާ އެކު، ކާޑުގެ އަގުތައް ވަނީ ދެގުނައަށް އުފުލިފައެވެ.

ބަދަލުވާނެ ޕަސަންޓެއް ނުވަތަ މިންވަރެއް ދެންނެވޭނީ އެހިސާބަށް ދިޔައިމަ. އެކަމަކު އަޅުގަނޑު ވަރަށް ޔަގީންކަމާ އެކު ދަންނަވަން، ކާޑުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ، އަހްމަދު ޝަހީރު

މީގެ ކުރިން 3.98 ރުފިޔާއަށް ކުރިން ވިއްކަމުން އައި ހަނޑޫ ކިލޯއެއްގެ އަގު 7.96 ރުފިޔާއަށް ވަނީ އުފުލިފައެވެ. ހަކުރު ކިލޯއެއް 4.50 ރުފިޔާއިން އަށް ރުފިޔާއަށް، އަދި ފުށް ކިލޯއެއް 3.50 ރުފިޔާއިން 5.96 ރުފިޔާއަށް ވަނީ އުފުލިފައެވެ.

އަގުތައް އުފުލުމާ ގުޅިގެން އެކަމުގެ އަސަރު އިންފްލޭޝަނަށް ވެސް ކުރިއެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު މިއަދު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އަގުތައް ކުޑަކުރުމަށް އެސްޓީއޯއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، މިހާރު ރާއްޖެއަށް ކާޑު އިމްޕޯޓުކުރުމުގެ ކޮންޓްރެކްޓް ހަމަވެ، ދެން އަންނަ ކޮންޓްރެކްޓުގައި އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"ބަދަލުވާނެ ޕަސަންޓެއް ނުވަތަ މިންވަރެއް ދެންނެވޭނީ އެހިސާބަށް ދިޔައިމަ. އެކަމަކު އަޅުގަނޑު ވަރަށް ޔަގީންކަމާ އެކު ދަންނަވަން، ކާޑުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ،" އޭނާ ވިދާޅުވިއެވެ.

އަގުހެޔޮކޮށް ކާޑު ވިއްކުމަށް ގެންނަ ޝިޕްމެންޓް ރާއްޖެ އަންނާނެ ތާރީޚާއި، އަގުތައް ދަށްވާނެ ސީދާ އަދަދުތައް ފަހުން އާންމުކުރައްވާނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ، ކާޑުގެ ބާވަތްތަކަކީ އެސްޓީއޯއިން މާލީ ފައިދާއަކަށް ބަލައިގެން އެތެރެކޮށް ވިއްކާ ތަކެއްޗެއް ނޫން ކަމަށެވެ.

"މިއީ ވަރަށް ގިނަ ބޭފުޅުންނަށް އޮޅިފައި އޮންނަ ކަމެއް. ކާޑަކީ އެސްޓީއޯއިން ފައިދާ ހޯދަން ކުރާ ކަމެއް ނޫން. ކާޑަކީ ޚިދުމަތެއް. ކާޑު ގެންނަ އަގުގައި މި ވިއްކަނީ،" ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ އެސްޓީއޯ އުފެއްދީ އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެސްޓީއޯއިން ކުރާ މަސައްކަތަކީ ލުއިފަސޭހަ ގޮތަކަށް، ލުއިފަސޭހަ އަގުތަކެއްގައި ޚިދުމަތް ފޯރުކޮށްދީގެން ފައިދާ ހޯދުން ކަމަށް ޝަހީރު ވިދާޅުވިއެވެ.

comment ކޮމެންޓް