އަނިޔާއަށް ފަހު ކަވަހާލް ފަރިތަކުރުންތަކަށް، ޒިދާނަށް ބޮޑު ހިތްހަމަ ޖެހުމެއް

އިއްޔެ ބޭއްވި ރެއާލްގެ ފަރިތަކުރުން ތަކުގައި ކަވަހާލް(މ) ބައިވެރިވަނީ ---

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑެނީ ކަވަހާލް އަނިޔާއިން ސަލާމަތްވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ކަވަހާލަށް އަނިޔާވެފައި ވަނީ ލީގުގައި ސެވިއްޔާ އަތުން 2-1ގެ ނަތީޖާ އަކުން މިދިޔަ މަހު 16 ވަނަ ދުވަހު ކުޅުނު މެޗުގަ އެވެ. ނަމަވެސް ކަވަހާލް ވަނީ އެ މެޗުގެ 90 މިނެޓް ހަމަކޮށްފަ އެވެ.

އުކުޅުވަޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރެއާލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ކުޅެފައިނުވާ ކަވަހާލް ވަނީ އިއްޔެ އޮތް ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. ބެލެވޭ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗުގައި ކަވަހާލަށް ފުރުސަތު ދޭނެއެވެ.

ރަނގަޅު ފޯމެއްގައި ސީޒަން ފެށި ރެއާލުން ވަނީ ސްޕެނިޝް ލީގުގައި ބަލިނުވެ 40 މެޗު ހަމަކޮށް ރިކޯޑެއް ގާއިމްކޮށްފަ އެވެ. ރެއާލުން ރިކޯޑް ގާއިމް ކުރި ނަމަވެސް ޖެނުއަރީ މަހުގައި އެ ޓީމަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ ސެވިއްޔާ އަތުން ބަލިވެ ޖެހިގެން އައި މެޗުގައި ސެލްޓާ ވިގޯ އަތުން ބަލިވެ ސްޕެނިޝް ކަޕުން ވެސް ކަޓާފައެވެ.

ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާނަށް ލިބޭ އެންމެބޮޑު ހިތް ހަމަ ޖެހުމަކީ އޭރު އަނިޔާގައި ތިބި ލުކާ މޮޑްރިޗް އާއި މާސެލޯގެ އިތުރުން ޕެޕޭ އާއި ޖޭމްސް ރޮޑްރިގޭޒް އަނިޔާއިން ސަލާމްތްވެ ޓީމާ ގުޅިފައިވުމެވެ. އަނެއްކޮޅުން ކަވަހާލް ޓީމާއި ގުޅުމުން މިވަގުތު އަނިޔާގައި ހުރީ ގެެރެތް ބޭލް އެކަންޏެވެ. ބޭލް ވެސް މިހާރު އަންނަނީ މަޑުމަޑުން އަނިޔާއިން އިން އަރައިގަނެ ރިކަވަރީ ޕްރޮގްރާމްތަކުގައި ބައިވެރިވަމުންނެވެ.

comment ކޮމެންޓް