ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

އެމްއެމްޕީއާރުސީ އޮފީސް: އެ އޮފީސް އަދިވެސް ހުރީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން އާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި އެވެ. މިއަދު އުފެއްދި އާ ކުންފުންޏަށް ކިޔަނީ މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑު ލިމިޓެޑެވެ.

މޯލްޑިވްސް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުގެ ނަމުގައި އާ ކުންފުންޏެއް އުފެއްދި އިރު، މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ނަމުގައިވެސް، ފަތުރުވެރިކަން ޕްރޮމޯޓުކުރާ ކުންފުންޏެއް އޮވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ބުނެފައިވަނީ އެކުންފުނި އުފެއްދެވީ ބޭރު ދުނިޔޭގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ބާޒާރަށް ނެރެވި، އެދާއިރާގެ ކަންކަން ކަންކަން ވަމުންދާ ގޮތް ބަލައި، ހަރުދަނާ ކުރުމަށްޓަކައި ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ އެކުންފުންޏަށް ހުއްދަކުރެވިފައިވާ ކެޕިޓަލަކީ ހިއްސާއެއް 10 ރުފިޔާއަށް ވާ ގޮތަށް، 100 މިލިޔަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އެއް ބިލިޔަން ރުފިޔާ ކަމަށެވެ.

މީގެ ކުރީގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުގެ ނަމުގައި އިދާރާއެއް އޮތެވެ. އެކަމަކު އެ ބޯޑު އުވާލައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން އުފެއްދެވި އެވެ.

އެމްއެމްޕީއާރުސީއަކީ މި ފަހުން ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ފެންމަތިވި، ދައުލަތުގެ ކުންފުންޏެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުވެސް ޝާމިލުވެގެން ހިންގި އެ ޚިޔާނާތުގައި ވަނީ އެތައް މިލިޔަން ރުފިޔާއެއް ގެއްލިފަ އެވެ.

މި ޚަބަރު ބޭރު ދުނިޔޭގައިވެ ސް ފެތުރުނު އިރު، އެމްއެމްޕީއާރުސީގެ ނަން މިވަގުތު ވަނީ ވަރަށް ބޮޑަށް ކިލަނބު ވެފައެވެ.

comment ކޮމެންޓް