ރިސޯޓުތަކަށް ބޭރު ފައިސާ ގަނެ ވިއްކުން ހުއްޓުވޭ އިސްލާހަކަށް މަޓީއިން ދެކޮޅު ހެދި

8 ފެބްރުއަރީ 2017: ދަރުބާރުގޭގައި ބޭއްވި މަޓީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމާ ބެހޭ ގަވައިދު މުރާޖާކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުށަހަޅަން އުޅުނު އިސްލާހަކަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ދެކޮޅު ހެދި ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

މަޓީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެމްއެމްއޭއިން އެ ގަވައިދު މުރާޖާކޮށް، މަޓީގެ ޚިޔާލު ހޯދުމަށްޓަކައި އޭގެ ޑްރާފްޓެއް ހުށަހެޅިއެވެ.

ގަވައިދުތައް މިހާރު އޮތް ގޮތުން، ރިސޯޓުތަކަށް ވެސް ބޭރު ފައިސާ ގަނެ ވިއްކެއެވެ. އެހެން ނަމަވެސް އެމްއެމްއޭއިން އެ ގަވައިދު މުރާޖާކޮށް، ހުށަހެޅި ޑްރާފްޓުގައި، ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ބޭންކުތަކާއި، އެކަމުގެ ލައިސެންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިއްޔެ ބޭއްވި މަޓީގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު ވިދާޅުވީ އެމްއެމްއޭއިން ހުށަހެޅި ޑްރާފްޓު ތަންފީޒުނުކޮށް ދޫކޮށްލަން އެމްއެމްއޭއަށް މަޓީއިން ބާރުއެޅި އެޅުން ކާމިޔާބުވި ކަމަށެވެ.

"އަޅުގަނޑުމެން ވަނީ އެކަން ދޫކޮށްލުމަށް އެދުނު އެދުމުގައި ކާމިޔާބު ހާސިލުކޮށްފައި. އެ ޑްރާފްޓުގައި އޮތް ގޮތަށް ގަވައިދު ތަންފީޒުކުރި ނަމަ އެކަމުގެ ސަބަބުން އިގްތިސާދުގައި ގަޑުބަޑު އުފެދޭނެ، އަދި އެކަމުގެ ސަބަބުން ރާއްޖޭގައި އޮތް ހުޅުވިފައިވާ އިގްތިސާދެއްގެ ސިޔާސަތަށް ވެސް ނޭދެވޭ އަސަރު ކުރާނެ،" މަޓީގެ ސެކްރެޓަރީ ޖެނެރަލް ނަޒީރު އިއްޔެ ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު މިއަދު "ސަން" އަށް ވިދާޅުވީ، އެ ގަވައިދު މުރާޖާކޮށް، މަޓީގެ ޚިޔާލު ހޯދުމަށް ވެސް ހުށަހެޅި ކަމަށެވެ.

އެ ޑްރާފްޓަށް ޚިޔާލު ހޯދަމުންދާ އިރު، އެ ގަވައިދު ފައިނަލްވާ އިރު، އޭރު ހުށަހެޅި ޑްރާފްޓަށް ބަދަލުތަކެއް އައިސްފައި އޮތުންވެސް އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް