ބަލި ދެބެއިން، ފަރުވާއަށް އެހީއަކަށް އެދިއެދި

އެހީތެރިކަން ބޭނުންވާ ދެބެއިން--

ބ. ތުޅާދޫ ޝަހީމާ މަހުމޫދާއި އިބްރާހިމް އުސްމާންގެ ކައިވެންޏަށް ތިން ފިރިހެން ދަރިން ލިބިފައިވާއިރު ހަގަށް ތިބި ދެ ދެބެއިންނަކީ ބަލި ދެ ކުދިންނެވެ. ދޮށީ ދަރިފުޅުގެ ހާލު ރަނގަޅެވެ. ހަގަށް ތިބި ދެބެއިންގެ ތެރެއިން، އުމުރުން އަށް އަހަރުގެ ހުސެއިން ޝަޔާންގެ ހިތުގެ މައްސަލައެއް އުޅޭއިރު އަހުމަދު ޝާއިން،2، އަކީ އޯޓިޒަމް ކުއްޖެކެވެ.

ދަރުމަވަންތަ ސްކޫލުގެ ގްރޭޑް ތިނެއްގައި ތައުލީމް ހާސިލް ކުރަމުންދާ ޝަޔާނަކީ އުފަންވުމުގައި ހިތުގައި ލޯވަޅެއް ހެދިފައި ހުންނަ ކުއްޖެކެވެ. އޭނާގެ މަންމަ ޝަހީމާ ބުނި ގޮތުގައި އެކި ފަރާތްތަކުގެ ދީލަތި އެހީގެ ދަށުން ހަތަރު ފަހަރެއްގެ މަތިން ޝަޔާން ވަނީ އިންޑިއާއަށް ގެންގޮސް ފަރުވާ ދީފައެވެ.

ޝަޔާން ކުޑައިރުގެ ފޮޓޯއެއް..

"މީހުންގެ އެހީގަ ދިޔައީ، މިހާރު ޝަޔާން ވަރަށް ރަނގަޅު، އެކަމަކު ޑޮކްޓަރު ބުނި އަދިވެސް ދައްކަން އަންނާށޭ ފަހަރެއްގަ ގޯސްވެދާނޭ،" ޝަހީމާ ބުންޏެވެ.

ހިތުގެ މައްސަލަ ހުންނަ ޝަޔާން ބަލަހައްޓަން ޖެހެނީ ވަރަށް އޯގާތެރިކޮށް ކަމަށްވާއިރު އޮޕަރޭޝަނެއް ނުކޮށް މިހާތަނަށް ވަނީ ސަލާމަތްވެފައެވެ. ހަމައެކަނި ބޭހުން އޭނާއަށް ފަރުވާ ލިބެއެވެ. ނަމަވެސް އަދިވެސް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް އޮތީއެވެ. އެއީ އެތައް ހަރަދެކެވެ.

ދެން ހުރީ އޯޓިޒަމް ކުއްޖެއް

އެ އާއިލާގެ ހަގު ކުއްޖާ ކަމަށްވާ އުމުރުން ދެ އަހަރުގެ ޝާއިން އުފަންވިއިރުވެސް އެއްވެސް މައްސަލައެއް ހުންނަކަން ފާހަގައެއްނުވެއެވެ. ބޮޑުވަމުން ދިޔަ ވަރަކަށް އޭނާ ކަންކަން ކުރާލެއް ލަސްކަން ފާހަގަވިއެވެ. ނަމަވެސް އޭރުވެސް ވާގޮތެއް ނޭނގެއެވެ.

"އުފަންވިއިރު ނޭނގެ ފާހަގައެއް ނުވޭ އެއްވެސް މައްސަލައެއް. އާއިލާއެއްގައި ވެސް ނުހުރޭ އެފަދަ ބައްޔެއް. ވާހަކަ ނުދައްކާތީ އުޅުނީމަވެސް މީހުން ބުނޭ ތަންކޮޅެއް ލަހުން ވާހަކަ ދައްކާ ކުދިން ތިބެޔޭ،" އޭނާގެ މަންމަ ބުންޏެވެ.

ޝާއިންގެ އުމުރުން ދެ އަހަރުވީއިރު ވަރަށް ބޮޑު ތަފާތެއް ފާހަގަވިއެވެ. ވާހަކަ ނުދައްކަ އެވެ. މީހަކު އޭނާ އާއި ވާހަކަ ދެއްކިޔަސް އެކަމާ އަޅައެއް ނުލައެވެ. އޭނާ އުޅެނީ އަމިއްލަ އަމިއްލަ އަށެވެ. އެހެންމީހަކަށް ސަމާލުކަމެއް ނުދެއެވެ.

ޝާއިން-- އޭނާ އަކީ އޯޓިޒަމް ހުންނަ ކުއްޖެއް...

"ޓެސްޓް ތައް ހެދީމަ ޑޮކްޓަރުން ބުނީ އޯޓިޒަމް އޭ، މިދިޔަ އަހަރު ޖެނުއަރީގައި އެކަން އެނގުނީ، އޭރުންސުރެ ފަރުވާދެން،" މަންމަ ބުންޏެވެ.

އެދުވަހުން ފެށިގެން އެކިގޮތްގޮތުން ޝާއިންއަށް ފަރުވާ ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކި ތެރަޕީތައްވެސް ދަނީ ދެމުންނެވެ. މީހުންގެ ތެރެއަށް ގެންދިއުމުން ރަނގަޅުވާނެ ކަމަށް ބުނުމުން، ގަލޮޅު މަދުރަސާގެ ޕްރީ ސުކޫލަށް ފޮނުވައިގެން ދަނީ ތައުލީމް ހާސިލްކޮށްދެމުންނެވެ.

"ބޮޑުވަމުން އަންނަ ވަރަކުން ވަރަށް އުނދަގޫގޮތަށް ގެންގުޅެން ޖެހެނީ، ބޭނުންވާ ކަންކަން ކުރަން ބުނާކަށް ނޭނގޭ، މަންމަ ބައްޕަވެސް ނުކިޔާ، ތިން އަހަރުވާން ދާއިރު ސިކުނޑި ދޮޅު އަހަރު،" ޝަހީމާ ބުންޏެވެ.

އެތައް ޓެސްޓެއް ހަދައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ދެމުންދާ ފަރުވާއިންވެސް އަދިވެސް މާކަބޮޑު ކުރިއެރުމެއް ލިބޭތަނެއް ނުފެނެއެވެ. ޝަހީމާ ބުނި ގޮތުގައި ޑޮކްޓަރުންގެ އެދުމުގެ މަތިން ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދައަށް ވެސް ވަނީ ހުށައަޅާފައެވެ.

"ޓެސްޓް ހެދީމަ ބުނަނީ ބޭރަށް ގޮސް ފަރުވާ ދިނުމުން ރަނގަޅުވާނޭ، މާލީ ހާލަހަތު ހުރި ގޮތުން ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭގޮތް ނެތީ،" ޝަހީމާ ބުންޏެވެ.

އާދައިގެ އެ އާއިލާ ބަަލަހައްޓަމުންގެންދާ ކުދިންގެ ބައްޕަ އިބްރާހިމަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެކެވެ. މާލޭގައި އުޅެން ކުރަންޖެހޭ ބޮޑު ހޭދައާއެކު ދެދަރިންގެ ބޭސް ފަރުވާއަށް އެ އާއިލާވަނީ ނުކުޅެދިފައެވެ. އާއިލާ އެދެނީ ދީލަތި އެހީއަކަށެވެ.

އެ ދެބެއިންނަށް އެހީވުމަށް:

ޝަހީމާ: 7994826

ޝަހީމާގެ އެކައުންޓް ނަމްބަރު: :‎7703225766101

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް