ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް "އާލަމްތަކަށް ރަހުމަތެއް"ގެ ނަމުގައި ކެމްޕޭނެއް ފަށައިފި

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިޖްތިމާއީ ހަމަޖެހުން ގެނައުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިސްލާމިކް މިނިސްޓްރީން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

އެ ދެ މުއައްސަސާ ގުޅިގެން "އާލަމްތަކަށް ރަހުމަތެއް"ގެ ނަމުގައި މިއަދު އިފްތިތާހްކުރި ކެމްޕޭނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ ކެމްޕޭނެކެވެ.

މިއަދު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކެމްޕޭން އިފްތިތާހް ކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

އެ ކެމްޕޭންގެ ދަށުން، ދީނީ ގޮތުން ހައްދުފަހަނައެޅުމާއި އިސްލާމްދީނާ ދެކޮޅުވުމުގެ މައްސަލަތަކާގުޅޭ ގޮތުން ލިބޭ މައުލޫމާތުތައް ދެފަރާތުގެ ދެމެދުގައި ހިއްސާކޮށް އެފަދަ ކަންކަން ހުއްޓުވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ދީނީ މައުލޫމާތު ދިނުމަށް ހާއްސަ ކޭމްޕުތަކާއި ހުކުރު ހުތުބާގައި ހާއްސަ މައުލޫތަކަށް ހުތުބާ ދިނުމާއި ސްކޫލްތަކުގެ އެސެމްބަލީގައި ދީނީ ނަސޭހަތް ދިނުމުގެ އިތުރުން ރަށްރަށާއި ޖަލުތަކުގައި ތިބޭ ގައިދީންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި "އާލަމްތަކަށް ރަހުމަތެއް"ގެ ކެމްޕެއިނަށް ހާއްސަ ޓެބެއްވެސް ވަނީ އިފްތިތާހް ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ، ކުރިއާ އަޅައިބަލާއިރު ދިވެހީންގެ ހާލަތު ވަރަށް ދަށް ކަމަށާއި އެކަމާމެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން މިއަދު އެކަކު އަނެކަކަށް ކުރި އިހްތިރާމް ނެތް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިޖްތިމާއީ ހަމަޖެހުން ގެނައުމަށް ހާއްސަ ކެމްޕޭނެއް ފަށައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، ކުއްލިއަކަށް މުޖުތަމައު އިސްލާހެއް ނުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް